އިސްރާފެއް ނުކުރާނަން، އެކަމަކު ގާބިލު މީހުން ގެންނާނަން: އާޒިމް

މާލޭގެ އިންތިޚާބީ މޭޔަރު އާދަމް އާޒިމް: އޭނާ ވިދާޅުވީ ބޭކާރު ވަޒީފާ ނުއުފައްދާނެ ކަމަށް، އެކަމަކު ގާބިލު މީހުން ކައިރިއަށް ގެންނާނެ ކަމަށް -- ފޮޓޯ: އާޒިމް ފޯ މޭޔާ ޕޭޖް

މާލޭ ސިޓީ ކައުންސިލްގައި ބޭކާރު ވަޒީފާތައް ނުއުފައްދާނެ ކަމަށާއި އެކަމަކު، އެއްވެސް ތަނެއް ރަނގަޅަށް ހިންގަން ބޭނުންވާނަމަ ކައިރިއަށް ގާބިލު މީހުން ގެންނަން ޖެހޭނެ ކަމަށް މާލޭ ސިޓީގެ އިންތިޚާބީ މޭޔަރު އާދަމް އާޒިމް އިއްޔެ ވިދާޅުވެއްޖެއެވެ.

މާލޭގެ ހުސްވެފައިވާ މޭޔަރުކަމުގައި މަގާމަށް ބޭފުޅަކު އިންތިޚާބުކުރަން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހުގައި 'ސަން'އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އާޒިމް ވިދާޅުވީ، ސިޓީ ކައުންސިލްގައި ބޭކާރު ވަޒީފާ އުފައްދައި އިސްރާފު ނުކުރާނެ ކަމަށެވެ.

ކުރިން، ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު މާލޭ ސިޓީ ކައުންސިލްގައި ވަނީ ގިނަ އަދަދަކަށް ވަޒީފާތައް އުފައްދައިފައެވެ. އެއީ، އެ މަނިކުފާނަށް ރިޔާސީ އިންތިޚާބު ތެރޭގައި ވެސް ފާޑުކިޔުން އަމާޒުވީ ސަބަބެކެވެ.

އެ މަނިކުފާނުގެ މޭޔަރުކަމުގައި މުޅިން އަލަށް 365 ވަޒީފާ އުފެއްދިއިރު، ބޮޑު މުސާރައިގައި ކޮންސަލްޓެންޓުންގެ ގޮތުގައި 13 ބޭފުޅަކު ނެންގެވިއެވެ.

https://sun.mv/180940

އެއާ ގުޅުވައި، އާޒިމްގެ މޭޔަރުކަމުގައި ވަޒީފާ އުފައްދާނެތޯ ސުވާލުކުރުމުން އާޒިމް ވިދާޅުވީ، ގާބިލު މީހުން ކައިރީގައި ތިބެން ޖެހޭނެ ކަމަށެވެ. އެހެންވެ، އާޒިމްގެ މޭޔަރު ކަމުގައި ވެސް ސިޓީ ކައުންސިލުން ގާބިލު މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޭޕެބަލް މީހުން ކައިރިއަށް އަންނަން ޖެހޭނެ ކޮންމެ ގޮތެއް ވިޔަސް. ކޭޕެބަލް މީހުން ނުލައެއް ތަނެއް ނުހިންގޭނެ،" އޭނާ ވިދާޅުވިއެވެ.

މިދިޔަ ދައުރުގައި އެމްޓީސީސީގެ ސީއީއޯކަން ވެސް ކުރެއްވި އާޒިމް ވިދާޅުވީ، ސިވިލް ސާވިސް ވަޒީފާތަކުގެ މުސާރަތައް ކުޑަވުމުގެ ސަބަބުން ބައެއް ފަހަރު އެންމެ ބޭނުންވާ ގާބިލުކަން ހުރި ސްޕެޝަލިސްޓް މުވައްޒަފުން ނުލިބޭ ކަމަށެވެ. އެކަމަކު، އެއީ ތަނެއް ހިންގާނަމަ ކޮންމެހެން ބޭނުންވާ ކަމެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެ މީހުންނަށް ވަޒީފާ ދޭނެ ކަމަށެވެ.

"ސިވިލް ސާވިސްގެ މުސާރަ ކުޑަވީމާ ބައެއް ފަހަރަށް އެންމެ ކޭޕެބަލް މީހާ ނުލިބޭ ހާލަތްތައް އެބައާދޭ. އެ ހާލަތްތަކުގައި އެގޮތަށް ނަގަންޖެހޭ މީހާ ނަގައިގެން ތަން ހިންގޭނީ،" އޭނާ ވިދާޅުވިއެވެ.

"ބޭކާރު ގޮތުގައި ތަނަށް ފައިދާއެއް ނުވާނެ ގޮތަކަށް މީހުން ނަގާ ތަނެއް ތި ބޭފުޅުންނަކަށް ނުފެންނާނެ. ފެންނާނީ އެ ތަނަށް އެ މީހާ ބޭނުންވާތީ ހަމަ ނަގަން ޖެހިއްޖެ ހާލަތެއްގައި.... އަޅުގަނޑު، އިސްރާފު ވާނެގޮތަކަށް އިރާދަކުރެއްވިއްޔާ މީހަކު ނަގާފައި ހުރި ތަނެއް ނުފެންނާނެ،"

އާދަމް އާޒިމް: އޭނާ ވަނީ މާލޭގެ މޭޔަރުކަން ކާމިޔާބުކުރައްވާފައި -- ފޮޓޯ/ އެމްޑީޕީ

އޭނާ ވިދާޅުވީ، ކޮންމެހެން ސިޓީ ކައުންސިލްގެ މަސައްކަތްތައް ހަރުދަނާކުރަން ބޭނުންވާ ސްޕެޝަލިސްޓް މުވައްޒަފުން ވަޒީފާތަކަށް ނަގާނެ ކަމަށެވެ. އެކަމަކު، ތަނަށް އެއްވެސް ފައިދާއެއްނުވާ ގޮތަށް ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކަށް ވަޒީފާއެއް ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ސިޓީ ކައުންސިލްގައި އުފައްދާފައި ހުރި ވަޒީފާތަކުން ވެސް މީހުން ވަކިކުރަން އަދި ނިންމާފައިނުވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ ވަޒީފާތަކާ މެދު އަމަލުކުރާނެ ގޮތެއް އެނގިވަޑައިގަންނަވާނީ ހުވާ ކުރެއްވުމަށް ފަހު ކައުންސިލްގެ ރަސްމީ މަސައްކަތްތަކާ ހަވާލުވުމުން ކަމަށެވެ.

ހޮނިހިރު ދުވަހު ބޭއްވި ބައި އިލެކްޝަން، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އާޒިމް ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ. އެގޮތުން، އާޒިމް 7،621 ވޯޓު ހޯއްދެވިއިރު، ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓު އާއިޝަތު އާޒިމާ ޝަކޫރަށް ލިބުނީ 5،031 ވޯޓެވެ.

އާޒިމް، މޭޔަރުކަމުގެ ހުވާ ކުރެއްވުން އަންނަ ހޯމަ ދުވަހު ބާއްވަން ލޯކަލް ގަވަރުމަންޓު އޮތޯރިޓީން އަންނަނީ ތައްޔާރުވަމުންނެވެ.

comment ކޮމެންޓް