ދިއްދޫ މުވައްޒަފުުންގެ ކޮންޓްރެކްޓު އާނުކުރީ މަސައްކަތް ހުއްޓިފައި އޮތުމުން: ފެނަކަ

ހއ. ދިއްދޫ ފެނަކައިގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކޮންޓްރެކްޓު އާނުކުރުމުން އިހުތިޖާޖު ކުރަނީ --- ފޮޓޯ/ އެކްސް

ހއ. ދިއްދޫ ފެނަކައިގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރަމުންދިޔަ މުވައްޒަފުންގެ ކޮންޓްރެކްޓު އާނުކުރީ އެ ރަށުގައި އިންޖީނުގެ އެޅުމުގެ މަސައްކަތް ހުއްޓިފައި އޮތުމުން ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.

ދިއްދޫ ފެނަކައިގައި މަސައްކަތް ކުރާ 53 މުވައްޒަފެއްގެ ކޮންޓްރެކްޓް އާ ނުކުރުމުން، އެ މީހުން މިއަދު ހެނދުނުން ފެށިގެން ދަނީ އެ ރަށުގައި އިހުތިޖާޖުކުރަމުންނެެވެ.

މިކަމާ ގުޅިގެން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މުވައްޒަފުންގެ ކޮންޓްރެކްޓު އާނުކުރީ ދިއްދޫ އިންޖީނުގޭގެ މަސައްކަތް ހުއްޓިފައި އޮތުމުން ކަމަށެވެ.

ދިއްދޫ އިންޖީނުގެ ޕްރޮޖެކްޓާ ގުޅޭގޮތުން މުއާޒު ވިދާޅުވީ، ޕްރޮޖެކްޓުގެ ދަށުން 1477.55 ސުކުޔާ މީޓަރުގެ މަސައްކަތް ނިމިފައިވާ ކަމަށާއި ކޮންޓްރެކްޓުގެ ދަށުން 70 މުވައްޒަފުން މި ޕްރޮޖެކްޓުގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހަމައެއާއެކު، މުއާޒު ވިދާޅުވީ އިންޖީނުގޭގެ މަސައްކަތަށް 23,061,304.89 ރުފިޔާ ޚަރަދުވާ ކަމަށާއި އޭގެ ތެރެއިން ޕްރޮޖެކްޓުގެ މުވައްޒަފުންނަށް 23,269,119.42 ރުފިޔާ ޚަރަދުވާ ކަމަށެވެ.

އެ މީހުން ވަޒީފާއިން ކަނޑާލިކަން އެނގުނީ މިއަދު އޮފީހަށް ދިޔުމުން ކަމަށް އެ މީހުން ބުނެއެވެ. އަދި، އެ މީހުންނަށް ކުރިން އެންގުމަކައި ނުލައި ވަޒީފާއިން ވަކިކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް އެ މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެވެ.

https://sun.mv/187451

މިދިޔަ ޑިސެމްބަރު މަސް ތެރޭގައި ވެސް ކޮންޓްރެކްޓު ހަމަވެގެން 40 އަށްވުރެ ގިނަ ރަށުން 900 އަށް ވުރެ ގިނަ މުވައްޒަފުން ދޫކޮށްލާފައިވާ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު އޭރު 'ސަން'އަށް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ވަނީ ނިމުނު ރިޔާސީ އިންތިޚާބާ ދިމާކޮށް ގިނަ އަދަދެއްގެ މުވައްޒަފުން ކޮންޓްރެކްޓު އުސޫލުން ނަގާފައި ކަމަށް ފެނަކައާ ހަވާލުވި އާ މެނޭޖުމަންޓުން ވަނީ ތުހުމަތުކޮށްފައެވެ. ރަށްރަށުގައި އެ ކުންފުނިން ކުރިއަށް ގެންދިޔަ އެކިއެކި މަޝްރޫއުތަކަށް ނެގި ގިނަ އަދަދެއްގެ މުވައްޒަފުންގެ ކޮންޓްރެކްޓު ހުސްވި ނޮވެމްބަރު 30 ގައި ވަނީ ހަމަވެފައެވެ.

މުއާޒު އޭރު ވިދާޅުވީ، ކޮންޓްރެކްޓު އާނުކޮށް ދޫކޮށްލަނީ މަސައްކަތްތަކަށް ނަގާފައި، މިހާރު އެއްވެސް ވަރަކަށް މަސައްކަތް ކުރިއަށްނުދާ ތަންތަން ނުވަތަ މަސައްކަތް އެއްކޮށް ނިމިފައިވާ ތަންތަނުގައި ތިބި ކޮންޓްރެކްޓު މުވައްޒަފުން ކަމަށެވެ.

https://sun.mv/185815

"އޭގެ ތެރެއިން އެގްރިމެންޓު އާނުކުރާން ނިންމީ އެއްކޮށް ނިމިފައިހުރި ތަންތަން ނޫނީ އެއްގޮތަކަށް ވެސް މަސައްކަތް ކުރިއަށްނުދާ ތަންތަން. ގާތްގަނޑަކަށް ހަތަރު ފަސް މަސްވެ، އެއްގޮތަކަށް ވެސް މަސައްކަތް ކުރިއަށްނުދާ ތަންތަން،" އޭރު އޭނާ ވިދާޅުވިއެވެ.

ކުރީ ސަރުކާރު ނިމުނުއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ މުވައްޒަފުން ގިނައީ ފެނަކައިގައެވެ. އެ ސަރުކާރު ނިމުނުއިރު ފެނަކައިގައި 7،000 އަށްވުރެ ގިނަ މުވައްޒަފުން ތިބި ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ތަފާސްހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް