ޔޫއޭއީއާއި ތައިލެންޑުން އާސަންދަ ލިބޭގޮތް ހަދަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު: އެ މަނިކުފާނު ވަނީ ޔޫއޭއީއާއި ތައިލޭންޑުން އާސަންދަ ލިބޭގޮތް ހަދަނެ ކަމަށް ވިދާޅުވެފައި -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އާއި ތައިލޭންޑުން އާސަންދަ ލިބޭގޮތް ހައްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޗައިނާއަށް އެ މަނިކުފާނު ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި މީޑިއާތަކަށް ދެއްވި ސްޓޭޓްމަންޓެއްގައި ރައީސް ވިދާޅުވީ، މިހާރު އާސަންދަ ލިބޭ ގައުމުތަކަށް ވުރެ މާ ފެންވަރު ރަނގަޅު، މާ މަތީ ފަންތީގެ ގައުމުތަކުން އާސަންދަ ލިބޭގޮތް ހަމަޖައްސަން މަސައްކަތްކުރައްވާނެ ކަމަށެވެ.

އެގޮތުން، ޔޫއޭއީއާއި ތައިލޭންޑުން އާސަންދަ ލިބޭގޮތް ހަމަޖައްސާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ކުރިއަށް އޮތް ތާގައި އަޅުގަނޑުމެންގެ އާސަންދައަކީ ހަމައެކަނި ވަކި ދިމާލަކުން ހުންނަ، ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކުން އެކަނި ގޮސްގެން ބޭނުންކުރެވޭ އެއްޗަކަށް ނުހަދައި އެއަށް ވުރެ ފެންވަރު ރަނގަޅު ގައުމުތަކަށް ޔޫއޭއީއަށާއި ތައިލެންޑަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އާސަންދަ ފުޅާކުރާނަން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، އަމާޒަކީ އެ ތަންތަނަށް ދަތުރުކުރާއިރު ހުރުމަށްދާ ޚަރަދު ވެސް އާސަންދައިގެ ތެރެއިން ކަވަރުކުރުން ކަމަށެވެ.

"މި ގައުމުގެ ހެލްތު ފެސިލިޓީ ތަރައްގީ ވަންދެން ދާނީ މިހާރު އެ ދާ ތަންތަނަށް ވުރެ މާ ފެންވަރު ރަނގަޅު، ދުބާއީ ކަހަލަ ބެންކޮކްގައި ހުންނަ ކަހަލަ ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކަށް. އެކަމަޑޭޝަން އެކްސްޕެންސަސް ލިބިގެން އާސަންދައިން ކަވަރުވެގެން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް މިއަދު ވިދާޅުވީ، ހަނޑޫ، ހަކުރު، ފުށް ފަދަ ޒަރޫރީ ތަކެތި ގެނައުމުގައި އެއް ގައުމަކަށް ބަރޯސާވުމުގެ ބަދަލުގައި އެހެން ގައުމުތަކުން ވެސް އެ ތަކެތި ގެންނަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ތުރުކީއާ އެކު މިހާރު އެއްބަސްވެ، ފުރަތަމަ ޝިޕްމަންޓަށް އޯޑަރު ދީފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަދި ދަންނަވަންތޯ ލިބޭގޮތަށް ހަމައެކަނި ހަމަޖެއްސީއެއް ނޫން. މި ރޯދަ މަހު ފުރަތަމަ ފަހަރަށް ކޮންމެ ގޭބީސީއަކަށް ހިލޭ ދިވެހި ސަރުކާރުގެ ފަރާތުން 10 ކިލޯގެ ހަނޑޫ ބަސްތާއަކައި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާކުރާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އަމާޒަކީ އަންނަ އަހަރު އެ އަދަދު އެއަށް ވުރެ އިތުރުކުރުން ކަމަށެވެ.

"އަޅުގަނޑުމެން އަމިއްލަ ފައި މައްޗަށް ތެދުވާނީ އިރާދަކުރެއްވިއްޔާ އެއްވެސް ގައުމަކަށް ބަރޯސާވުން ނިމުމަކަށް ގެނެސް،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ރާއްޖެ އެތެރެކުރާ ބޭސް ވެސް ޔޫރަޕުންނާއި އެމެރިކާއިން އެތެރެކުރަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. މާ ލަސްތަކެއް ނުވެ، ޔޫރަޕުގެ ބޭސް އެތެރެކުރަން ފެށޭނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ވަނީ އަރުވައިފައެވެ.

comment ކޮމެންޓް