ޖަޕާނުގެ ޝިޕިން ކުންފުނިތަކުން ރަތް ކަނޑުން ކުރާ ދަތުރުތައް ހުއްޓާލައިފި

ޙޫޘީންނާ ގުޅިފައިވާ ޔަމަނުގެ ކޯސްޓު ގާޑެއް ރަތް ކަނޑުގައި ހަރަކާތްތެރިވަނީ --- ފޮޓޯ/އިންގްލިޝް އަރަބިޔާ

ރަތް ކަނޑުން ދަތުރުކުރާ އިސްރާއީލާ ގުޅިފައި އޮންނަ ބޯޓުތަކަށް ޔަމަނުގެ ހަތިޔާރުއެޅި ޖަމާޢަތް، ޙޫޘީން ދޭ ޙަމަލާތަކުގެ ސަބަބުން ޖަޕާނުގެ ބޮޑު ތިން ޝިޕިން ކުންފުންޏަކުން ރަތް ކަނޑުގައިކުރާ ދަތުރުތައް ހުއްޓައިލައިފިއެވެ.

ރަތް ކަނޑުން ދަތުރުކުރުން ހުއްޓައިލާފައި ވަނީ ޖަޕާނުގެ ނިޕޯން ޔޫސެން، ކަވަސާކީ ކައިސެން ކައިޝާ އަދި މިތްސޫއީ އޯ އެސް ކޭ ލައިންސް ޝިޕިން ކުންފުނިންނެވެ.

ޖަޕާނުގެ ބޮޑު ތިން ކުންފުންޏަކުން ރަތް ކަނޑުގައި ކުރާ ދަތުރުތައް ހުއްޓައިލުމަށް ނިންމިއިރު، ނިޕޯން ޔޫސެންއަށް ނިސްބަތްވާ ކޮންޓެއިނާ އުފުލާ ބޯޓެއް ކަމަށްވާ، ގެލްކްސީ ލީޑާ މިދިޔަ ނޮވެމްބަރު މަހު ޙޫޘީން ވަނީ ހިފަހައްޓައިފައެވެ. އެ ބޯޓު ހިފަހައްޓައިފައި ވަނީ އިސްރާއީލާ ގުޅުން އޮތް ކަމަށް ތުހުމަތުކޮށެވެ.

މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން އެމެރިކާއާއި އިނގިރޭސިވިލާތުގެ ސިފައިން އަންނަނީ ޔަމަނުގެ ޙޫޘީންގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކަށް ބޮން އަޅަމުންނެވެ. ޔަމަނަށް ބޮން އަޅަމުންދަނީ ބޯޓުތަކަށް ޙޫޘީންދޭ ހަމަލާތައް ހުއްޓުވުމަށް ކަމަށް އެމެރިކާއިން ބުނެއެވެ.

އެ ސަރަހައްދުގައި މިހާރު އޮތް ހާލަތުން މެދުއިރުމަތީގައި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. ޙޫޘީންގެ ހަމަލާތަކުގެ ސަބަބުން ދުނިޔޭގައި ކަނޑު މަގުން ކުރާ ވިޔަފާރިއަށް ވަރަށް ބޮޑަށް ބުރޫއަރާނެ ކަމަށް ވެސް މާހިރުން ވިދާޅުވެއެވެ.

ރަތް ކަނޑުން ދުނިޔޭގެ ކަނޑު މަގުން ކުރާ ވިޔަފާރީގެ 12 އިންސައްތަ ހިއްސާކުރެއެވެ.

ރަތް ކަނޑުގައި ދަތުރުކުރާ ބޯޓުތަކަށް ދޭ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބޮޑެތި ޝިޕިން ކުންފުނިތަކުން ވަނީ ރަތް ކަނޑުގެ ބަދަލުގައި އެފްރިކާގެ ކޭޕް އޮފް ގުޑް ހޯޕް ވަށައިގެން އޮންނަ މަގުން ދަތުރުތައް ކުރަން ފަށައިފައެވެ.

comment ކޮމެންޓް