ސަޢުދީގައި ތިބޭ ދަރިވަރުންނަށް ޙައްޖާޖީންނަށް އެހީވުމުގެ ހުއްދަ ދޭން އެދެފި

ޑރ. ޝަހީމް ސަޢުދީ ޢަރަބިއްޔާގެ ޙައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީޢާއާ ބައްދަލުކުރައްވުމުގެ ތެރެއިން--

ސައުދީގައި ކިޔަވަން ތިބޭ ދަރިވަރުން ޙައްޖު މޫސުމުގައި ހައްޖާޖީންނަށް އެހީތެރިވުމަށް އައުމަށް ރަސްމީކޮށް ހުއްދަ ދެއްވުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ސަޢުދީ އަރަބިއްޔާގެ ސަރުކާރުގައި އެދިވަޑައިގެންފިއެވެ.

މިއަދު ޝަހީމް ވަނީ ސަޢުދީ ޢަރަބިއްޔާގެ ޙައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީޢާއާ ބައްދަލުކުރައްވައިފައެވެ. ޝަހީމް ވަނީ ސައޫދީގެ މިނިސްޓަރަށް ހަނދާނީލިޔުމެއް އަރުވާފައެވެ.

ޝަހީމްގެ ވާހަކަފުޅުގައި ވިދާޅުވީ ސަޢޫދީ ސަރުކާރުން ދިވެހި ޙައްޖުވެރިންނާއި ޢުމްރާވެރިންނާ މެދު ވަރަށް ދީލަތިކޮށް މުޢާމަލާތުކުރައްވައި އަގުހުރި ޚިދުމަތަކެއް ދެއްވަމުންދާ ކަމަށެވެ. މިގޮތުން ޙައްޖު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ކޮށްދެއްވަމުން ގެންދަވާ ޚިދުމަތް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަދި، މާތް ދެ ޚަރަމްފުޅަށާއި ޙައްޖާއި ޢުމްރާއަށް އަންނަ މީހުންނާއި މަދީނާއަށް ޒިޔާރަތްކުރާ މީހުންނާ މެދު ބަހައްޓަވާ ދީލަތިކަމަށްޓަކައި ސަލްމާން ރަސްގެފާނާއި ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާނަށް ޑރ. ޝަހީމް ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ޙައްޖު ކޯޓާ އިތުރުކުރުމާ މެދު ވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވައިފައެވެ.

ކޮވިޑް ތެރޭގައި ތައުފީޤު ހުންނެވީ ސަޢުދީގެ ހެލްތު މިނިސްޓަރުގެ މަޤާމުގައެވެ. އޭނާ މިއަދު ދެއްކެވި ލީޑާޝިޕަށް ސައުދީގެ ވެރިންނާއި ދުނިޔޭގެ ތައުރީފު ލިބިވަޑައިގެންފައިވެއެވެ. އޭނާ ޙައްޖު މިނިސްޓްރީއާ ޙަވާލުވެވަޑައިގަތް ފަހުން ވަރަށް މުހިންމު ހެޔޮ ބަދަލުތަކެއްވަނީ ގެންނަވާފައެވެ.

އިސްލާމިކް މިނިސްޓަރު ޝަހީމް ސަޢުދީއަށް ވަޑައިގެންނެވީ ތައުފީޤު ދެއްވި ޚާއްޞަ ދަޢުވަތަކަށެވެ.

comment ކޮމެންޓް