ކިއުބާގައި ތެލުގެ އަގު 500 އިންސައްތައަށް އުފުލަނީ

އިގްތިސާދީ ދަތިކަން ކުރިމަތިވެފައިވާ ކިއުބާއިން އަންނަނީ ޑެފިސިޓް ކުޑަކުރުމުގެ ގޮތުން ޑިސެމްބަރު މަހުން ފެށިގެން އިގްތިސާދީ އެކި ފިޔަވަޅުތައް އަޅަމުން. ފޮޓީ/ފްރާންސް 24

ކިއުބާގައި ތެލުގެ އަގު 500 އިންސައްތައަށް އުފުލުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ކިއުބާ ސަރުކާރުން އެގޮތަށް ނިންމައިފައި ވަނީ އިގްތިސާދީ ހީނަރުކަމާ ކުރިމަތިވެ، ތެލުގެ ސަޕްލައިވެސް ދަށްވެފައިވާ ދަނޑިވަޅެއްގައެވެ.

ތެލުގެ އަގު އުފުލުމަށް ނިންމައިފައި ވަނީ އަންނަ ފެބްރުއަރީ މަހުއެވެ. އެގޮތުން ޕެޓްރޯލު ލީޑަރެއްގެ އަގު 30 ޕެސޯ އިން 132 ޕެސޯއަށް އުފުލުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.

އިގްތިސާދީ ދަތިކަން ކުރިމަތިވެފައިވާ ކިއުބާއިން އަންނަނީ ޑެފިސިޓް ކުޑަކުރުމުގެ ގޮތުން ޑިސެމްބަރު މަހުން ފެށިގެން އިގްތިސާދީ އެކި ފިޔަވަޅުތައް އަޅަމުންނެވެ. ކިއުބާއަކީ ކޮންމެހެން ބޭނުންވާ ހުރިހާ މުދަލާއި ހިދުމަތަކަށް ސަބްސިޑީ ދޭ ގައުމެކެވެ.

ބޭރު ފައިސާ މަދުވުމުގެ ސަބަބުން ސަބްސިޑައިޒް ކޮށްފައިވާ އަގުގައި ތެޔު ނުވިއްކޭނެ ކަމަށް އިގްތިސާދާބެހޭ ވަޒީރު އަލެޖެންޑްރޯ ގިލް މިދިޔަ މަހުގެ ފަހުކޮޅު ވަނީ ވިދާޅުވެފައެވެ.

ތެލުގެ އަގު އުފުލުމުގެ އާންމުން ދިރިއުޅޭ ބައެއް ސަރަހައްދުތަކުގެ ކަރަންޓުގެ އަގު 25 އިންސައްތަ އުފުލާނެ ކަމަށްވެސް ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ. އޭގެއިތުރުން ބައިނަލްއަގްވާމީ ބާޒާރުން ތެޔޮ ގަތުމަށް ބޭނުންވާ ބޭރު ފައިސާ ހޯދުމަށް، ޑޮލަރުން ފައިސާ ދައްކާ 29 އާ ޕެޓްރޯލް ޝެޑް ސަރުކާރުން ހުޅުވާނެކަންވެސް ވަނީ އިއުލާނުކޮށްފައެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި ކޮވިޑް 19 ގެ ބަލިމަޑުކަމުގެ އިތުރުން އެމެރިކާއިން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކިއުބާގެ އިގްތިސާދު ވަނީ ވަރަށް ބޮޑަށް އަޑިއަޅައިލައިފައެވެ. ކިއުބާގެ އިގްތިސާދީ ދުވެލި މިދިޔަ އަހަރު ވަނީ 2 އިންސައްތައަށް ދަށްވެފައެވެ. އެއާއެކު އިންފްލޭޝަން ރޭޓު ވަނީ 30 އިންސައްތައަށް އުފުލިފައެވެ.

comment ކޮމެންޓް