ރޯމާގެ ސަޕޯޓަރުން ދެކެނީ އަހަރެން މިއީ ހެރީ ޕޮޓާ ކަމަށް: މޮރީނިއޯ

ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ -- ފޮޓޯ/ ގެޓީ

ރޯމާގެ ސަޕޯޓަރުން ދެކެނީ އޭނާއަކީ ހެރީ ޕޮޓާ ކަމަށް އެ ކްލަބުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

މިދިޔަ ބުދަ ދުވަހު ކުޅުނު ކުއާޓާ ފައިނަލުގެ މެޗުގައި ވާދަވެރި ލާޒިއޯ އަތުން 1-0ގެ ނަތީޖާއަކުން ބަލިވެ، ރޯމާ ވަނީ މުބާރާތުން ކަޓައިފައެވެ. ރޯމާއަށް ހޯދައިދެމުންދާ ކާމިޔާބީތަކާއެކު އެ ކްލަބުގެ ސަޕޯޓަރުންގެ އުންމީދުތައް ވެސް މިހާރު ބަދަލުވެފައިވާ އިރު، މޮރީނިއޯ ދެކޭގޮތުގައި ރޯމާގެ ސަޕޯޓަރުން މިހާރު އުންމީދުކުރަނީ ޖާދުލާއެކު ކޮންމެ މެޗަކުން ވެސް މޮޅުވެވިދާނެ ކަމަށެވެ.

"ރޯމާގެ ސަޕޯޓަރުންގެ ފަރާތުން އެ ފެންނަނީ ވަރަށް ރަނގަޅު ކަންތައްތަކެއް. އެމީހުންގެ ކޯޗަކީ ހޯސޭ 'ހެރީ ޕޮޓާ' މޮރީނިއޯ. އަދި އެ އުންމީދުތައް މަތިކޮށްދިން މީހަކީ ވެސް އަހަރެން ކަމަށް އެމީހުން ދެކޭ. އަހަރެން އެކި ކްލަބުތަކުގައި 200، 150 އެއްހާ ޑާބީ މެޗުތައް ކުޅުނިން. އެ މެޗުތަކަކީ ވަރަށް ހާއްސަ މެޗުތަކެއް. ބައެއް ފަހަރު އަހަރެންގެ ކްލަބު މޮޅުވޭ، އެއްވަރުވޭ އަދި ބައެއް ފަހަރު ބަލިވޭ،" 'އީއެސްޕީއެން'އާ ވާހަކަދައްކަމުން މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ ރޯމާގެ ސަޕޯޓަރުންނަށް ވެސް ޑާބީ މެޗުތަކަކީ ކިހާ މުހިންމު މެޗުތަކެއްކަން އެނގޭ ކަމަށާއި ލާޒިއޯއާ ދެކޮޅަށް ކުޅުނު މެޗަކީ ވެސް އެފަދަ ޑާބީ މެޗެއް ކަމަށެވެ. އަދި މާޔޫސްކަމާ ކުރިމަތިލާން ޖެހިފައިވާކަން ވެސް އެނގޭ ކަމަށް ބުންޏެވެ.

އިޓާލިއަން ސެރީއާގައި ރޯމާ މިވަގުތު އޮތީ ކުޅުނު 19 މެޗުން ލިބުނު 29 ޕޮއިންޓާއެކު ތާވަލުގެ ނުވަވަނައިގައެވެ. ލީގުގައި ރޯމާއިން ދެން ނުކުންނަން ޖެހޭނީ ވަރުގަދަ އޭސީ މިލާނާ ދެކޮޅަށެވެ.

comment ކޮމެންޓް