ހަނިމާދޫގައި ވާޓިކަލް ފާމިން ޓެސްޓުކުރަނީ، ފުރަތަމަ އިންދަނީ ތަރުކާރީ

ވާޓިކަލް ފާމިން ޕައިލެޓުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އިންފިނިޓްސް މޮމެންޓްސް/ އަމަން ލަތީފް

ރާއްޖޭގައި ވާޓިކަލް ފާމިންގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރެވިދާނެތޯ ބެލުމަށް ޓަކައި ޕައިލޮޓް މަޝްރޫއެއް ކުރިއަށްގެންދިޔުމަށް، އެގްރިކަލްޗާ މިނިސްޓްރީން އަމިއްލަ ކުންފުންޏެއް ކަމަށްވާ ވީސީ ގުރޫޕް ޕްރައިވެޓް ލިމިޓެޑާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް އެކްޒެކެޓިވް ފާތިމަތު ޝާޢިއާއެވެ. ވީސީ ގްރޫޕުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާޢިލް ރަޝީދެވެ.

އެގްރިކަލްޗާ މިނިސްޓްރީން ބުނީ މި އެއްބަސްވުމަކީ ރާއްޖެ ފަދަ ބިން ކުޑަ ގައުމެއްގައި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރެވޭނެ ޒަމާނީ ވަސީލަތްތައް ތައާރަފުކުރުމާއި ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށް ފަށާ މަޝްރޫއެއް ކަމަށެވެ.

ހދ. ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުގައި ކުރިއަށްގެންދާ އެ މަޝްރޫއުގައި ތިން ވައްތަރެއްގެ ހައިޑްރޮޕޯނިކްސް ސެޓަޕް ގާއިމުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ވާޓިކަލް ފާމިން ޕައިލެޓުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އިންފިނިޓްސް މޮމެންޓްސް/ އަމަން ލަތީފް

އެގޮތުން މިހާރުވެސް ދަނޑުވެރިންނަށް ތައާރަފުކޮށްދީފައިވާ ނިއުޓްރިއެންޓް ފިލްމު ޓެކްނިކް ބޭނުންކޮށްގެން ވާޓިކަލް އޭ ފްރޭމް ސްޓްރަކްޗާގައި ގަސް އިންދާ ނިޒާމު ގާއިމުކޮށް، 'ޕައިންއެޕަލް ޓަވާ ސިސްޓަމް'އާއި 'އޭރޯޕޯނިކްސް ޓަވާ ސިސްޓަމް'ތައް ވެސް ޓެސްޓުކުރާނެ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުންޏެވެ.

އެ ސިސްޓަމްތަކުން އެންމެ ފުރަތަމަ ޓެސްޓުކުރާނީ ތަރުކާރީއާއި ފަތްޕިލާވެލީގެ ބާވަތްތައް ކަމަށް ވެސް މިނިސްޓްރީން ފާހަގަކުރިއެވެ.

އެ އެއްބަސްވުމުގެ ދަށުން، މިއަދުން ފެށިގެން 34 ހަތަރު ދުވަހުގެ ތެރޭގައި ސެޓަޕްތައް ހަދައި، ސިސްޓަމްތަކުގައި ގަސްތައް ރުވަންޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މަޝްރޫގެ ދަށުން ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޓީމުން އެއްކުރާ މައުލޫމާތުން، ރާއްޖެއަށް އެންމެ އެކަށީގެންވާ ވާޓިކަލް ފާމިން ސިސްޓަމް ދެނެގަނެވޭނެ ކަމަށާއި އެ ސިސްޓަމްތައް ކުރިއަށް އޮތް ޕްރޮގްރާމްތަކުގައި ދަނޑުވެރިންނަށް ކިޔައިދިނުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ.

ވާޓިކަލް ފާމިން މަޝްރޫއެއް ފެށުމަކީ މި ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރެއިން، ދަނޑުވެރިކަމާ ގުޅޭ އެންމެ މުހިންމު މަޝްރޫއު ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ވަނީ ބުނެފައެވެ.

comment ކޮމެންޓް