ޕީއެންސީއަށް މޭޔަރު ގޮނޑި ނުލިބުނީ ޔާމީނަށް ކެހި ދިނީމަ: ޖަމީލް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ގިނަ ދުވަސްތަކެއް ޖަލުގައި ހޭދަ ކުރެއްވުމަށް ފަހު ގެކޮޅަށް ވަޑައިގަތުން -- ސަން ފޮޓޯ/ މުހައްމަދު މާހިލް

މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބޭއްވި އިންތިޚާބު ވެރިކަން ކުރާ ޕީއެންސީއަށް ކާމިޔާބު ނުކުރެވުނީ އެ ޕާޓީ ހިމެނޭ ކޯލިޝަންގެ ކުރީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކެހި ދިނުމުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަހުމަދު މިރޭ ވިދާޅުވެއްޖެއެވެ.

މާލޭ މޭޔަރު ހޮވުމަށް މިއަދު ބޭއްވި ބައި އިލެކްޝަން އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވުމާ ގުޅިގެން ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ އިންތިޚާބު އޭނާ ކާމިޔާބު ކުރެއްވީ އެންމެ ސަބަބަކާ ހެދި ކަމަށެވެ.

ޖަމީލް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު، ޔާމީނަށް ކެހި ދެއްވާފައިވާ ކަމަށާއި އެކަން ދިވެހިން ބަލައިނުގަންނަ ކަމަށެވެ. އެގޮތުން ރައީސްގެ ކެމްޕޭން ޖަލްސާތަކަށް، ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީނަށް ހާޒިރުނުވެވޭތީ އެ މަނިކުފާނަށް ޚާއްޞަކޮށް ބެހެއްޓި ހުސް ގޮނޑި ރައްޔިތުން އަދިވެސް ހަނދާން އެބަހުރި ކަމަށް ޖަމީލް ވިދާޅުވިއެވެ.

އެއީ، ވެރިކަމަށް ދެ މަސް ވެސް ނުވަނީސް މި ސަރުކާރަށް ރައްޔިތުން އިތުބާރު ނެތް ކަމަށް ބުނުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ޔާމީންގެ ތާއިދާއެކު ނަމަވެސް އެ މަނިކުފާނު ހުވާ ކުރެއްވިތާ ހަފުތާއެއް ވެސް ނުވަނީސް ޔާމީން ވަނީ ވެރިކަން ކުރާ ކޯލިޝަނުން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފައެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގައި އިސްކޮށް އުޅުއްވާ، ކުރީގެ ސައެންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވެސް ވަނީ މޭޔަރުކަން ދިފާއު ނުކުރެވުމުގެ ޒިންމާ ނަންގަވަން ޖެހޭނީ ރައީސް އާއި އެ މަނިކުފާނުގެ ޚާއްޞަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ކަމަށް ވިދާޅުވެފައެވެ.

"ސަރުކާރަށް 60 ދުވަސް ނުވަނީސް މިލިބުނު ބޮޑު ނާކާމިޔާބީގެ އަސްލަކީ ވެރިކަމަށް އައުމަށް ކުރި ވައުދުތައް ބޮލާލާ ޖެހުން،" މަލީހު ވިދާޅުވިއެވެ.

އެއާއެކު އޭނާ ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ވެސް ގޮވާލައްވާފައެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ބޭއްވެވި ފުރަތަމަ ބައްދަލުވުމުގައި އެ މަނިކުފާނު އެދިވަޑައިގަތީ ޔާމީން ގެކޮޅަށް ބަދަލުކޮށްދެއްވުމަށެވެ.

އެހެންވެ، އޭގެ ޖެހިގެން އައި ދުވަހު ޔާމީން ވަނީ ގެކޮޅަށް ބަދަލުކޮށްފައެވެ.

ނަމަވެސް އެ މަނިކުފާނަށް ތާއިދު ކުރާ ފަރާތްތަކުން އަންނަނީ ޔާމީން މިނިވަން ކުރާނެ ކަމަށް ރައީސް ވައުދުވެވަޑައިގަތްކަން ފާހަގަކޮށް، އެ ވައުދު ނުފުއްދަވާތީ ރައީސަށް ފާޑު ކިޔަމުންނެވެ.

ޔާމީން ޖަލަށް ލާން ހުކުމްކޮށްފައި ވަނީ ފަތުރުވެރިކަމަށް އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި އެ ފައިސާ ލޯންޑާ ކުރުމުގެ ދެ ދައުވާ ވެސް ސާބިތުވުމުންނެވެ. އެ މަނިކުފާނުގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާ ކޮށްފައެވެ.

https://sun.mv/187327

މިއަދުގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން އާޒިމް 7621 ވޯޓު ކާމިޔާބު ކުރައްވާފައިވާ އިރު އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރަށް ލިބިވަޑައިގަތޯ 5،032 ވޯޓެވެ.

comment ކޮމެންޓް