އާޒިމާ އެމްއައިބީއަށް ހަތަރު މިލިއަން ދައްކަން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި

އައިޝަތު އާޒިމާ ޝަކޫރު މާލޭ ސިޓީ މޭޔަރު ކަމަށް ކުރައްވާ ކެމްޕެއިންގެ ތެރެއިން: އެމްއައިބީއަށް ހަތަރު މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން އާޒިމާއަށް ކުރި ހުކުމް ވަނީ އިސްތިއުނާފުކޮށްފައި -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މޫސާ ނަދީމް

ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ނެންގެވި ލޯނަކަށް، އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކަވާތީ އެ ބޭންކަށް ހަތަރު މިލިއަން ރުފިޔާ ދައްކަން އޭނާގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ހައިކޯޓުގެ ރަޖިސްޓްރީއިން ދައްކާ ގޮތުގައި އެ މައްސަލައިގެ އިސްތިއުނާފު ހުށަހަޅާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

އާޒިމާއަށް މިމަހުގެ ދޭއްގައި ހުކުމްކޮށްފައި ވަނީ އާޒިމާގެ މައްޗަށް ކޮށްފައިވަނީ އޭނާ ބޭންކުގައި ރަހުނު ބަހައްޓައިގެން، ލޯނެއް ނަގައި، އެ ލޯނު ނުދައްކާތީ ބޭންކުން އޭނާއާ ދެކޮޅަށް މައްސަލަ ވެއްދުމުންނެވެ.

އެ ހުކުމްގައިވަނީ އާޒިމާގެ ނަމުގައި ހުޅުމާލޭގައި ހުރި ޕްލެޓިނަމް ރެސިޑެންސްގެ އެޕާޓްމަންޓެއް އެމްއައިބީއަށް ރަހުނުކޮށްފައި އޮތްކަން ހާމަވާކަމަށާއި، އެ ރަހުނަށް އޭނާ 3.18 މިލިއަން ރުފިޔާގެ ލޯނެއް ނަގާފައިވާ ކަމަށެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް އެ ފައިސާ އަދައިކުރަމުން ނުދާކަމަށް އެ ހުކުމުގައި ވެއެވެ.

އެހެންވެ، ކޯޓުން ހުކުމްކޮށްފައިވަނީ، މިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އެ ފެސިލިޓީގެ ބާކީ ހުރި 4.03 މިލިއަން ރުފިޔާ އާއި ޗެރިޓީގެ ގޮތުގައި އަރާފައިވާ 125،499 ރުފިޔާއާއެކު ޖުމްލަ 4.15 މިލިއަން ރުފިޔާ އާއި މަހުން މަހަށް އަރާ ކުލީގެ ފައިސާ، އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހަށް ދައްކައި ހަލާސްކުރުމަށެވެ.

އެ މައްސަލައިގައި ހުކުމް ކުރީ އާޒިމާގެ ޣައިރު ހާޒިރުގައެވެ.

އެއީ މި މައްސަލައިގައި ދައުވާކުރުމުން، ދައުވާ ފޯމާ ހަވާލުވީކަމުގެ ލިޔުން ހުށަހެޅުމަށާއި، ދައުވާގެ ރައްދު ހުށަހަޅަން ދިން ފުރުސަތު މިދިޔަ 29 އޮކްޓޯބަރަށް ހަމަވީއިރު ވެސް ހުށަހަޅައިފައިނުވާތީއެވެ. އެހެންވެ އެމްއައިބީއިން އެދުނީ ޣައިރު ހާޒިރުގައި އެކަމުގައި ހުކުމެއް ކޮށްދިނުމަށެވެ.

އާޒިމާގެ މައްޗަށް ހަތަރު މިލިއަން ރުފިޔާގެ ދަރަންޏެއް ދައްކަން ހުކުމް ކުރިއިރު އޭނާ އަންނަނީ އަންނަ ހޮނިހިރު ދުވަހު އޮންނަ މާލޭ މޭޔަރުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ކެމްޕޭން ކުރައްވަމުންނެވެ. ނަމަވެސް މި ހުކުމްގެ ސަބަބުން އޭނާގެ ކެންޑިޑެސީއަށް އަސަރެއް ނުކުރާނެއެވެ.

އާޒިމާ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އެ ލޯނު ނުދެއްކުނީ މިދިޔަ ސަރުކާރުން، އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއަކާ ގުޅިގެން އަދާ ކުރަމުންދިޔަ ގާނޫނީ ވަކީލުކަމުގެ މަސައްކަތަށް ހުރަސް އެޅުމުންނެވެ.

https://sun.mv/186864

މީގެ އިތުރުން ހުކުމްކުރީ އެ ލޯނު ދެއްކުމަށް އިސްވެ ތާވަލެއް އެކުލަވައިލާ، ލޯނު ރީ-ސްޓްރަކްޗާ ކުރުމަށް ބޭންކަށް ވެސް ހުށަހަޅާފައި ވަނިކޮށް ކަމަށް އާޒިމާ ވިދާޅުވިއެވެ.

comment ކޮމެންޓް