ވަޒީފާނެތް މީހުންގެ ނިސްބަތް މިއަހަރު މުޅި ދުނިޔޭގައި އިތުރުވާނެ: އދ

ވަޒީފާނެތް މީހުންގެ ނިސްބަތް މިއަހަރު މުޅި ދުނިޔޭގައި އިތުރުވާނެ ކަމަށް އދ.އިން ބުނޭ -- ފޮޓޯ/ ފޭސްބުކް

އުފެއްދުންތެރިންކަން ދަށްވެ، އިންފްލޭޝަން މަތިވުމާއި އާމްދަނީގެ ހަމަހަމަކަން ނެތުމުގެ ސަބަބުން ދުނިޔޭގެ ވަޒީފާނެތް މީހުންގެ ނިސްބަތް މިއަހަރު އިތުރުވާނެ ކަމަށް އދ.އިން ހާމަކޮށްފިއެވެ.

އދ.ގެ މަސައްކަތްތެރިންނާބެހޭ އިދާރާ (އައިއެލްއޯ)އިން ބުނި ގޮތުގައި، މިދިޔަ އަހަރު ދުނިޔޭގެ ވަޒީފާ ނެތް މީހުންގެ ނިސްބަތް 5.3 އިންސައްތައިގައި ހުރިއިރު، މިދިޔަ އަހަރު އެ ނިސްބަތް ވަނީ 5.1 އިންސައްތައަށް ދަށްވެފައެވެ. ނަމަވެސް މިއަހަރު އިތުރު ދެ މިލިއަން މީހުން ވަޒީފާ ހޯދަން މަސައްކަތް ކުރާނެ ކަމަށާއި، އެއާއެކު ވަޒީފާ ނެތް މީހުންގެ ނިސްބަތް މިއަހަރު އަނެއްކާވެސް 5.2 އިންސައްތައަށް އިތުރުވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

އައިއެލްއޯއިން ބުނީ އިންފްލޭޝަން ކޮންޓްރޯލު ކުރުމަށް މަރުކަޒީ ބޭންކުތަކުން ފިޔަވަޅުތައް އެޅުމާއި، ދޭދޭ ގައުމުތަކުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ކޮވިޑް 19ގައި ގެއްލުންވި ގައުމުތަކުގެ އިގްތިސާދީ ދުވެލި މަޑުޖެހިފައިވާ ކަމަށެވެ.

އިގުތިސާދީ ގޮތުން ދުނިޔޭގައި އެންމެ ކުރިއަރައިފައިވާ ގައުމުތައް ކަމަށްވާ، ޖީ20 ގައުމުތަކުގައި އިންފްލޭޝަނާ އެއްވަރުގެ މުސާރައެއް ނުލިބޭ ކަމަށް މަސައްކަތްތެރިންނާބެހޭ އިދާރާއިން ފާހަގަކުރެއެވެ. އެގޮތުން މިދިޔަ އަހަރު މުސާރައިގެ ކުރިއެރުން ނުލިބިހުރި ޖީ20 ގައުމުތަކުގެ ތެރޭގައި ބްރެޒިލް، އިޓަލީވިލާތް އަދި އިންޑޮނޭޝިއާ ހިމެނެއެވެ. މުސާރައިގެ ކުރިއެރުން ލިބުނު ގައުމުތަކުގެ ތެރޭގައި ޗައިނާ، ރަޝިޔާ، އަދި މެކްސިކޯ ހިމެނެއެވެ.

ވަޒީފާނެތް މީހުންގެ ނިސްބަތް މަތިވާން ދިމާވާ އެންމެ ބޮޑު ދެ މައްސަލައަކީ އުފެއްދުންތެރިކަން ދަށްވުމާއި، ހަމަހަމަކަން ނެތުން ކަމަށްވެސް އައިއެލްއޯއިން ނެރުނު ރިޕޯޓެއްގައިވެއެވެ.

comment ކޮމެންޓް