ރޯދަމަހަށް ކާބޯތަކެތި ބޭނުންވާވަރު ބަލައި، އަގު ކޮންޓްރޯލް ކުރަނީ

އަމީނީމަގު ލޯކަލް މާރުކޭޓް: ރޯދައަށް ކާބޯތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށް އެގްރިކަލްޗާ މިނިސްޓްރީން ވަނީ މަސައްކަތް ކުރަން ނިންމައިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި އުފައްދާ ކާބޯތަކެތި ރޯދަމަހަށް ބޭނުންވާ މިންވަރު ބަލައި، ރޯދައަށް ކާބޯތަކެތީގެ އަގު ކޮންޓްރޯލް ކުރާނެ ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ ސްޓޭޓް މިނިސްޓަރު ޙުސެއިން އިސްމާއީލް މިރޭ ވިދާޅިވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރަމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރޯދަމަހަށް އާންމުކޮށް ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލޭ ކަމަށެވެ. އެހެންވެ، ރޯދައަށް ކާބޯތަކެތީގެ އަގު ކޮންޓްރޮލް ކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ކުރަން ހިމަނާފައިވާ ކަމެއް ކަމަށާއި އެކަމަށް މިނިސްޓްރީން ދުރާލާ ތައްޔާރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން، އަގު ހިފެހެއްޓުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކަމާ ގުޅުން ހުރި މިނިސްޓްރީތަކާ ގުޅިގެން މި ހަފުތާ ތެރޭގައި ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ހަމަ ޔަގީންކަން އެބަ އޮތް އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ ރޯދަމަސް ދާނީ އަދި ޚާއްޞަކޮށް ރާއްޖޭގައި އުފެއްދޭ ތަކެތީގެ އަގު ހަމަ ކޮންޓްރޮލް އަގެއްގައި ކުރެވިގެން، ހަމަ މި ދިވެހި ރައްޔިތުންނަށް އަގު ހެޔޮކޮށް އަތްފޯރާ ފަށެއްގައި ލިބޭނެ ކަމަށް. އެ މަސައްކަތް އަޅުގަނޑުމެންނަށް ހަމަ ކުރެވިގެންދާނެ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޙުސެއިން ވިދާޅުވީ ދަނޑުވެރިންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ދަނޑުވެރިން އުފައްދާ ތަކެތި މާރުކޭޓަށް ތާޒާ ކަމާއެކު ނުގެނެވުން ކަމަށެވެ. އެ މައްސަލަ ހައްލު ކުރުމަށް ޓަކައި ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ އެގްރޯނެޓާ ގުޅިގެން މަސައްކަތް ކުރާނެ ކަންވެސް މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފައެވެ.

އޭނާ ވިދާޅުވީ ދިމާވާ އަނެއް މައްސަލައަކީ ރަށްރަށުގައި މި ތަކެތި އުފައްދާ ވަރު ދެނެ ނުގަނެވުން ކަމަށެވެ. އެހެންވެ، އެ އަދަދު ދެނެގަތުމަށްޓަކައި ރަށްރަށުގައި ތަކެތި އުފައްދާ މިންވަރު ދެނެގަންނަން ޖެހޭ ކަމަށާއި އެ މަސައްކަތް މިނިސްޓްރީން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކަރާ ވިއްޔާ ކަރާ، ފަތްކެޔޮ ވިއްޔާ ފަތް ކެޔޮ، ހަމަ އެއާ އެއްކޮށް މިރުސް ވިއްޔާ މިރުސް ހަމަ އެ ބޭނުންވާ އަދަދުތައް ބަލައިފައި އެ އަދަދުތައް އަޅުގަނޑުމެން މި ހޯދަނީ،" ޙުސެއިން ވިދާޅުވިއެވެ.

އެ އަދަދުތައް ހޯދުމަށް ފަހު، މާކެޓަށް އުފެއްދުންތައް ނެރެވެން ހުރީ ކިހާވަރަކަށްތޯ ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭރަށް، ބޭރުން ތަކެތި ގެންނަން ޖެހޭ ނަމަ އެ އަދަދެއް ވެސް އެނގޭނެ ކަމަށް ޙުސެއިން ވަނީ ފާހަގަ ކުރައްވައިފައެވެ.

މިއަހަރުގެ ރޯދަ މަސް އަންނަ މާޗު މެހޭ ފެށޭއިރު، ކެއްކުމަށާއި ކެއުމަށް އާންމުކޮށް ބޭނުންކުރާ ފިޔާއާއި އަލުވިއާއި މިރުހާއި ކަރާގެ އަގު ވެސް އާންމުކޮށް ރޯދަމަހު ވަރަށް ބޮޑަށް އުފުލެއެވެ. އޭގެ ތެރެއިން، ދަނޑުވެރިކަމަށް މަޝްހޫރު ބައެއް ރަށްތަކުގެ އުފެއްދުންތަކުގެ އަގު ވަކިން ބޮޑުވެއެވެ.

comment ކޮމެންޓް