ހަނގުރާމަ ހުއްޓައިނުލަނީސް ޣައްޒާގެ މުސްތަގުބަލާ މެދު ވާހަކައެއް ނުދެއްކޭނެ: މިސްރު

މިސްރުގެ ހާރިޖީ ވަޒީރު، ސަމީހު ޝުކްރީ -- ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާގައި ކުރިއަށްދާ ހަނގުރާމަ ހުއްޓައިނުލަނީސް ޣައްޒާގެ މުސްތަގުބަލާމެދު ވާހަކައެއް ނުދެއްކޭނެ ކަމަށް މިސްރުގެ ޚާރިޖީ ވަޒީރު ސަމީހު ޝުކްރީ ވިދާޅުވެއްޖެއެވެ.

ޝުކްރީ އެގޮތަށް ވިދާޅުވެފައިވަނީ ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު އަނާލީނާ ބާބޮކްއާ އެކު މިސްރުގެ ވެރިރަށް ގާހިރާގައި ބޭއްވެވި ބައްދަލުވުމެއްގައެވެ.

"މިހާރު މަސައްކަތްކުރަން ޖެހޭނީ ހަނގުރާމައި ހުއްޓައިލުމަށް ބާރުއެޅުމަށް. ޣައްޒާގެ އާންމުންނަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތައް ކުރިއަށްގެންދާނެ ކަމަށް ދޭހަވާ ފަދަ މައުލޫތަކަށް ވާހަކަދައްކައިގެ ތިބެވޭކަށް ނެތް،" ޝުކްރީ ވިދާޅުވިއެވެ.

ހަނގުރާމަ ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައު ނާކާމިޔާބުވެފައިވާ ކަމަށް ވެސް ޝުކްރީ ވިދާޅުވިއެވެ.

ޝުކްރީ އެގޮތަށް ވާހަކަފުޅު ދައްކަވައިފައިވަނީ ޣައްޒާ ހަނގުރާމަ ނިމުމުން ކުރިއަށް އޮތްތަނުގައި ޣައްޒާގެ ވެރިކަން ކުރާނީ އިސްރާއީލުން ކަމަށް އިސްރާއީލުގެ އޮފިޝަލުން ހާމަކޮށްފައިވަނިކޮށެވެ.

އެ ބައްދަލުވުމުގައި ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު ބާބޮކްއާ ވަނީ ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލައްވައިފައެވެ. އަދި، ޣައްޒާގެ އާންމުންނަށް ދެމުންގެންދާ ހަމަލާތައް އިތުރަށް ތަހައްމަލު ނުކުރެވޭނެ ކަމަށާއި، ޣައްޒާގެ އާންމުން ހިމާޔަތްކުރަން އެއަށްވުރެ ގިނަ މަސައްކަތް އިސްރާއީލުން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާއެއްގެ ރައްދުގައި ކަމަށް ބުނެ ޣައްޒާގެ އާންމުންނަށް އަމާޒުކޮށް އިސްރާއީލުން ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް 23،210 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ހަމަލާތަކުގައި ޒަޚަމުކޮށްލައިފައިވާ މީހުންގެ އަދަދު ވަނީ 59،167 އަށް އަރައިފައެވެ.

ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުންގެ ގެދޮރު ގެއްލިފައިވާއިރު، ކާނާއާއި ސާފު ފެން އަދި ތެލާއި ބޭސް ފަރުވާއަށް ބޭނުންވާ ސާމާނު ލިބުންވެސް ވަނީ ދަތިވެފައެވެ.

comment ކޮމެންޓް