ހުޅުމާލޭ ޖަލުގެ ގައިދީއަކު ނިޔާވެއްޖެ

ހުޅުމާލެ ޖަލު -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއަކު ރޭ ނިޔާވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން ނިޔާވެފައިވަނީ ރ. މަޑުއްވަރީ ވިންޑްމާގޭ އަޙްމަދު އިޖާޒު، 44އ، އެވެ.

އެ ޚިދުމަތުން ބުނީ އޭނާއަށް ނޭވާލާން އުނދަގޫވެގެން މިމަހުގެ އަށެއްގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އޭރު އޭނާ އީއާރްގައި އެޑްމިޓްކުރި ކަމަށެވެ.

އިޖާޒަކީ ޓީބީ ބަލި ހުރި މީހަކަށް ވެފައި، ބަލީގެ ޙާލަތު ދެރަކަމުން އޭނާ ޖެހިގެން އައި ދުވަހު އައިޖީއެމްއެޗްގެ އައިސީޔޫގައި އެޑްމިޓްކޮށް، ފަރުވާ ދޭން ފެށި ކަމަށް ވެސް ކަރެކްޝަންސްއިން ބުންޏެވެ.

އޭގެ ފަހުން އޭނާގެ ހާލަތު ގޯސްވުމުން ވެންޓިލޭޓަރަށް ލީ ކަމަށާއި ނަމަވެސް ރޭ 23:30 ހާއިރު އޭނާ ނިޔާވެފައިވާކަމަށް އައިސީޔޫއިން ކަނޑައަޅާފައިވާ ކަމަށް ކަރެކްޝަންސްއިން ހިއްސާކުރި މައުލޫމާތުގައިވެއެވެ.

އިޖާޒަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލައެއްގައި، ތިން އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރަމަށް މިމަހުގެ ހަތެއްގައި ހުޅުމާލެ ޖަލަށް ގެންދިޔަ މީހެއް ކަމަށް ވެސް އެ ޚިދުމަތުން ބުންޏެވެ.

އޭނާ ނިޔާވުމާ ގުޅިގެން އެކަން ވަގުތުން އޭނާގެ އާއިލާއަށާއި އިންސްޕެކްޓަ އޮފް ކަރެކްޝަނަލް ސާވިސްއަށާއި ފުލުހަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންއަށް އަންގާފައިވާކަން ކަރެކްޝަންސްއިން ފާހަގަކުރިއެވެ.

comment ކޮމެންޓް