ކުޑަކުއްޖަކާ ގުޅުން ހިންގުމުގެ ދައުވާއެއް އޮއްވައި ޑެޕިއުޓީ މިނިސްޓަރުކަން

ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ގާނޫނީ ވަކީލު އަހުމަދު ޝާނަށް މި ސަރުކާރުން ޑެޕިއުޓީ މިނިސްޓަރުކަން ދީފިއެވެ.

ޝާންއަކީ 2017 ވަނަ އަހަރު، ކުޑަ އަންހެން ކުއްޖަކާ އެކު ޖިންސީ އަމަލު ހިންގި ކަމަށް ތުހުމަތުވާ މައްސަލައެއްގައި ދައުވާ އުފުލާފައިވާ މީހެކެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި މިހާރު ފެންނަން އިން ގޮތުން، ޝާނަށް ސަރުކާރުން ވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރުގެ ޑެޕިއުޓީ މިނިސްޓަރުކަން ދީފައެވެ. އޭނާގެ އިތުރުން ވެސް، އެ މިނިސްޓްރީގައި ފަސް ޑެޕިއުޓީ މިނިސްޓަރުން ތިއްބަވައެވެ.

އޮކްޓޫބަރު، 18، 2017ގައި ގެސްޓް ހައުސްއެއްގެ ތެރޭގައި 16 އަހަރުގެ ކުއްޖަކާ އެކު ހުއްޓައި ފުލުހުން ވަނީ ޝާން ހައްޔަރުކޮށްފައެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ފުރަތަމަ އުފުލި ދައުވާ ދަށު ކޯޓުން ބޭރުކޮށްލި ނަމަވެސް، ދައުލަތުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރުމުން ޖުލައި، 8، 2021 ގައި ވަނީ އެ މައްސަލަ ބަލަން އަންގައިފައެވެ. ޝާންގެ މައްޗަށް އުފުލާފައިވަނީ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލައިގެ ޝަރީއަތް މިހާތަނަށް ނިމި، ހުކުމެއް ކޮށްފައެއް ނުވެއެވެ.

އެ މައްސަލައިގައި ބަޔަކު އޭނާ ފްރޭމްކުރީ ކަމަށް މީގެ ކުރިން ޝާންގެ ފަރާތުން ވަނީ ބުނެފައެވެ. އެ ހުރިހާ ތުހުމަތުތަކަކަށް އޭނާ އިންކާރު ކުރެއެވެ. އޭނާގެ ފަރާތުން މީގެ ކުރިން ހައިކޯޓުގައި ބުނެފައިވަނީ އެ މައްސަލައިގައި ތުހުމަތުވާ އަންހެން ކުއްޖާ އެއްވެސް ތަނެއްގައި ޝާންގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް ބުނެފައިނުވާ ކަމަށެވެ.

comment ކޮމެންޓް