ޕީއެންސީ ނާކާމިޔާބުވީ އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުމުން: އަބްދުއްރަހީމް

ޕީއެންސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: މޭޔަރު ހޮވުމަށް މިއަދު ބޭއްވި އިންތިޚާބުގައި ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީ ނާކާމިޔާބުވީ، އެ އިންތިޚާބަށް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުމުން ކަމަށް ޕީއެންސީން ވަނީ ބުނެފައި -- ފޮޓޯ/ ޕީޕީއެމް

މާލޭ ސިޓީގެ މޭޔަރު ހޮވުމަށް މިއަދު ބޭއްވި އިންތިޚާބުގައި ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީ ނާކާމިޔާބުވީ، އެ އިންތިޚާބަށް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުމުން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.

މާލޭގެ މޭޔަރުގެ ގޮނޑި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް މިއަދު ބޮޑު ތަފާތަކުން ކަށަވަރު ކުރެއްވި އިރު އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރެވެ.

އާޒިމަށް 7621 ވޯޓު ލިބުނު ކަމަށް ވަގުތީ ނަތީޖާއިން ދައްކާއިރު އާޒިމާއަށް ލިބިވަޑައިގަތީ 5،032 ވޯޓެވެ.

އެ ނަތީޖާއާ ގުޅިގެން ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ވިދާޅުވީ، މި އިންތިޚާބުން ވަރަށް ގިނަ ފިލާވަޅުތަކެއް ލިބިފައިވާ ކަމަށާއި މި ނަތީޖާއާ ގުޅިގެން އެ ޕާޓީން އާންމު މެންބަރުންގެ ފަރާތުން މާފަށް އެދޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ސަރުކާރުގައި ތިބެ، ސަރުކާރު އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ހަގީގަތުގައި މި އިންތިޚާބަށް ދޭންވާ ސަމާލުކަމެއް އަޅުގަނޑުމެންނަކަށް ނުދެވުނު. އޭގެ ނަތީޖާއަކަށް މިވީ މޭޔަރުކަމުގެ ގޮނޑި އަޅުގަނޑުމެންނަށް ނުލިބުން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި އިންތިޚާބުން ލިބުނު ފިލާވަޅުގެ ބޭނުން ހިފައިގެން ކުރިއަށް އޮތް ތަނުގައި އިންތިޚާބުތައް ކާމިޔާބު ކުރުމުގެ މަސައްކަތް މިއަށް ވުރެ ވަރުގަދަ އަށް ޕީއެންސީން ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން އަޅުގަނޑުމެންގެ މެންބަރުންނަށް ދޭން ބޭނުންވާ ޔަގީންކަމަކީ މެންބަރުން މާޔޫސް ވާން ޖެހޭ ފަދަ އެއްވެސް ކަމެއް އަޅުގަނޑުމެންގެ ފަރާތުން ނުފެންނާނެޔޭ،" ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްޞަ އެޑްވައިރު އަބްދުއްރަހީމް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިންތިޚާބުވި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ މިދިޔަ ނޮވެމްބަރު މަހުގައެވެ. އެ މަނިކުފާނުގެ ކެބިނެޓަށް ވަޒީރަށް ހޮއްވެވި ނަމަވެސް، އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުން އެ ވަޒީރުންނަށް މިހާތަނަށް ރުހުން ދީފައިނުވެއެވެ.

comment ކޮމެންޓް