އިރާނާއި ޕާކިސްތާނުގެ މައްސަލައިގައި މެދުވެރިއަކަށްވާން ތުރުކީވިލާތުން ހުށަހަޅައިފި

ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ހަކާން ފިދާން -- ފޮޓޯ/އިންގްލިޝް އަރަބިޔާ

އިރާނާއި ޕާކިސްތާނުގެ މައްސަލައިގައި މެދެވެރިއަކަށްވާން ތުރުކީވިލާތުން ހުށަހަޅައިފިއެވެ.

ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ހަކާން ފިދާން ވިދާޅުވީ އީރާނާއި ޕާކިސްތާނާއި ދެމެދު މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ދެ ގައުމުން ވެސް މަޑުމައިތިރިކަމާއި ސުލްހަވެރިކަމާ އެކު ކަންތައްތައް ކުރިއަށް ގެންދިއުމަށް ޕާކިސްތާނާއި އިރާނުގެ ޚާރިޖީ ވަޒީރާ ވެސް ވާހަކަފުޅު ދައްކަވައިފާނެ ކަމަށެވެ.

އީރާނުގެ އިންގިލާބީ ލަޝްކަރުން ޕާކިސްތާނުގެ ބަލޫޗިސްތާން ޕްރޮވިންސްގައި ޙަރަކާތްތެރިވާ ޖައިޝް އަލް އަދްލް ނަމަކަށް ކިޔާ ޖަމާއަތަކަށް އަމާޒުކޮށް ހަމަލާދިނީ މި މަހުގެ މި މަހުގެ 17 ވަނަ ދުވަހުއެވެ. ބަދަލުގައި ޕާކިސްތާނުން އިއްޔެ ވަނީ އީރާނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ޕާކިސްތާނުގެ އަސްކަރިއްޔާއިން އީރާނުގެ އަވަށަކަށް ހަމަލާ ދީފައިވަނީ މިސައިލާއި ޑްރޯން ބޭނުންކޮށްގެންނެވެ. އެ ހަމަލާ ދިނުމުގެ ކުރިން ޕާކިސްތާނުން ވަނީ އެ ގައުމުގައި ހުންނަ އީރާނުގެ ސަފީރު އަނބުރާ ގައުމަށް ފޮނުވާލުމަށް ނިންމައިފައެވެ.

އުރުދުންގެ ވެރިރަށް އައްމާންގައި ހުންނަވައި ވާހަކަފުޅު ދައްކަވަމުން ހައްކާން ވިދާޅުވީ މެދުއިރުމަތީ ސަރަހައްދަކީ އެއްވެސް ކަހަލަ ހަމަނުޖެހުމަކާއި މައްސަލަތަކެއް ބޭނުންވާ ސަރަހައްދެއް ނޫން ކަމަށާއި، ޕާކިސްތާނާއި އީރާނާއި ދެމެދު އޮތް ކަންބޮޑުވުންތައް ވަރަށް ކައިރިން ބަލަމުންދާ ކަމަށެވެ.

އީރާނުގެ އިންގިލާބީ ލަޝްކަރުން ހަމަލާ ދިން ޖައިޝް އަލް އަދްލުން ވަނީ މީގެ ހަފުތާތަކެއް ކުރިން އީރާނުގެ ފުލުހުންގެ މަރުކަޒަކަށް ހަމަލާ ދިނުމަށް ފަހު 11 މީހުން މަރައިލައިފައެވެ. އީރާނުން ވަނީ އެ ހަމަލާގެ ބަދަލުހިފާނެ ކަމަށް ބުނެފައެވެ. ޕާކިސްތާނަށް ހަމަލާ ދިނުމުގެ ކުރިން އީރާނުން ވަނީ އިސްރާއީލުގެ ޖާސޫސުން އިރާގުގައި ބޭނުންކުރަމުންދިޔަ އިމާރާތަކަށާއި ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންނާ ދެކޮޅަށް ވެސް ހަމަލާ ދީފައެވެ.

comment ކޮމެންޓް