ސަރުކާރާއި މާލޭ ރައްޔިތުންނާ ދެމެދަށް ހުރަހެއް ނުލައި، އާޒިމާ ހޮއްވަވާ: ރައީސް

މާލޭގެ ރަައްޔިތުންނާއި، ސަރުކާރާ ދެމެދު ހުރަހަކަށްވާނެ ކެންޑިޑޭޓަކު މާލޭގެ މޭޔަރުކަމަށް އިންތިޚާބުކުރުމުގެ ބަދަލުގައި، އެ މަނިކުފާނުގެ ފުރިހަމަ ތާއީދާއެކު ކުރިމަތިލައްވައިގެން ހުންނެވި ޕީއެންސީގެ ކެންޑިޑޭޓު އައިޝަތު އާޒިމާ ޝަކޫރަށް ވޯޓު ދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އިލްތިމާސްކުރައްވައިފިއެވެ.

މާދަމާ އޮންނަ މާލޭ ސިޓީގެ މޭޔަރާއި، އިތުރު ތިން ދާއިރާއެއްގެ ކައުންސިލަރުން ހޮވުމަށް ބާއްވާ އިންތިޚާބާ ގުޅޭގޮތުން، ޗައިނާގައި ހުންނަވައި، ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިހުރި ބޮޑެތި މައްސަލަތަކަށް ހައްލު ގެނެސްދިނުމަށް ޓަަކައި ސަރުކާރުން ބޮޑެތި ގިނަ މަސައްކަތްތަކެއްް މިހާރު ފަށައިފައިވާ ކަމަށެވެ.

"އަޅުގަނޑު ތިޔަ ލޮބުވެތި ރައްޔިތުންގެ އިތުބާރާ ތާއިދާއެކީގައި ކުރީގައިހުރި މާލޭގެ މޭޔަރުކަމުގެ މަގާމުގައި ފަށަން މަސައްކަތްކޮށް ނުފެށުނު އެތައް މަސައްކަތްތަކެއް، އޭރުގައި އެއްބާރުލުން ނުލިބުނު، ސަރުކާރު ލެވަލުން ނުލިބުނު އެތައް ކަމެއް އިރާދަކުރެއްވިއްޔާ މިހާރު އަޅުގަނޑު މި ވަނީ މަސައްކަތްކުރުމަށް ކައުންސިލަށް ފުރުސަތު ދީފަައި،" ރައީސް ވިދާޅުވިއެވެ.

މާދަމާ އޮންނަ މާލޭ ސިޓީގެ މޭޔަރާއި، އިތުރު ތިން ދާއިރާއެއްގެ ކައުންސިލަރުން ހޮވުމަށް ބާއްވާ އިންތިޚާބާ ގުޅޭގޮތުން، ޗައިނާގައި ހުންނަވައި، ރައީސް މުއިއްޒު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ނަމަވެސް ސަރުކާރާ ދެކޮޅު ސިޔާސަތަކާއި ފިކުރެއް ގެންގުޅޭ ޕާޓީއަކުން ބޭފުޅަކު ހޮވައިފިނަމަ ތަކުރާރުކުރަން ޖެހޭނީ މާޒީގައި ކުރި ހިތި ތަޖުރިބާތަކެއް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެއީ، އެ މަނިކުފާނު ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމުގައިވީ ނަމަވެސް ޔަގީންކުރައްވަނީ މާލޭގެ ރައްޔިތުން އެ ފަދަ ނިންމުމެއް ނުނިންމާނެ ކަމަށް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ހޮވަންވީ، ސަރުކާރާ ރައްޔިތުންނާ ދެމެދު މެދުވެރިއެއްގެ ގޮތުގައި ހުންނަވާނެ މޭޔަރަކު ކަމަށެވެ. އެގޮތުން ޕީއެންސީގެ ކެންޑިޑޭޓް އާޒިމާއަކީ އެ ފަދަ ބޭފުޅެއް ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

"އެގޮތުން ކެންޑިޑޭޓު ނަމްބަރު ތިނެއް، އާޒިމާ ޝަކޫރަކީ އަޅުގަނޑު މި ކަމުގައި ފުރިހަމައަށް އިތުބާރު ކުރާ ބޭފުޅެއް،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ވެސް އެ މަނިކުފާނު ވެވަޑައިގަތް ވައުދުފުޅާ އެއްގޮތަށް ސިޓީ ކައުންސިލަށް ބަދަލުކުރައްވައިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މާލޭގެ މޭޔަރަކަށް ސަރުކާރާ ދެކޮޅު ބޭފުޅަކު އައުމަކީ ހުޅުމާލޭ ރައްޔިތުންނަށް ވެސް ރަނގަޅު ގޮތަކަށް ނުވާނެ ކަމަށެވެ.

"އެހެންވީމާ ހުޅުމާލޭގައި ދިރިއުޅޭ ހުޅުމާލޭގެ ރައްޔިތުން، މާލޭ ސިޓީގެ ރައްޔިތުން މި ކަމުގައި ވަަރަށް ސީރިއަސްކޮށް ވިސްނަވައި، ސަރުކާރާ އެކުގައި މަސައްކަތްކުރާނެ ސަރުކާރުގެ ވިސްނުމުގެ ކެންޑިޑޭޓަކު ރައްޔިތުންނަށް މަސައްކަތްކުރާނެ ސަރުކާރާ ގުޅިގެން މަސައްކަތްކުރާނެ ކެންޑިޑޭޓަކު ހޮވަން. އެއީ އާޒިމާ ޝަކޫރު،" ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު ވިލިމާލޭގެ ރައްޔިތުންނަށް ވެސް އެ މަނިކުފާނު އިލްތިމާސްކުރެއްވީ، ސަރުކާރުން ވިލިމާލޭގައި ހިންގާ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އާޒިމާ ހޮވުމަށެވެ.

މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ އިންތިޚާބު އޮތީ މާދަމާއެވެ.

މި މަގާމަށް ފަސް ކެންޑިޑޭޓަކު ވާދަކުރައްވައެވެ. އެއީ އާޒިމާގެ އިތުރުން އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމާއި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ސައިފް ފާތިހާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރޮންޓްގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ފުލުސް ކޮމިޝަނަރު ހުސައިން ވަހީދުގެ އިތުރުން އަމިއްލަ ގޮތުން ވާދަ ކުރައްވާ ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) އެވެ.

comment ކޮމެންޓް