ކުއްޖާ ނިޔާވީ ސަރުކާރުގެ އިހުމާލާ ހެދި، އިސްވެރިން ޒިންމާ ނަގަން ޖެހޭ: އެމްޑީޕީ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް: ވިލިނގިލީގައި ހާލު ދެރަވި ކުއްޖާ ނިޔާވީ ސަރުކާރުގެ އިހުމާލުން ކަމަށް އެ ޕާޓީން ބުނޭ -- ސަން ފޮޓޯ

ގއ. ވިލިނގިލީގައި ހާލު ދެރަވެ، އެމާޖެންސީގައި މާލެ ގެނައި 13 އަހަރުގެ މުޙައްމަދު ޖާހު ޚާލިދު ނިޔާވީ ސަރުކާރުގެ ސީދާ އިހުމާލުން ކަމަށާއި އެކަމުގެ ޒިންމާ އިސްވެރިން ނަންގަވަން ޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީން މިރޭ ބުނެފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ވަނީ، ސްޓްރޯކެއް ޖެހި ހާލު ދެރަވި ޖާހު ފަރުވާ ދިނުމަށް މާލެ ގެނައުން، ސަރުކާރުގެ އިހުމާލުގެ ސަބަބުން 16 ގަޑިއިރަށް ވުރެ ލަސްވި ކަމަށާއި އެކަމާ އެ ޕާޓީން ހިތާމަ ކުރާ ކަމަށެވެ.

އެމްޑީޕީން ބުނީ އެ ހާދިސާއާ ގުޅިގެން ސަރުކާރުން ނެރުނު ބަޔާނުގައި، އިމަޖެންސީގައި ބަލި މީހުން އުފުލޭނެ އިންތިޒާމުތައް ހުރިކަން ކަށަވަރުވާއިރު، އެ ވަސީލަތްތައް ބޭނުން ނުކުރުން އެ ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"ސަރުކާރުގެ އިސްވެރިން މި ހާދިސާގެ ޒިންމާއިން ރެކި ދައުލަތުގެ ކުންފުނިތައް ބަދުނާމު ކުރާ ކުރުން މި ޕާޓީން ދެކެނީ ފިނޑި އަމަލެއްގެ ގޮތުގައެވެ. މިކަމުގައި ސަރުކާރުގެ އިސްވެރިން ޒިންމާ ނަގައި އާއިލާގެ ފަރާތުން މައާފަށް އެދުމަށް ގޮވާލަމެވެ." އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން، އެއާ އެމްބިއުލާންސްގެ ޚިދުމަތް އަންނަ މާޗު މަހުގެ އެއް ވަނަ ދުވަހު ފެށުމާ ހަމައަށް ރާއްޖޭގައި ލިބެން ހުރި ވަސީލަތެއް ބޭނުން ޖެހޭ ކޮންމެ ހާލަތެއްގައި ބޭނުން ކުރުމަށް އެމްޑީޕީން ގޮވާލިއެވެ. އަދި މިއީ ދިވެހި ދަރިއެއްގެ ފުރާނައަށްވުރެ އަމިއްލަ ސިޔާސީ މަސްލަހަތު ސަރުކާރުން އިސްކުރި ދެވަނަ ފަހަރު ކަމަށް ވެސް އެ ޕާޓީން ތުހުމަތުކުރިއެވެ.

"ސަރުކާރުން ގޮތް ދޫނުކުރުމުގެ އަގަކީ މައުސޫމު ދިވެހި ޅަދަރިންގެ ފުރާނައަށް މިއަދު މިވަނީ ވެފައެވެ." އެ ބަޔާނުގައިވެއެވެ.

އެމްޑީޕީން އިޝާރާތްކޮށްފައިވަނީ، އައްޑޫ ސިޓީގައި އިހި ނަގަން އުޅެނިކޮށް މިދިޔަ މަހުގެ 21ގައި 18 އަހަރުގެ މުހައްމަދު ނައީޝް ގެއްލުން މައްސަލައަށެވެ.

ނައީޝް ހޯދުމުގެ މަސައްކަތުގައި ސަރުކާރުން އިހުމާލުވެފައިވާކަމަށް ބުނެ އޭރު އެ ޕާޓީން ބަޔާނެއް ނެރުނެވެ. އެއީ އިންޑިއާ ޕައިލެޓުން ބޭނުންކޮށްގެން އޮޕަރޭޓުކުރާ ޑޯނިއާ މަތިންދާބޯޓު، އެ ކުއްޖާ ހޯދުމަށް ބޭނުންނުކުރާތީއެވެ.

https://sun.mv/186496

ޖާހު މާލެ ގެނައުން ލަސްވީ ވެސް، ސިއްހީ ކުއްލި ހާލަތްތަކުގައި ބޭނުން ކުރުމަށް އިންޑިއާއިން ހަދިޔާކޮށްފައިވާ ވައިގެ އުޅަނދުތައް ބޭނުންކުރަން ދެކޮޅު ހެދުމުން ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ އެ މައްސަލަ 'އިންޑިއާ އައުޓް' ހަރަކާތާ ގުޅުވައިފައެވެ. ނަމަވެސް އެ ތުހުމަތުތަކަށް ރައްދު ދެއްވައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވަނީ، މެޑިކަލް އިވެކުއޭޝަނަށް އާންމު ގޮތެއްގައި ބޭނުންކުރަނީ މޯލްޑިވިއަންގެ ބޯޓުތައް ކަމަށް ވިދާޅުވެފައެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް، މިދިޔަ ދައުރުގައި އިދިކޮޅުގައި އޮތް ޕީޕީއެމް، ޕީއެންސީން ފެށި ހަރަކާތެކެވެ. އެ ކޯލިޝަން ތެރެއިން ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދުފުޅަކީ އިންޑިއާ ސިފައިން ބޭލުމެވެ.

އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު، އެ މަސައްކަތް ފައްޓަވައި، މާޗު 15ގެ ކުރިން ސިފައިން ބޭލުމަށް ރައީސް ވަނީ އިންޑިއާގައި އެދިވަޑައިގެންފައެވެ.

މީގެ ކުރިން ރައީސް ވަނީ، ބަލި މީހުން އުފުލަން އެއާ އެމްބިއުލާންސް ތައާރަފުކޮށް، ދެން އެކަމަށް އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ ބޭނުން ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް