ރިޔާސީ އިންތިޚާބުގައި ޕީއެސްއެމުން ބޭނުންކުރި ސޮފްޓްވެއާއަށް 39،000 ޔޫރޯ ދައްކަން ހުކުމްކޮށްފި

ޕީއެސްއެމުން ގެނެސްދިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ކަވަރޭޖް --

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކަވަރޭޖުގައި ބޭނުންކުރި ސޮފްޓްވެއާއަށް 39،750 ޔޫރޯ ދެއްކުމަށް އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ރިޔާސީ އިންތިހާބު 2018ގެ ނަތީޖާ ކަވަރޭޖު ގެނެސްދިނުމަށްޓަކައި ޕީއެސްއެމުންވަނީ ވިސްޑަމް ޓެލެ ވިޒަން - އިންފޯމަޓިކޮސް ޕެރާ ޓެލެވިޒޯ އެލްޑީއޭ ނަމަކަށް ކިޔާ ކުންފުންޏެއް އަތުން "އޮގްމެންޓެޑް ރިއާލިޓީ" ސޮފްޓްވެއާއެއް 24 ގަޑިއިރަށް ބޭނުންކުރުމަށް ކުއްޔަށް ނަގާފައެވެ.

މި ދެ ކުންފުނީގެ ދެމެދުގައި މި މުއާލާތާ ގުޅިގެން އޮގަސްޓު 27، 2018 ގައި ހެދި އެއްބަސްވުމުގައި 72،500 ޔޫރޯ ދެއްކުމަށް ޕީއެސްއެމުން އޮތީ އެއްބަސްވެފައެވެ.

ފެބްރުއަރީ 5، 2023ގައި ވިސްޑަމް ޓެލެވިޒަންގެ ފަރާތުން މި މައްސަލައިގައި ޕީއެސްއެމާ ދެކޮޅަށް ދައުވާ އުފުލާފައިވަނީ ހިދުމަތުގެ އަގުގެ ގޮތުގައި ދެއްކުމަށް ޕީއެސްއެމުން އެއްބަސްވި ފައިސާގެ 50 އިންސައްތަ (36،250 ޔޫރޯ) ދައްކާފައިނުވުމުގެ ސަބަބުންނެވެ. އަދި، ވިސްޑަމް ޓެލެވިޒަންގެ މުވައްޒަފުން ރާއްޖޭގައި ތިބި މުއްދަތު އިތުރުކުރުމަށް ދެ ފަރާތުން އެއްބަސްވެފައިވާ އަގުކަމަށްވާ 3،500 ޔޫރޯއާ އެކު، ޕީއެސްއެމްގެ މައްޗަށް ދައުވާކޮށްފައިވަނީ ޖުމްލަ 39،750 ޔޫރޯ ހޯދާށެވެ.

މި ދައުވާގެ ޖަވާބުގައި ޕީއެސްއެމުން ބުނެފައިވަނީ ވިސްޑަމް ޓެލެވިޒަންއިން ޕީއެސްއެމްގެ އަތުން ހޯދުމަށް ދައުވާކޮށްފައިވާ ފައިސާއަކީ އެ ކުންފުނީގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށާއި، "އޮގްމެންޓެޑް ރިއާލިޓީ" ސޮފްޓްވެއާއަކީ ކުއްޔަށް ނެގި އެއްޗެއް ކަމަށެވެ.

ޕީއެސްއެމުން ބުނީ އެ ފެންވަރުގެ ސޮފްޓްވެއާއެއް މާކެޓުން ގަންނަން ލިބޭވަރަށްވުރެ ބޮޑު އަގެއްގައި، ޕީއެސްއެމަށް އޮޅުވާލައިގެން އެ ކުންފުނި، މި އެއްބަސްވުމަށް ވައްދާފައިވާ ކަމަށެވެ. އަދި، ޖުމުލަ އަގުގެ އިތުރަށް ހޯދުމަށް ދައުވާކޮށްފައިވާ 3،500 ޔޫރޯ ދިނުމަށް އެއްބަސްވެފައިނުވާނެ ކަމަށް ވެސް ޕީއެސްއެމުން ދިފާއުގައި ބުނެފައިވެއެވެ.

ނަމަވެސް މި މައްސަލައިގައި ޕީއެސްއެމަށް އޮޅުވާލާފައިވާކަން އެ ކުންފުންޏަށް ސާބިތުކޮށްދެވިފައިނުވާތީ، ޕީއެސްއެމުން ދައްކަންޖެހޭ ފައިސާ ނުދެއްކުމަށް ކުރި އިންކާރަކީ އެއްވެސް ހަރުދަނާ އަސާސެއް ނެތި ކޮށްފައިވާ އިންކާރެއް ކަމަށް ކޯޓަށް ފާހަގަކުރެވިފައިވާކަން ވަނީ ހާމަކޮށްފައެވެ.

ހުކުމުގައި ބުނެފައިވަނީ ކޮންޓްރެކްޓްގެ ރުކުންތައް ފުރިހަމަވެގެން އެކުލަވައިލެވޭ ކޮންމެ ކޮންޓްރެކްޓެއް ރަނގަޅު ނިޔަތުގައި ތަންފީޒުކުރުމަކީ އެ ކޮންޓްރެކްޓެއްގެ ބައިވެރިންގެ މައްޗަށް ގާނޫނީ ގޮތުން ލާޒިމު ވެގެންވާ ކަމެއް ކަމަށެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ ޕީއެސްއެމްގެ އަތުން ހޯދުމަށް ދައުވާކުރި ފައިސާގެ އަދަދުކަމަށްވާ 39،750 ޔޫރޯ، 14 މެއި 2024ގެ ކުރިން ސިވިލް ކޯޓަށް ދައްކައި ހަލާސްކުރުމަށެވެ.

comment ކޮމެންޓް