އޮޑިޓާ ޖެނެރަލް އޮފީހުގެ ފޭސްބުކް އެކައުންޓު ހެކުކޮށްފި

އޭޖީއޯގެ ފޭސްބުކް އެކައުންޓުގައި ކޮށްފައިވާ ވީޑީއޯގެ މަންޒަރެއް--- ފޮޓޯ/އެކްސް

އޮޑިޓާ ޖެނެރަލް އޮފީސް (އޭޖީއޯ)ގެ ފޭސްބުކް އެކައުންޓު ބަޔަކު މިރޭ ހެކުކޮށްފިއެވެ.

އޮޑިޓް އޮފީހުގެ ފޭސްބުކް އެކައުންޓުން ކޮށްފައިވާ ވީޑިއޯއިން ފެންނަނީ ޓެރޭޑް ކުރާ ސިސްޓަމްތަކެއް ކައިރީ ބަހައްޓާފަ ހުރި އިންޑިއަން ރުފީސް ތަކެކެވެ.

މި ކަމާ ގުޅިގެން އޭޖީއޯ އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ އޮފީހުގެ ފޭސްބުކް އެކައުންޓު ހެކްކޮށްފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

ދާދިފަހުން ޖުވެނައިލް ކޯޓުގެ ވެބްސައިޓް ވެސް ހެކުކޮށް އިންޒާރު ދީފައިވެއެވެ.

އެ ވެބްސައިޓް ހެކްކުރީ މި ފަހުން ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފް، މަރިޔަމް ޝިއުނާ އަދި އަބްދުﷲ މަހްޒޫމް މާޖިދު އިންޑިއާއާ ގުޅުވައި ދައްކާފައިވާ ވާހަކައިގެ ސަބަބުން ކަމަށް އެ ލިޔުމުގައި ވެއެވެ.

އޭގައި ވާގޮތުން އެ އަމަލަކީ ލަދުވެތި އަމަލެއްގެ އިތުރުން އެކަމުގެ ސަބަބުން އިންޑިއާއާއި އެހެން ގައުމުތަކާމެދު އޮންނަ ގުޅުމަށް ބުރޫ އަރާނެއެވެ.

މި މައްސަލަ ފެށުނީ، އިންޑިއާއިން އެ ގައުމުގެ ލަކްޝަދުވީޕްގެ ފަތުރުވެރިކަން ޕްރޮމޯޓުކުރަން ފެށުމާއެކު، މީސްމީޑިއާގައި ބައެއް ދިވެހީންނާއި އިންޑިއާ މީހުން އަރައިރުންވާން ފެށުމުންނެވެ.

އޭގެ ތެރޭގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްވާހެން އެކްސްގައި ވާހަކަދައްކަވައިފައެވެ.

comment ކޮމެންޓް