ކޮންމެ ގައިދީއަކަށް މަހަކު 21،000އާއި 30،000 ރުފިޔާއާ ދެމެދުގެ ޚަރަދެއް ކުރޭ

މާފުށީ ޖަލު --- ފޮޓޯ/ ދުވަސް އޮންލައިން

މިވަގުތު ޖަލުގައި ތިބި ކޮންމެ ގައިދީއަކަށް ދައުލަތުން މަހެއްގެ މައްޗަށް 21،000 ރުފިޔާއާއި 30،000 ރުފިޔާއާ ދެމެދުގެ ޚަރަދެއް ކުރަން ޖެހޭ ކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ޖަލުތައް ބަލަހައްޓާ ކަރެކްޝަނަލް ސާވިސްއިން މިއަދު "ސަން"އަށް ބުނި ގޮތުގައި ޖަލުތަކުގައި ތިބި މީހުންގެ އަދަދު 1،300އަށް ވުރެ އިތުރެވެ.

އެ އަދަދުން ހިސާބު ހަދާއިރު، ދައުލަތުން ކޮންމެ މަހަކު ގައިދީންނަށް ޚަރަދު ކުރަން ޖެހޭ މިންވަރު 27.3 މިލިއަނާއި 39 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް އަރާނެއެވެ.

ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ރޭ އިހުސާން ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ އެކި ސަރަހައްދުތަކުގައި ޖަލުތައް ހިންގުމުގެ ބަދަލުގައި، މަރުކަޒީ އެއް ޖަލު ގާއިމުކޮށް ޚިދުމަތް ދިނުން ކަމަށެވެ. އެފަދަ ޖަލެއް ގާއިމުކުރުމުން ގައިދީންގެ ޚިދުމަތްތަކަށް ކުރަން ޖެހޭ ޚަރަދު ކުޑަވެ، ރިހެބިލިޓޭޝަނަށް އިސްކަން ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކ. އަތޮޅު މާފުށީގައިއާއި ހިންމަފުށީގައި މިހާރު ޖަލުތައް ހިންގަމުން އަންނައިރު މިވަގުތު އެ ޖަލުތަކުގެ ހާލަތު ހުރި ގޮތުން ގައިދީން ކުށުގެ ޒާތަށް ބަލައި ވަކި ނުކުރެވޭތީ، ރިހެބިލިޓޭޓް ކުރަން އުނދަގޫވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

އެހެންވެ، މަރުކަޒީ ޖަލެއް ހަދާއިރު ސަރުކާރުގެ އަމާޒަކީ ކޮންމެ ގައިދާއަކު ވެސް ޖަލުގައި ހުންނަ މުއްދަތުގައި އިސްލާހު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ގައިދީންނަށް މަސައްކަތް ކުރެވޭނެ ގޮތާއި ތަމްރީނު ހެދުމުގެ ފުރުސަތު ދޭނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވިސްނުމެއް އެބަހުރި ޖަލުގައި ތިބޭ މީހުންނަށް ރާއްޖޭގައި މިތިބި ހުރިހާ ޔުނިފޯމްޑް މުއައްސަސާއަކަށް ބޭނުންވާވަރަށް ޔުނިފޯމް ފެހޭނެ ފަދަ ފެކްޓަރީ ސްޓައިލަށް މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކުރުން،" އޭނާ ވިދާޅުވިއެވެ.

"އޭރުން ޖަލުގައި ތިބޭ މީހުން ބޭނުންކޮށްގެން އަޅުގަނޑުމެން އެތަނުގައި ފެހުމުގެ ކަންތައް ވެސް ގެންދާނީ، ސުޕަވައިޒް ކުރުމުގެ ކަންތައް ވެސް ގެންދާނީ."

އޭގެ އިތުރުން ޖަލުގައި ކައްކައި ކާން ދިނުމުގެ މަސައްކަތް ވެސް ކުރަން ޖެހޭނީ ގައިދީން ކަމަށް ގަބޫލުކުރައްވާކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ އެ މީހުން އެކަމަށް ތަމްރީނު ކުރެވޭނެ ކަމަށެވެ. އެގޮތުން ރާއްޖެއާއި ބައިނަލްއަގުވާމީ މިންގަނޑުގެ ސެޓްފިކެޓްތައް ލިބޭ ވަރަށް ގައިދީން ތަމްރީނު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖެއަކީ ބޮޑު ސާވިސް އިންޑަސްޓްރީއެއް އޮތް ތަނެއް. އެހެންވީމަ ޖަލުގައި ހުންނަ މީހާ ޖަލުން ރިހެބިލިޓޭޓް ކުރެވި، ނުކުމެގެން އައިސް މަސައްކަތު މާހައުލާ ގުޅެވޭ ފެންވަރަށް އޭނާއަށް ސާވިސް އިންޑަސްޓްރީގައި މި ދެންނެވި ދާއިރާއިން އެފްއެންބީ ސާވިސް އިންޑަސްޓްރީއަށް ޑެވެލޮޕް ކުރެވިއްޖެ ކަމަށް ވަންޏާ އެމީހާއަށް އޮތީ ފުރުސަތެއް ނޫންތޯ އިތުރަށް ދެން ކްރައިމްގެ މާހައުލުން ނެއްޓި، ވަޒީފާގެ ބާޒާރުގައި އުޅެން،" އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު ޖަލުގެ ކޮންސްޓްރަކްޝަނާއި މެއިންޓެނެންސް މަސައްކަތް ވެސް ގައިދީންނާ ހަވާލުކުރެވޭ ގޮތަށް، އެ ހުނަރު ދަސްކޮށް ދިނުމުގެ މަސައްކަތް ކުރާނެ ކަމަށް އިހުސާން ވިދާޅުވިއެވެ. އެ މަސައްކަތްތައް ކުރުވަން އިންތިޒާމު ކުރާނީ ގައިދީންނަށް އެކަށީގެންވާ އުޖޫރައެއް ދެވޭ ގޮތަށްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް