ބަޔާނާއެކު ޑޭވީސްގެ ކޮންޓްރެކްޓް އާނުކުރުމަށް ރެއާލުން އަންގައިފި

ބަޔާން މިއުނިކްގެ ކެނެޑާ ޑިފެންޑަރު އަލްފޮންސޯ ޑޭވީސް -- ފޮޓޯ/ ގެޓީ

ކެނެޑާ ޑިފެންޑަރު އަލްފޮންސޯ ޑޭވީސް، ބަޔާން މިއުނިކާއެކު ހަދާފައިވާ ކޮންޓްރެކްޓް އާނުކުރުމަށް ރެއާލް މެޑްރިޑުން އަންގާފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ބަޔާނާއެކު ޑޭވީސް މިހާރު ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އަންނާނީ އަންނަ އަހަރުއެވެ. އެއާއެކު 23 އަހަރުގެ ޑޭވީސްގެ ކޮންޓްރެކްޓު އާކުރުމަށް ބަޔާނުން ވެސް ދަނީ މަސައްކަތްކުރަމުންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި ކޮންޓްރެކްޓް އާކުރުމުގެ މަޝްވަރާތައް މަޑުޖައްސާލުމަށް ރެއާލްގެ ސްކޮޑު ޕްލޭނަރު ޖޫނީ ކަލަފާޓް ވަނީ ޑޭވިސްއަށް އިރުޝާދުދީފައެވެ. އަދި އެއީ ޑޭވިސް ގެންދިއުމަށް ރެއާލުން ބިޑުކުރުމަށް ތައްޔާރުވާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ފްރާންސް ތަރި ކިލިއާން އެމްބާޕޭއާއެކު ޑޭވީސްއަކީ ވެސް ރެއާލުން ޓާގެޓުކުރާ މުހިންމު ކުޅުންތެރިއެކެވެ. ބަޔާނާއެކު ހަދާފައިވާ ކޮންޓްރެކްޓް އާނުކުރުމަށް ޑޭވީސް ނިންމައިފި ނަމަ، ދެން އެ ކްލަބުން ވެސް މަސައްކަތްކުރާނީ އޭނާ ވިއްކާލުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ރެއާލުން ޑޭވީސް ގެންދިއުމަށް ބިޑުކުރުމަށް ނިންމާފައިވަނީ މިސީޒަން ނިމުމުންނެވެ. ނަމަވެސް ރެއާލުން ބަޔާނާއެކު އަދި އެކަމުގެ މަޝްވަރާތައް ފަށައިފައެއް ނުވެއެވެ.

comment ކޮމެންޓް