ޔުނާން އަލުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ޔުނާންގެ ދެމަފިރިން: ޔުނާން އަލުން ޝަރީއަތް ނިމެންދެން ބަންދުކުރަން މިއަދު ވަނީ ނިންމާފައި -- ފޮޓޯ: ފޭސްބުކް/ޔުނާން

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދަޢުވާލިބޭ ގދ. ހޯނޑެއްދޫ, އަލަމާގެ, މުޙައްމަދު ޔުނާން އަނެއްކާ ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ޖިންސީ ގޯނާގެ ބޮޑު ތުހުމަތެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި ޔުނާން ދޫކޮށްލަން ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓުން ނިންމާފައިވަނީ މިދިޔަ ޑިސެމްބަރު 14 ގައެވެ. ދައުލަތުގެ ފަރާތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ ކޯޓުން ނިންމީ، ޔުނާންގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ކުރިމަތިވުމުގެ އިޙްތިމާލު އަދިވެސް އޮތް ކަމަށެވެ. އަދި، ހަތް ދުވަހުގެ ތެރޭގައި މުޙައްމަދު ޔުނާންގެ ބަންދާގުޅޭ ހުށަހެޅުމެއް ހުށަހަޅައިފިނަމަ އެކަށީގެންވާ އަވަސްމިނެއްގައި އެ ހުށަހެޅުމާ ގުޅޭގޮތުން ދަށު ކޯޓުން ގޮތެއް ނިންމަންވާނެ ކަމަށެވެ.

އެހެންވެ، އެ މައްސަލައިގައި އިއްޔެ ފުލުހުން ވަނީ އަލުން ޔުނާން ހައްޔަރުކޮށްފައެވެ. ބަންދާ މެދު ގޮތެއް ނިންމަން މިއަދު ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓަށް ހާޒިރުކުރުމުން އޭނާ އަނެއްކާ ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.

ޔުނާންގެ މައްޗަށް ދަޢުވާކުރާ މައްސަލަ މިހާރު އޮތީ ހެކިބަސް ނަގައި ނިމި, ޚުލާޞާ ބަޔާން ހުށަހެޅުމުގެ މަރުޙަލާގައެވެ.

ޔުނާނާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާ، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އެއަށްފަހު މިދިޔަ މާޗު މަހުގެ ތިންވަނަ ދުވަހު ރިހުލާ ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.

އޭނާ ޖަލު ބަންދުން ދޫކޮށްލީ ހައްޔަރުކުރިތާ ތިން އަހަރު ފަހުން މި މަހު 14ގައެވެ.

ޔުނާންގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާއަށް އެންމެ މަދުވެގެން ޖުމްލަ 110 ނުވަތަ ގިނަވެގެން ޖުމްލަ 133 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

comment ކޮމެންޓް