މޫލާފައި ހުރި ގޭންގުތަކުގައި ކުޑަކުދިން، 'ހައްލަކީ ރިހެބިލިޓޭޓުކުރުން'

ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު: އޭނާ ވިދާޅުވީ، ގޭންގު ކުށްތަކުގައި ބައިވެރިވާ ކުދިން ރިހެބްލިޓޭޓް ކުރުވަން ޖެހޭ ކަމަށް -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

ގޭންގު ހަދައިގެން ހިންގާ ބޮޑެތި ކުށްތަކުގައި ކުޑަކުދިން ޝާމިލުވާ ކަމަށާއި އެ މައްސަލައަށް އޮތް ދާއިމީ ހައްލަކަށް ވާނީ ހަރުދަނާ އަދި ވަށައިޖެހޭ ނިޒާމެއްގައި ރިހެބިލިޓޭޓުކުރުން ކަމަށް ފުލުހުންގެ ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ގޭންގު ކުށްތަކުގައި ކުޑަކުދިން ބައިވެރިވާ މިންވަރު މި ފަހުން ވަނީ އިތުރުވެފައެވެ. ގާނޫނުގައި ހުންނަ ބައެއް ބާގަނޑުތަކުގެ ބޭނުންކުރަން ބޮޑެތި ކުށްތަކަށް އަރައިގަންނަން ގޭންގުތަކުން ކުޑަކުދިން ބޭނުން ކުރެއެވެ.

ކޮމިޝަނަރު ޝުޖާއު މިދިޔަ ހޯމަ ދުވަހު "ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، ގޭންގުތަކުގެ މައްސަލައަކީ ވަރަށް ކުރީން ފެށިގެން ބޮޑުވަމުން ބޮޑުވަމުން އައިސްފައި އޮތް މައްސަލައެއް ކަމަށެވެ. އެ ކުށްތައް ފެށިގެން އައި ދުވަސްވަރު އެކަށީގެންވާ މިންވަރެއްގައި ގޭންގުތައް ހުއްޓުވަން މަސައްކަތް ކުރެވުނު ނަމަ، މިހާ ބޮޑަށް އެ މައްސަލަ ފުޅާވެގެން ނުދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/186769

"މިކަން ފެށިފައި މި އޮތީ ވަރަށް ކުރީގައި. އެ ދުވަސްވަރު އަޅުގަނޑުމެންނަށް މި ކަމުގެ ހުރި ބޮޑުކަމާއި މި ކަމުން ނުކުމެދާނެ ކަންތައްތަކަށް ރިއާޔަތްކޮށް، އަޅުގަނޑުމެންގެ ހުރިހާ ރިސޯސްތަކެއް ބޭނުންކޮށްގެން ރަނގަޅު ހަރުދަނާ ޕްރޮގްރާމްތަކެއް ގެންދެވުނު ނަމަ، މި ލެވެލަށް އަޅުގަނޑު ގަބޫލެއް ނުކުރަން އޮންނާނެ ކަމަކަށް،" ޝުޖާއު ވިދާޅުވިއެވެ.

"އެހެންނަމަވެސް އެ ވާހަކަ އަޅުގަނޑު ނެތިން ދައްކާކަށެއް،"

ދައްކަން އޮތީ ކުރެވެހެން ހުރި ކަންކަމުގެ ވާހަކަކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ އެހެންނަމަވެސް ފުލުހުންގެ ހުރިހާ ލީޑާޝިޕެއްގައި ވެސް ގޭންގުތަކާ ދެކޮޅަށް ހަރުދަނާ މަސައްކަތްތަކެއް ކުރެވިފައި އެބަހުރި ކަމަށެވެ. އެގޮތުން، ބައެއް ފަހަރު ގޭންގުތަކާ ދެކޮޅަށް ފުލުހުންގެ ހުރިހާ ރިސޯސްއެއް ވެސް ބޭނުންކޮށްފައި އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ވެސް ފާހަގަ އެބަކުރެވޭ، މި ކަންތައްތަކުގައި ކުޑަކުދިން އެބަ ބޭނުންކުރޭ،" ކޮމިޝަނަރު ވިދާޅުވިއެވެ.

ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު: އޭނާ ވިދާޅުވީ ކުށްތަކަށް އަރައިގަންނަ ޒުވާނުން ރިހެބިލިޓޭޓު ކުރުމަކީ ދާއިމީ ހައްލެއް ކަމަށް -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

އެ ކުދިން ކުށްކުރާ ހިސާބުން މުޖުތަމައުން ދޫކޮށްލާ ކުށްވެރި ގޮތުގައި ގެންގުޅުމުގެ ވިސްނުމެއް ފުލުހުންގެ ނެތެވެ. ކޮމިޝަނަރު ގަބޫލުކުރައްވާ ގޮތުގައި ދުރުރާސްތާއެއްގައި މި މައްސަލައަށް އޮތް ހައްލަކަށް ވާނީ، ކުށްތަކަށް އަރައިގަންނަ ކުދިންނަށް ހާއްސަކޮށްގެން ހަރުދަނާ އަދި ވަށައިޖެހޭ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކެއް ހިންގައި، އެ ކުދިންނަކީ 'ރީފޯމް'ވެފައިވާ ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައަށް ނެރެވިގެންނެވެ.

"އެ ކުދިން އެ ކަންތައްތަކުން ސަލާމަތްކޮށް، އެ ކުދިން އަނބުރާ ރަނގަޅު ބައެއްގެ ގޮތުގައި ހެދުމަށްޓަކައި މަސައްކަތްތަކެއް ސިސްޓަމެޓިކްކޮށް ކުރުން މިއީ އަޅުގަނޑު ދެކޭ ގޮތުގައި ވެއްޖިއްޔާ މި ކަމަށް ރަނގަޅު ހައްލެއް އަންނާނެ ކަމެއް،" އޭނާ ވިދާޅުވިއެވެ.

މިހާރު ވެސް ގޭންގު ގްރޫޕުތަކުން އާންމުކޮށް ހަރަކާތްތެރިވާ ސަރަހައްދުތަކުގައި ފުލުހުން ބައިތިއްބައެވެ. އަދި، އެކަމުގެ ސަބަބުން އާންމުންގެ ރައްކާތެރިކަން އެ ވަގުތުތަކުގައި ކަށަވަރު ކުރެވޭކަން ވެސް ޝުޖާއު ފާހަގަ ކުރެއްވިއެވެ.

އެކަމަކު، އެއީ ރާއްޖެއަށް ދިމާވެފައި އޮތް ގޭންގުތަކުގެ ނުރައްކާތެރި މައްސަލައަށް އޮތް ދާއިމީ ހައްލެއް ނޫނެވެ.

"ގްރޫޕްސްތައް ހިމެނޭ ސަރަހައްދުތަކުގައި ފުލުހުން ބޭތިއްބުމުގެ އިތުރުން، މީގައި މިއުޅޭ ކުދިން ރިހެބިލިޓޭޓުކުރަން އެބަޖެހޭ. އޭރުން އަޅުގަނޑަށް ހީވަނީ ރެކްރޫޓްމަންޓުގެ ބައި ވެސް ކުޑަވެގެންދާނެހެން," ޝުޖާއު ވިދާޅުވިއެވެ.

"އަނެއްކޮޅުން މީގައި އުޅޭ ކުދިން ވެސް މީގެ ތެރެއަށް އިތުރަށް ނުރައްކާތެރި ބަޔަކަށް ވުމުގެ ކުރިން އެ ކުދިންނަށް ފަރުވާދެވި، އެ ކުދިން އަނބުރާ މުޖުތަމައަށް ރަނގަޅު ކުދިބައެއްގެ ގޮތުގައި ނެރުމަށް އަޅުގަނޑަށް ހީވަނީ މިއީ ރަނގަޅު ގޮތެއް ކަންނޭނގެ އެ މަސައްކަތް ފަށަން،"

ޕޮލިސް ކޮމިޝަނާ އަލީ ޝުޖާއު -- ސަން ފޮޓޯ: އިބްރާހީމް ޝަމްވީލް

އޭނާ ވިދާޅުވީ، ގޭންގު ކުށްތަކުގައި ހަރަކާތްތެރިވާ ކުދިންގެ ޕްރޮފައިލް ހަދައިގެން އެ ކުދިން ރިހެބިލިޓޭޓު ކުރުމުގެ ހަރުދަނާ ނިޒާމެއް އެކުލަވައިލުމުގެ މަޝްވަރާތައް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. އަދި، އެއީ މިހާރުގެ ހޯމް މިނިސްޓަރު އަލީ އިހުސާން ވަރަށް ބޮޑު އިސްކަމެއްދެއްވާ ކަމެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"ބޮޑެތި ކުށްތައް ކޮށްފައި ތިބި ފަރާތްތަކަށް އަވަހަށް ފިޔަވަޅު އެޅުމަކީ މި ފަދަ ކުށްތަކަށް ވަންނަ މީހުންނަށް ދެވޭނެ މެސެޖެއް،" އޭނާ ވިދާޅުވިއެވެ.

"އެއްވެސް ވަރަކަށް އަޅުގަނޑުމެން ބޭނުމެއް ނުވޭ ޒުވާނުންތަކެއް ބޭކާރު ބައެއްގެ ގޮތުގައި ގެއްލި ހަލާކުވެދާކަށް،"

އެހެންވެ، ޒުވާނުންތަކެއް ކުށުގެ ވެއްޓަށް ވަދެ، ބޭކާރު ވެގެން ނުދާނެކަން ކަށަވަރުކުރަން ޖަލުތަކުގައި ވެސް އަދި އެ ނޫން ތަންތަނުގައި ވެސް ހަރުދަނާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޭރުން ކުށްތަކަށް އަރައިގަންނަ ޒުވާނުންނަކީ ޒިންމާދާރު ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައަށް ނެރެވޭނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

comment ކޮމެންޓް