ޓެރަރިޒަމް ހުއްޓުވަން އެންސީޓީސީއާއި ޕީޖީ މަޝްވަރާކުރައްވައިފި

ކައުންޓަ ޓެރަރިޒަމް އެސޯސިއޭޝަނުން ޕީޖީއާ އެކު ބޭއްވި ބައްދަލުވުން -- ފޮޓޯ/ޕީޖީ އޮފީސް

ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމާ ގުޅޭގޮތުން ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)އާއި ޕީޖީ އޮފީހުން މަޝްވަރާކޮށްފިއެވެ.

އިއްޔެ ބޭއްވި ބައްދަލުކުރެއްވުމުގައި އެންސީޓީސީގެ އާ ޑިރެކްޓަރު ޖެނެރަލް މޭޖާ ވައިޘް ވަޙީދާއި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޕީޖީ އޮފީހުން ބުނީ، އެ ބައްދަލުވުމުގައި ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމާއި، ތަހުގީގުކުރުމާއި، ދައުވާ އުފުލުމުގައި ހުރި ގޮންޖެހުންތަކާއި އެ ކަންކަން ހައްލުކުރަން ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

އަދި، އެންސީޓީސީން މިހާރު ކުރިއަށް ގެންދާ ޕްރޮގްރާމްތަކާއި، ކުރިއަށް ރާވާފައިހުރި ޕްރޮގްރާމްތަކުގެ މަޢުލޫމާތު ހިއްސާކުރެއްވި ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދިނެވެ.

މީގެ އިތުރުން، ޓެރަރިޒަމް ހުއްޓުވުމުގެ ދާއިރާއިން ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކާއި ތަފާތު އެކި ޤައުމުތަކުގެ އިދާރާތަކާ އެކު ގުޅިގެން ކުރެވިފައިވާ ދުނިޔޭގެ ފެންވަރުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ. އަދި، މުޅި ސަރުކާރާއި ދައުލަތުގެ އިދާރާތައް ގުޅިގެން މަސައްކަތް ކުރުމާ ބެހޭ ގޮތުން ވާހަކަދެއްކެވުނު ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ހަމައެއާއެކު، އެ އޮފީހުން ބުނީ މި ދާއިރާގައި ދައުލަތުގެ އިދާރާތައް ކުރާ މަސައްކަތްތައް މީޑިއާ މެދުވެރިކޮށް އާންމުންނަށް އެނގޭނެ ގޮތް ހެދުމަށް ކުރާނެ ކަންތައްތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެ ކަމަށެވެ.

އެންސީޓީސީގެ ލީޑާޝިޕްގެ ފަހަތުން، ޕީޖީ އޮފީހުގެ ދާއިރާއިން ކުރެވެން ހުރި ހުރިހާ ކަމެއްގައި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ޕީޖީ ވަނީ އަރުވައިފައެވެ.

އެންސީޓީސީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ޒަކަރިއްޔާ މަންސޫރު އެ މަގާމުން ވަކިކޮށް، މޭޖާ ޖެނެރަލް ރިޓަޔާޑް ވައޘް ވަހީދު އެ މަގާމަށް ހަމަޖެއްސީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.

comment ކޮމެންޓް