ސިއްހަތަށް ނުރައްކާވާ ވަރަށް މެދު ރާއްޖެ ތެރޭގައި ވައި ނުސާފުވެއްޖެ

މާލޭގެ ވައި ނުސާފުވެފައި: އަނެއްކާވެސް އުތުރާއި މެދު ރާއްޖެ ތެރޭގައި ވައި ވަނީ ނުސާފުވެފައި-- ސަން ފައިލް ފޮޓޯ

މެދު ރާއްޖެތެރެއާއި އުތުރުގައި ސިއްހަތަށް ނުރައްކާވާ ވަރަށް ވައި ނުސާފު ވެފައިވާ ކަމަށް، އެއާ ކޮލެޓީ އިންޑެކްސް ބަލާ ބައެއް ފަރާތްތަކުން އަންގައިފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން މިއަދު ބުނެފިއެވެ.

މެޓް އޮފީހުން "ސަން"އަށް ބުނީ އެ ސަރަހައްދުތަކުގައި ހަމަ ލޮލަށް ފެންނަ ދުރުމިން، ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އެގޮތުން، ސާފު ދުވަހެއްގައި 10 ކިލޯމީޓަރަށް ވުރެ ދުރު ފެނުނު ނަމަވެސް، ވޭދުވަދިޔަ 24 ގަޑިއިރު، ޚާއްޞަކޮށް މެދުރާއްޖެ ތެރޭގެ ސަރަހައްދަށް މި މިންވަރު ވަނީ ފަސް ކިލޯމީޓަރަށް ދަށް ވެފައި ކަމަށް އެ އޮފީހުން ބުންޏެވެ.

މީގެ އިތުރުން، ދުރުނުފެންނަ މިންވަރު ކުޑަވުމުގައި ވައިގެ މިސްރާބާއި ބާރުމިން އަދި ވިއްސާރަވުން ވެސް މުހިންމު ދައުރެއް އަދާކުރާކަމަށް މެޓް އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ، ވައި ނުސާފުވެފައިވަނީ އާއްމުކޮށް އިރުވައި މޫސުމުގެ ވައި އިރުމަތިން އަންނަ އިރު ހުޅުމާލޭ ސަރަހައްދުން އަންނަ ހިރަފުހާއި ވައިގެ ތެރޭގައި ހިމެނޭ ޕާޓިކަލްސްގެ ސަބަބުން ކަމަށެވެ. އަދި ދެ މޫސުން ބަދަލުވުމާ ހަމައަށް މި ގޮތަށް ވައި ނުސާފުވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.

ރާއްޖެއަށް މިދިޔަ ހަފުތާ ބަންދުގައި ކުރި ވިއްސާރައަށް ފަހު މިއަދުން ފެށިގެން މޫސުން ރަނގަޅު ވާނެ ކަމަށް މެޓް އޮފީހުން ވަނީ އިއްޔެ ބުނެފައެވެ. އަދި މާދަމާއިން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށް އާންމު ގޮތެއްގައި މޫސުން ރަނގަޅު ވާނެ ކަމަށާއި ކަނޑުތައް ވެސް މަޑުވެ ވައިޖެހޭ ވަރުވެސް މަޑު ވާނެ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

comment ކޮމެންޓް