އެއާ ސާވިސް ވޯލްޑް ކޮންގްރެސް ރާއްޖޭގައި ބާއްވަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް-- ފޮޓޯ/އެމްއޭސީއެލް

އެއާ ސަވިސް ވޯލްޑް ކޮންގްރެސް, ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ މެނޭޖަރު ޝަމްއާން ޝާކިރު ވިދާޅުވީ އެ ކޮންގްރެސްއަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގެ އެއާލައިންތަކާއި އެއާޕޯޓްތައް ބައިވެރިވާ ކޮންގްރެސްއެއް ކަމަށެވެ.

މި އަހަރުގެ ކޮންގްރެސް ބާއްވާން ހަމަޖެހިފައި އޮތީ ކުރުނބާ މޯލްޑިވްސްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި މި ކޮންގްރެސް ބާއްވާކަން ފާހަގަކޮށް ޝަމްއާން ވިދާޅުވީ އެ ބައްދަލުވުން މެދުވެރިކޮށް އެއާލައިންތަކާއި އެއާޕޯޓްތައް ގުޅުވާލެވޭނެ ކަމަށެވެ.

މި ކޮންގްރެސްގައި، ވީއައިއޭ އިތުރަށް ތަރައްގީކޮށް ޓާމިނަލް ހެދުމުން ރާއްޖޭން އިތުރު އެއާލަންތަކަށް އުދުހުމުގެ ފުރުސަތު އޮތް ކަމާއި އެފަދަ އެހެނިހެން ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރާނެ ކަމަށް ޝަމްއާން ފާހަގަކުރެއްވިއެވެ.

"ޖުލައި މަހުގެ ތެރޭގައި ތިން ދުވަހަށް ކުރިއަށްދާ މި ކޮންގްރެސްގައި ނެޓްވޯކިން ވަރަށް ބައިވަރު ސެޝަންތަކެއް ކުރިއަށްދާނެ،" އޭނާ ވިދާޅުވިއެވެ.

ޝަމްއާން ވިދާޅުވީ މިހާރު ކުރިއަށްދަނީ އެ ކޮންގްރެސްއަށް އެއާޕޯޓްތަކާއި އެއާލައިންތައް ރަޖިސްޓްރީ ކުރުމުގެ މަސައްކަތާއި ކޮންގްރެސް މާކެޓު ކުރުމުގެ މަސައްކަތްް ކަމަށެވެ.

"މި ކޮންގްރެސްއަކީ ބޭރުގެ ކުންފުންޏެއްގެ ކޮންގްރެސްއެއް. އެ ބޭފުޅުން މި ކޮންގްރެސްގެ ރަޖިސްޓްރޭޝަން ކަންތައްތަކާއި އެހުރިހާ މަސައްކަތްތަކެއް ބަލަހައްޓަނީ،" އޭނާ ވިދާޅުވިއެވެ.

އެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ ނުވަޔަކުން 11އަށެވެ.

comment ކޮމެންޓް