ގެވެށި އަނިޔާއިން ރައްކާތެރިވުމަށް އެދޭ އަމުރަށް ދައްކަންޖެހޭ 25 ރުފިޔާ ކަނޑާލައިފި

ގެވެށި އަނިޔާ އާއި ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގެ ތެރެއިން: ފެމިލީ ކޯޓުން ވަނީ ގެވެށި އަނިޔާއިން ރައްކާތެރިވުމަށް އެދޭ އަމުރަށް ދައްކަންޖެހޭ 25 ރުފިޔާ ކަނޑާލައިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރެއް ހޯދުމަށް އެދި ފެމިލީ ކޯޓަށް ހުށަހަޅާއިރު، އެ ކޯޓަށް ފީއެއްގެ ގޮތުގައި ދައްކަން ޖެހޭ 25 ރުފިޔާ، އެ ކޯޓުން ކަނޑަލައިފިއެވެ.

ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފެމިލީ ކޯޓަށް ކުރިން ދައްކަން ޖެހޭ 25 ރުފިޔާ، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދި ހުށަހަޅާ ފޯމުގައި ދައްކަން ޖެހޭ ކަަމަށް މިހާރު ނެތެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ބްލޮގްގައި މިއަދު ވިދާޅުވީ އަނިޔާއިން ރައްކާތެރިވުމުގެ އަމުރެއް ހޯދުމަށް އެދި ހުށަހަޅާ މީހާގެ ހާލަތަށް ވިސްނައި، މި 25 ރުފިޔާ ނުދައްކާގޮތަށް ބަދަލުކުރުން މުހިންމު ކަމަށް ހުރިހާ އިދާރާތަކަށް ފެނުނު ކަމަށާއި، އެކަން ބަދަލުކުރުމަށް އެމަނިކުފާނު އިސް ނެންގެވިކަމަށެވެ.

"އެ ފައިސާ ދައްކަން ޖެހެނީ ބަނޑޭރި ޕޯޓަލް މެދުވެރިކޮށްކަމަށްވާތީ، އެކަމަށް އިންޓާނެޓާއި އެ ނޫންވެސް ވަޞީލަތްތައް ބޭނުންވެއެވެ. ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރެއް ހޯދުމަށް އެދި ހުށަހަޅާ މީހާ، ޢާންމުކޮށް ހުންނާނެ ނިކަމެތި ޙާލަތަށް ވިސްނައި، މި 25 ރުފިޔާ ނުދައްކާގޮތަށް ބަދަލުކުރުމުގެ މުހިންމުކަމެއްކަމަށް ހުރިހާ އިދާރާތަކަށްވެސް ފެނުނެވެ. މިކަމާ ފެމިލީ ކޯޓަށް ހިނގުމާ ޙަވާލުވީ އަޅުގަނޑާއެވެ." ޝަމީމް ވިދާޅުވިއެވެ.

ޤަޟާއީ އާ އަހަރާއި ގުޅޭގޮތުން ޕީޖީ ޝަމީމް ޝާއިއުކުރެއްވި ބްލޮގް ޕޯސްޓެއްގައި ވިދާޅުވީ، 25 ރުފިޔާގެ މައްސަލަ ފެމިލީ ކޯޓުގެ ސަމާލުކަމަށް އައިސްގެން، ފަނޑިޔާރުންގެ މަޖިލީހުން އެ 25 ރުފިޔާ ކަނޑާލަން ކުރިން ނިންމެވި ކަމަށެވެ.
އެ ނިންމެވުން ތަންފީޒުކުރެވުނީ މި ފެށުން ޤަޟާއީ އާ އަހަރުއެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މަސައްކަތުގެ މި އަހަރުގެ އެއް އަމާޒަކީ، ކުށުގެ ސަބަބުން އަނިޔާ ލިބޭ މީހުންނަށް އިންޞާފު ހޯދައިދިނުމުގެ މަސައްކަތް ހަރުދަނާކުރުން ކަމަށާއި، އަނިޔާ ލިބޭ މީހުންނަށް ޚިދުމަތްތައް ހޯދުމުގައި ހުރި ދަތިތައް ފިލުވައިދީ، ހުރިހާ އިދާރާތައް ގުޅިގެން، ދުނިޔޭގެ ފެންވަރުގެ ވިކްޓިމް ސަޕޯޓް ނިޒާމެއް ޤާއިމު ކުރުން ކަމަށް ޝަމީމު ވިދާޅުވިއެވެ.

comment ކޮމެންޓް