މެސީއަށް ރޮނާލްޑޯގެ ކުރިން 1,000 ލަނޑުގެ ތާރީޚީ ރެކޯޑާ ހަމައަށް ވާސިލްވެވިދާނެތަ؟

އިންޓަ މިއާމީގެ ޖާޒީގައި ލިއޮނަލް މެސީ--

އެމެރިކާގެ މޭޖާ ލީގް ސޮކާ (އެމްއެލްއެސް) ގައި އިންޓަ މިއާމީއަށް ކުޅެމުން އަންނަ އުމުރުން 39 އަހަރުގެ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ، އެޓްލާންޓާ ޔުނައިޓެޑް އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވި މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއެކު އޭނާގެ ކެރިއަރުގެ ޖުމްލަ ލަނޑުގެ އަދަދު 936 އަށް ވަނީ އަރާފައެވެ.

ރޭ ފަތިހު ކުޅުނު މި ފޯރިގަދަ މެޗުގައި، މެސީ ވަނީ އޭނާގެ މޮޅު ކުޅުން ތަކުރާރުކޮށްދީ ސަޕޯޓަރުން ހައިރާންކޮށްލާފައެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ކައިރިވެފައިވަނިކޮށް ޖަމާން ބެރްޓެރާމޭ މިއާމީއަށް ލީޑު ނަގައިދިންއިރު، ދެވަނަ ހާފުގައި މެސީގެ ފަރާތުން ފެނިގެންދިޔައީ މުޅިން ތަފާތު މޮޅު ކުޅުމެކެވެ.

އެގޮތުން، އެޓްލާންޓާގެ ޑިފެންޑަރުންނަށް ފުރުސަތެއްވެސް ނުދީ ބޯޅަ ހިފައިގެން ގޮސް ފުރަތަމަ ލަނޑު ކާމިޔާބުކުރުމަށްފަހު، ދެވަނަ ލަނޑު ޖެހީ އަމިއްލަ ހާފުގެ ތެރެއިން ދުވެފައި ގޮސް ހަމަޖެހިލައިގެން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

މި މެޗުގައި ޖެހި ދެ ލަނޑާއެކު، މެސީ މިހާރު އޮތީ އެމްއެލްއެސް ގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި 23 ލަނޑާ އެކުގައެވެ. އޭގެ އިތުރުން އޭނާ ވަނީ މި ސީޒަންގައި އެކަނިވެސް 14 ލަނޑު ޖަހަން އެހީތެރިވެދީފައެވެ.

މި މެޗުގައި ލުއިސް ސުއަރޭޒް ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިންއިރު، މެޗުގެ ފަހުކޮޅު އެޓްލާންޓާގެ ފަފާ ޕިކޯޓް ވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީފައެވެ. ނަމަވެސް އެއީ ހަމައެކަނި ނަތީޖާގެ ފަރަގު ކުޑަކޮށްދިން ލަނޑެކެވެ.

މި މޮޅާއެކު އިންޓަރ މިއާމީ ލީގުގެ ދެވަނަ މަގާމުގައި އޮތްއިރު، އެއްވަނަ މަގާމުގައި އޮތް ނޭޝްވިލްއާ ދެމެދު 12 ޕޮއިންޓުގެ ފަރަގެއް އޮތް ނަމަވެސް، ލީގުގައި ބާކީ އޮތީ އެންމެ ހަތަރު މެޗެވެ. އަދި އިންޓަރ މިއާމީން ވަނީ ކުރިއަށް އޮތް ޕްލޭއޯފް މެޗުތަކުން ޖާގަ ކަށަވަރުކޮށްފައެވެ. ކުރިއަށް އޮތް ހަފުތާގައި މެސީ އާއި އޭނާގެ ޓީމު ނުކުންނާނީ ނިއުޔޯކް ރެޑް ބުލްސްއާ ދެކޮޅަށެވެ.

މެސީގެ މިހާތަނަށް ކާމިޔާބުކުރި 936 ލަނޑުގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނަ ލަނޑު ޖަހާފައިވަނީ ސްޕެއިންގެ މަޝްހޫރު ބާސެލޯނާއަށް ކުޅެދީގެންނެވެ؛ އެއީ 672 ލަނޑެވެ. އޭގެ އިތުރުން ފްރާންސްގެ ޕީއެސްޖީ އަށް 32 ލަނޑު، މިހާރު ކުޅެމުންދާ އިންޓަރ މިއާމީއަށް 106 ލަނޑު، އަދި އާޖެންޓީނާގެ ގައުމީ ޓީމަށް 126 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.

ނަމަވެސް މި ރޭހުގައި މެސީއަށްވުރެ ކުރީގައި އޮތީ އޭނާގެ އެންމެ ބޮޑު ވާދަވެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އުމުރުން 41 އަހަރުގެ ޕޯޗުގަލްގެ ތަރި، މިހާރު ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ކުޅެމުން އަންނަ ރޮނާލްޑޯ ވަނީ މިހާތަނަށް 981 ލަނޑު ހަމަކޮށްފައެވެ. ދެ ކުޅުންތެރިންވެސް އަމާޒު ހިފާފައިވަނީ ފުޓުބޯޅައިގެ ތާރީޚުގައި ފުރަތަމަ ފަހަރަށް 1,000 ލަނޑަށް ވާސިލްވާ ކުޅުންތެރިޔާގެ ޝަރަފު ހޯދުމަށެވެ.

ރޮނާލްޑޯއަށް 1,000 ލަނޑު ހަމަކުރުމަށް ބޭނުންވަނީ އެންމެ 19 ލަނޑު ކަމަށްވާއިރު، މެސީއަށް އިތުރު 64 ލަނޑު ބޭނުންވެއެވެ. އެހެންކަމުން، ރޮނާލްޑޯ މި ރެކޯޑާ މާ ގާތުގައިވި ނަމަވެސް، މެސީގެ މިހާރުގެ ލަނޑު ޖެހުމުގެ ރޫހާއި ފޯމަށް ބަލާއިރު، ދެ ކުޅުންތެރިންގެ މެދުގައި އޮތް މި ވާދަވެރި ދަތުރު ވަރަށް ފޯރިގަދަވާނެ އެވެ.

comment ކޮމެންޓް