ސީރިއާގައި ތިބި ފަސް އާއިލާއެއް ގެނެސްފި، ގިނައީ ކުޑަކުދިން

ދިވެހިންގެ ބަޔަކު ސީރިއާގައި ---

ސީރިއާއަށް ހަނގުރާމައަށް ދިޔަ މީހުންގެ ތެރެއިން ފަސް އާއިލާއެއް އެނބުރި އަންނަން ބޭނުންވުމުން، އެ 21 މީހުން މިއަދު ހެނދުނު މާލެ ގެނެސްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

ސީރިއާގައި ތިބި ދާޚިލީ ހަނގުރާމައިގައި ބައިވެރިވާން މީގެ ގިނަ އަހަރުތަކެއް ކުރި ރާއްޖެ ދޫކޮށް ގޮސް ތިބި އާއިލާތަކުގެ ތެރެއިން 90 އަށް ވުރެ ގިނަ މީހުން އަނބުރާ އަންނަން އެދިފައިވާ ކަމަށެވެ. އެ އާއިލާތައް ތިބީ ސީރިއާއާއި ތުރުކީއާ ގުޅޭ ބޯޑަރު ކައިރީގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވިދާޅުވީ، އެ އާއިލާތަކުން އަނބުރާ ގައުމަށް އަންނަން ބޭނުންވުމުން އެ މީހުންނަކީ ދިވެހީންކަން ކަށަވަރުކުރަން ޑީއެންއޭ ޓެސްޓު ހަދާފައިވާ ކަމަށެވެ.

މިއަދު ގެނެވުނު މީހުންނަކީ ދިވެހީންކަން 100 އިންސައްތަ ކަށަވަރުކުރެވިފައި ތިބި މީހުންނެވެ.

މިގޮތުން، ދިވެހީންކަން ކަށަވަރު ކުރެވިފައި ތިބި 21 މީހަކު އަނބުރާ ގައުމަށް ގެނެސްފައިވާ ކަމަށް މިނިސްޓަރު މިއަދު ވިދާޅުވިއެވެ. އެއީ، ފަސް އާއިލާއަކަށް ނިސްބަތްވާ 21 މީހުންނެވެ. އޭގެ ތެރެއިން 15 ކުދިންނަކީ ކުޑަކުދިން ކަމަށާއި ބާކީ ހަ މީހުންގެ ތެރެއިން ފަސް މީހުންނަކީ އަންހެނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި، އެ 15 ކުޑަކުދިންނަކީ އެ ފަސް އަންހެނުންގެ ދަރިންނެވެ.

"އޭގެ ތެރޭގައި އުމުރުން ތިން އަހަރުގެ ކުއްޖަކު ވެސް ހިމެނޭ،" އޭނާ ވިދާޅުވިއެވެ.

ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: މިނިސްޓަރު ވިދާޅުވީ، ސީރިއާގައި ތިބި 21 ދިވެއްސަކު މާލެ ގެނެސްފައިވާ ކަމަށް -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

އިހުސާން ވިދާޅުވީ، އެ މީހުންގެ އައިޑެންޓިޓީ ކަށަވަރު ކުރެވުމާ އެކު އެ މީހުން އަނބުރާ ގައުމަށް ގެންނަން ތުރުކީގެ ސަރުކާރާ އެކު މަޝްވަރާ ކުރެވި، ފުލުހުން ފޮނުވައިގެން އެ މީހުންގެ ހާލުއަހުވާލު ބަލާފައިވާ ކަމަށެވެ.

އެ މީހުން ގެންނަން ބޭނުންވާ ފައިސާ ހޯދައި، ހާއްސަ ފްލައިޓެއް އާދިއްތަ ދުވަހު ތުރުކީއަށް ވަނީ ފޮނުވައިފައެވެ. އެ ފްލައިޓުގައި އެ އޮޕަރޭޝަނަށް ބޭނުންވާ 15 ފުލުހުން ދިޔައެވެ. އޭގެ ތެރޭގައި ސިއްހީ، ސެކިއުރިޓީ އަދި ނަފުސާނީ އެހީތެރިކަން ދެވޭނެ ބޭފުޅުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ 21 މީހުން މިއަދު ފަތިހު މާލެ އައިސްފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ. އެ މީހުން ގެންދާނީ ކ. ހިންމަފުށީގައި ހުރި ނެޝަނަލް ރީއިންޓެގްރޭޝަން ސެންޓަރަށެވެ.

އިހުސާން ވިދާޅުވީ، އެ ސެންޓަރަކީ އާންމު ދިރިއުޅުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް އެކުލެވިގެންވާ އަދި މި ފަދަ ޕްރޮގްރާމްތައް ހިންގަން ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ވެސް އެ ތަނުގައި ފުރިހަމައަށް ހުންނާނެ ކަމަށެވެ. ފުލުހުން ވެސް އެ ތަނުގެ ސެކިއުރިޓީ 24 ގަޑިއިރު ބަލަހައްޓާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ އެ މީހުންގެ ފަރާތުން ގައުމީ ސަލާމަތަށް އެއްވެސް ނުރައްކަލެއް ނުވާނެކަމުގެ ޔަގީންކަން އަރުވައިފައެވެ.

އެއްވެސް ގައުމެއްގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވާން ރާއްޖެ ދޫކޮށް ދިއުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ. އެހެންވެ، އެ ފަދަ ހަނގުރާމައަކަށްދާ ދިވެހީން، ރާއްޖެ ގެނައުމަށްފަހު އެ މީހުންގެ އެސެސްމަންޓުތައް ހަދައި، ގައުމު ދޫކޮށް ފުރި ބޭނުމާއި، ސަބަބު އޮޅުން ފިލުވައެވެ. އަދި، އެސެސްމަންޓަށްފަހު، ގަސްތުގައި ފުރިކަން ހާމަވަޖެއްނަމަ އެ މީހަކު ޖިނާއީ ތަހުގީގަކަށް ހުށަހަޅައެވެ. އެހެން ނޫންނަމަ އެ ފަދަ މީހުން އެންއާރްސީގެ ރިހެބިލިޓޭޝަން ޕްރޮގްރާމްގައި ބައިވެރިކުރުވާނެއެވެ. އެ ޕްރޮގްރާމް ހިންގާނީ އެންއާރްސީގެ އިދާރީ ބަންދެއްގައި ބައިތިއްބައިގެންނެވެ.

comment ކޮމެންޓް