ކަރަންޓު މައްސަލަ ބޮޑުވެފައިވާ ކުޅުދުއްފުއްޓަށް ދެ ޖަނަރޭޓަރު ގެންގޮސްފި

ކުޅުދުއްފުއްޓަށް އަލަށް ގެނައި ޖަނަރޭޓަރުތައް-- ފޮޓޯ: ފެނަކަ

ކަރަންޓުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ހދ. ކުޅުދުއްފުއްޓަށް އިތުރު ދެ ޖަނަރޭޓަރު ގެންގޮސްފިއެވެ.

މިކަމާ ގުޅިގެން ފެނަކަ ކޯޕަރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ރަށުގެ ކަރަންޓު ހާލަތު ރަނގަޅު ކުރުމަށް ފޮނުވާ ދެ ޖަނަރޭޓަރު މިހާރު އެ ރަށަށް ލިބިފައިވާ ކަމަށެވެ.

އަދި މިހާރު އެ ޖަނަރޭޓަރުތައް އިންސްޓޯލްކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަން އެ ކުންފުނިން ވަނީ ފާހަގަ ކޮށްފައެވެ.

ފެނަކައިން މައުލޫމާތު ދިން ގޮތުގައި ކުޅުދުއްފުއްޓަށް ފޮނުވައިފައިވަނީ 600 ކިލޯވޯޓުގެ ދެ ޖަނަރޭޓަރެކެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ވެސް ކުޅުދުއްފުށީގައި ކަރަންޓުގެ މައްސަލަ ދިމާވެ އެ ރަށުގެ ރައްޔިތުންނަށް އެ ތަކެއް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ.

އޭރު އެރަށުގައި ހިންގަމުން އައި ހަތް ޖަނަރޭޓަރުގެ ތެރެއިން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދައި މުޅި ރަށުން ކަރަންޓު ކެނޑުނެވެ. އެ މައްސަލަ ވަރަށް އަވަހަށް ހައްލު ކުރި ނަމަވެސް، އަނެއްކާ ވެސް މައްސަލަ ޖެހި ރަށުގެ އެކި ހިސާބުތަކުން ކަރަންޓު ކަނޑަން ފެށިއެވެ.

އެގޮތުން އެއް ގަޑިއިރަށް ވަކި ހިސާބުތަކަކުން ކަރަންޓު ކަނޑަން ތާވަލެއް ހަދާ އެގޮތަށް ރަށުގެ އެކި ހިސާބުތަކުން ވަނީ ކަރަންޓު ކަނޑައިފައެވެ.

މިކަމާ ގުޅިގެން މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، މި ސަރުކާރުން ހަވާލުވީއިރު ފެނަކަ އިންޖީނު ގެތައް ހުރީ ވަރަށް ހާލުގައި ކަމަށް ވިދާޅުވެފައެވެ. އަދި މި މައްސަލަތަކަށް ހައްލު ގެންނަން މަސައްކަތް ކުރާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް