މިދިޔަ މަހު އެންމެ ގިނައީ ކުޑަކުދިންނަށް ކުރި ޖިސްމާނީ ގޯނާގެ މައްސަލަތައް

ޖުލައި 12، 2020: ރޭޕް ކުރުމާއި ދެކޮޅަށް ކޮށްފައިވާ މުޒާހަރާއެއްގެ ތެރެއިން: ޑިސެންބަރު މަހު އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ ޖިސްމާނީ ގޯނާގެ މައްސަލަތައް ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއަށް މިދިޔަ މަހު އެންމެ ގިނައިން ހުށަހަޅައިފައިވަނީ، ކުޑަކުދިންނަށް ކުރި ޖިސްމާނީ ގޯނާގެ މައްސަލަތައް ކަމަށް އެ ވުޒާރާގެ އެންމެފަހުގެ ތަފާސް ހިސާބުތަކުން ދައިކައިފިއެވެ.

މިއަދު އެ ވުޒާރާއިން އާންމުކުރި ތާފާސް ހިސާބުތައް ދައްކައި ގޮތުން، މިދިޔަ މަހު އެ ވުޒާރާއަށް ކުޑަކުދިންނަށް ކުރި އަނިޔާގެ 131 މައްސަލައެއް ހުށަހަޅައިފައިވެއެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރި ޖިސްމާނީ އަނިޔާގެ 26 މައްސަލަައަކާއި ޖިސްމާނީ އަނިޔާގެ 13 މައްސަލައެއް ހިމެނެއެވެ.

މީގެއިތުރުން، އިހުމާލުގެ 11 މައްސަލައަކާއި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ ނުވަ މައްސަލައެއް އެ ވުޒާރާއަށް ވަނީ ހުށަހަޅައިފައެވެ.

އަދި އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމާއި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ފަސް މައްސަލައަކާއި ސައިބާ ބުލީ ތިން މައްސަލައަކާއި ނަފްސާނީ އަނިޔާގެ ހަތަރު މައްސަލައެއް ހިމެނޭ ކަމަށް އެ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިދިޔަ މަހު ކުޑަކުދިންގެ އަޚުލާގާއި ގުޅުން ހުރި 20 މައްސަލައެއް އެ ވުޒާރާއަށް ހުށަހަޅައިފައިވާ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ. އެގޮތުން ސުކޫލަށް ދާން ބޭނުންނުވުމުގެ ފަސް މައްސަލައަކާއި ރުޅިގަދަވުމުގެ ހަތަރު މައްސަލައެއް ހިމެނެއެވެ. އަދި އެހެނިހެން މައްސަލަތަކުގެ ގޮތުގައި ހަތް މައްސަލައެއް ހުށަހަޅައިފައިވެއެވެ.

އެ ވުޒާރަގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމްލަ އަދަދަކީ 159 އެކެވެ.

އަދި މިދިޔަ މަހު ދައުލަތަށް އަލަށް ދެ ކުދިން ނަގައިފައިވާއިރު ފަސް ކުއްޖަކު ވަނީ އާއިލާއާ ހަވާލުކޮށްފައެވެ. އަދި ދެ ކުއްޖަކު ފޯސްޓާކޮށްފައިވާ ކަމަށް އެ ވުޒާރައިން މައުލޫމާތުދެއެވެ.

comment ކޮމެންޓް