ސްޕެއިންގެ ހޮސްޕިޓަލްތަކުގައި މާސްކު އެޅުން މަޖުބޫރުކުރަނީ

ކޮވިޑް 19 އަަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަނީ --- ފޮޓޯ/އިންގްލިސް އަރަބިއާ

ހަލުވިކަމާ އެކު ފެތުރޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ ކޮވިޑް 19ގެ ކޭސްތައް ވިލާތުގައި އިތުރުވަމުންދާތީ، ސްޕެއިންގެ ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނުގައި މާސްކު އެޅުމަށް މަޖުބޫރުކުރަން އެ ގައުމުގެ ސަރުކާރުން ހޯމަ ދުވަހު ހުށަހަޅައިފިއެވެ.

ނަމަވެސް ސިއްހީ ސިޔާސަތުތައް ކަނޑައަޅުއްވަން ހަވާލުވެ ތިއްބެވި ސަރަހައްދީ ލީޑަރުން މިހާތަނަށް ވެސް އެކަމާ ދެކޮޅު ހަދަމުންދާތީ، އެކަމާ މެދު ގޮތެއް ނިންމުން އަންނަ ބުދަ ދުވަހު ކުރިއަށްދާނެ ކަމަށް ބެލެވޭ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ކޮވިޑް 19ގެ އިތުރުން އަރިދަފުސް ރޯގާ ވެސް ފެތުރެމުން ދިއުމުގެ ސަބަބުން އިޓަލީގައި ނޭވައިލާ ނިޒާމަށްޖެހޭ ބަލިތައް ޖެހޭ މީހުންގެ އަދަދު ރިކޯޑު މިންވަރަކަށް ވަނީ އިތުރުވެފައެވެ.

ސްޕެއިންގެ ބައެއް ސަރަހައްދުތަކުން މިދިޔަ ހަފުތާގައި ވަނީ ބަލި މީހުންނާއި ބަލި މީހުންނަށް ޒިޔާރަތްކުރާ މީހުންނާއި ހޮސްޕިޓަލްތަކުގެ މުވައްޒަފުންނަށް މާސްކް އަޅަން އަންގައިފައެވެ.

ކޮވިޑް-19އާ ގުޅިގެން މާސްކު އެޅުން މަޖުބޫރުކޮށްފައި އޮތް އޮތުން އުވާނުލައި އެންމެ ގިނަ ދުވަހު ބޭއްވި އެއް ގައުމަކީ ސްޕެއިނެވެ. އެގޮތުން އާންމު ދަތުރުފަތުރުގައި 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް މާސްކު އެޅުން ސްޕެއިނުން އޮތީ މަޖުބޫރުކޮށްފައެވެ. އަދި، ސިއްހީ މަރުކަޒުތަކާއި ބޭސްފިހާރަތަކުގައި 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މާސްކު އެޅުން އޮތީ މަޖުބޫރުކޮށްފައެވެ.

ޔޫރަޕިއަން ސެންޓަ ފޯ ޑިޒީސް ޕްރިވެންޝަން އެންޑް ކޮންޓްރޯލް (ސީޑީސީ)ން ލަފާދީފައިވާ ގޮތުން އެ ސަރަހައްދުގައި ބަލިވެ އުޅޭ މީހުން ގޭގައި މަޑުކޮށް، ގިނަ މީހުން އެއްވާ ތަންތަނުގައާއި، ސިއްހީ ހިދުމަތްދޭ ތަންތަނުގައި މާސްކު އަޅަން ވާނެއެވެ.

އަދި، ފަސޭހައިން ފެތުރޭ ބަލިތަކުން ދިފާއުވުމަށް، ވެކްސިން ގައިޑްލައިންތަކަށް ވިލާތުގެ ރައްޔިތުން އަމަލުކުރަން ޖެހޭނެ ކަމަށް ވެސް ސީޑީސީން ބުނެއެވެ. ސްޕެއިންގެ އިތުރުން އެމެރިކާގެ ހަތަރު ސްޓޭޓެއްގައި ވެސް ހޮސްޕިޓަލްތަކުގައި މާސްކު އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.

comment ކޮމެންޓް