ވީއައިއޭގެ އެއާ ޓްރެފިކް މޫވްމަންޓުގެ އާ ރެކޯޑެއް

ވީއައިއޭއިން ބޯޓެއް ނައްޓާލަނީ: ވީއައިއޭއިން ވަނީ މިދިޔަ ހޮނިހިރު ދުވަހު އާ ރެކޯޑެއް ހަދައިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ދަތުރުތަކުގެ އާ ރެކޯޑެއް ހަދައިފިއެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން މިދިޔަ ހޮނިހިރު ދުވަހު އެ އެއާޕޯޓުންވަނީ 925 އެއާ ޓްރެފިކް މޫވްމަންޓް (އޭޓީއެމް) ރެކޯޑުކޮށްފައެވެ. އެއީ ވީއައިއޭގެ ތާރީޚުގައި ވެސް އޭޓީއެމްގެ އަދަދު އެހާ މަތިވި ފުރަތަމަ ފަހަރު ކަމަށް އެމްއޭސީއެލުން ބުންޏެވެ.

ވީއައިއޭގެ އެ ދުވަހުގެ ދަތުރުތަކަށް ބަލާއިރު:

  • ސީޕްލޭން ދަތުރުތައް: 672
  • ބައިނަލްއަގުވާމީ ދަތުރުތައް: 104
  • އެތެރޭގެ އުދުހުންތައް: 116
  • އަމިއްލަ ޖެޓު: 33

އޭޓީއެމްގެ ގޮތުގައި ގުނަނީ އޭގެ ތެރެއިން ކޮންމެ އުޅަނދެއް ވީއައިއޭއިން ދަތުރު ފަށާ ނުވަތަ އެއާޕޯޓަށް ޖައްސާ ކޮންމެ ފަހަރެކެވެ.

މީގެ ކުރިން މިިދިޔަ ހަފުތާގެ އަންގާރަ ދުވަހު ވީއައިއޭގެ ސީޕްލޭން ދަތުރުތަކުގެ އާ ރެކޯޑެއް ވެސް ވަނީ ހަދައިފައެވެ. އެއީ ޖުމުލަ 649 ސީޕްލޭން ދަތުރާއެކުގައެވެ.

އެ ރެކޯޑާ ގުޅިގެން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ތޯހާ ވަނީ އެ ރެކޯޑަށް ވާސިލުވުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއެއް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިދިޔަ ބުރާސްފަތި އިފުތިތާހުކޮށްދެއްވައިިފައެވެ. ވިހި އަހަރަށް ބަހައިލައިގެން ހިންގާ އެ މަލްޓިމިލިއަން ޑޮލަރުގެ މަޝްރޫއުގެ ތެރެއިން ވީއައިއޭގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، 25 މިލިއަން ދަތުރުވެރިންގެ ކެޕޭސިޓީއަކަށް އެ އެއާޕޯޓު ތަރައްގީ ކުރުމަށް ވަނީ ނިންމައިފައެވެ.

އެ މަޝްރޫއުގެ ދަށުން ސީޕްލޭން ޓާމިނަލާއި، ފުނަދުއާއި، މާލެއާއި ހުޅުލެއާ ގުޅުވާލައި، ބްރިޖެއް ތަރައްގީކޮށް، މޮނޮރެއިލް ޚިދުމަތް ވެސް ތައާރަފުކުރަން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް