ޣައްޒާއަށް ދޭ ހަމަލާތައް އަންނަ އަހަރާ ހަމައަށް ދެމިގެންދާނެ: ނަތަންޔާހޫ

އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ކެބިނެޓް ބައްދަލުވުމެއްގައި -- ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް 2025 ވަނަ އަހަރާ ހަމައަށް ދެމިގެންދާނެ ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

ނަތަންޔާހޫ އެގޮތަށް ވިދާޅުވީ ޣައްޒާ ސަރަހައްދުގައި ހުންނަ އިސްރާއީލުގެ ރަށްތަކުގެ ކައުންސިލުތަކުގެ ވެރިންނާ ބައްދަލުކުތައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ޣައްޒާ ކައިރީގައި އޮންނަ މީހުން ހުސްކޮށްފައިވާ އިސްރާއީލުގެ ރަށްތަކަށް ދާން އެއްބަސްވާ އިސްރާއިލުގެ ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ދިފާއީ ވުޒާރާއިން މިހާރު ކަނޑައަޅައިފައި އޮތް އޮނިގަނޑު މުރާޖައާ ކުރުމަށް އެއްބަސްވެފައިވާ ކަމަށް އެ ބައްދަލުވުމުގައު ނަތަންޔާހޫ ވިދާޅުވެފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ނަމަވެސް ސަލާމަތީ ކަންކަމާހުރެ އެ ސަރަހައްދަށް ދާން ގިނަ ރައްޔިތުން ބޭނުންނުވާ ކަމަށް ކައުންސިލުތަކުގެ ވެރިން ވަނީ ބުނެފައެވެ.

އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް އިސްރާއީލުން ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް 24،285 ފަލަސްތީނު މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެންނުންނާ ކުޑަކުދިން ކަމަށް ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ހާމަކުރެއެވެ. ހަމަލާތަކުގައި ޒަޚަމުވި މީހުންގެ އަދަދު މިހާތަނަށް ވަނީ 61،154 އަށް އިތުރުވެފައެވެ.

ޖުމުލަ 2.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ފަލަސްތީނުގެ 85 އިންސައްތަ މީހުންގެ ގެދޮރު ދޫކޮށްލުމަށް މަޖުބޫރުވެފައިވާ ކަމަށާއި، ކާނާއާއި ސާފު ބޯފެން އަދި ބޭސް ވެސް ޣައްޒާގެ ރައްޔިތުންނަށް ލިބުން ދަތިވެފައިވާ ކަމަށް އދ. އިން ބުނެއެވެ.

comment ކޮމެންޓް