ޕާޓީއާ ވަރަށް ގާތުގައި ތިބި މީހުން ވެސް ދެކޮޅަށް ނުކުމެ އެބަތިބި: އާޒިމާ

މިރޭގެ ކެމްޕެއިން ޖަލްސާގައި އާޒިމާ: ވެރިކަން ކުރާ ޕީޕީއެމް، ޕީއެންސީއާ ވަރަށް ގާތުން މަސައްކަތް ކުރާ މީހުން ވެސް ކުރިއަށް އޮތް މާލޭ ސިޓީ ކައުންސިލް އިންތިޚާބުގައި ދެކޮޅަށް ނުކުމެ ތިބި ކަމަށް އޭނާ ވިދާޅުވި -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ އަހުމަދު އަމަން ލަތީފް

ވެރިކަން ކުރާ ޕީޕީއެމް، ޕީއެންސީއާ ވަރަށް ގާތުން މަސައްކަތް ކުރާ މީހުން ވެސް ކުރިއަށް އޮތް މާލޭ ސިޓީ ކައުންސިލް އިންތިޚާބުގައި ދެކޮޅަށް ނުކުމެ ތިބި ކަމަށް، ޕީއެންސީގެ ޓިކެޓްގައި މާލޭ ސިޓީ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި އާޒިމާ ވިދާޅުވީ، ބަޔަކު ކިތަންމެ ވާހަކައެއް ދެއްކިޔަސް ހައްގަށް ނަސްރު ދެއްވާނެކަން މިއަދު ހަވީރު ސިވިލް ކޯޓުން ނެރެފައި އޮތް އަމުރުން އެނގޭ ކަމަށެވެ.

އެ އަމުރުގައި ވަނީ, ޕްލެޓިނަމް ރެއަލް އެސްޓޭޓްއިން އާޒިމާއާ ދެކޮޅަށް މައްސަލައެއްގެ ހުށަހަޅައިފައިވާ ކަމަށާއި އެ މައްސަލައިގައި ހުކުމް ކުރުން ތާވަލުކޮށްފައި އޮތް ކަމަށް ނޫހެއްގައި ރިޕޯޓުކޮށްފައި އޮތް ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.

އެ މައްސަލަގައި ހަވާލާދީފައިވަނީ ސައްހަ ލިޔެކިޔުންތަކަށް ނޫން ކަަމަށް ވެސް ސިވިލް ކޯޓުން ނެރުނު ބަޔާނެއްގައިވެއެވެ. އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި، ގާނޫނީ އިމުގެ ތެރެއިން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.

އާޒިމާ ވިދާޅުވީ، އެ މައްސަލައިގައި ކޯޓުން ފިޔަވަޅު އަޅަން ނިންމައިފައިވުމުން އެކަމުން ދޭހަވަނީ ހަގީގަތް ހާމަވެ، ހައްގަށް ނަސްރު ލިބޭނެކަން ކަމަށެވެ.

"މިކަހަލަ ކިތަންމެ ކަމެއް ވެސް ކުރެވިދާނެ، މިކަހަލަ މިތަންމެ ކަމެއް ކުރެވިދާނެ، މައްސަލަތައް ދިމާވާނީ ބާރަށް ކުރިއަށްދާ މީހުންނަށް. ކާމިޔާބީގެ ރާސްތާއާ އަޅުގަނޑުމެން ކައިރިވާ ވަރަކަށް އަޅުގަނޑުމެންނާ ގޮންޖެހުންތައް ދިމާވާނެ،" އާޒިމާ ވިދާޅުވިއެވެ.

ނަމަވެސް އެ ގޮންޖެހުންތަކާ ހެދި ފަހަތަށް ނުޖެހޭނެ ކަމަށާއި މޭޔަރުކަން ކާމިޔާބު ކުރައްވާނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ފާހަގަކުރައްވައި އާޒިމާ ވިދާޅުވީ، އެ ކާމިޔާބީ ފުރިހަމަވާނީ ކައުންސިލް އިންތިޚާބާއި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ވެސް ކާމިޔާބުވުމުން ކަމަށެވެ. އަދި އެ އިންތިޚާބުތަކުގައި ދެކޮޅަށް ނުކުމެތިބީ މުޅިން ދުރު މީހުން ނޫން ކަމަށާއި އޭގެ ތެރޭގައި އެ ޕާޓީގެ މަސައްކަތާއި ވިސްނުން ދަންނަ މީހުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ، މިހާރު އަންނަ ގޮންޖެހުންތަކާ ދެކޮޅަށް އެންމެން ތިބީ އެއް ސަފެއްގައިކަން ދެން ތިބި މީހުންނަށް ދައްކައި، އެއްކޮށް މަސައްކަތް ކުރުމަށް އާޒިމާ އިލްތިމާސް ކުރެއްވިއެވެ. އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ތަސައްވަރު ހަގީގަތަކަށް ހަދަން ސިޓީ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މި ގޮނޑި މުހިންމު ވަނީ މާލެއަކީ މުޅި ރާއްޖޭގައި ހުރި ހުރިހާ މައްސަލަތަކެއް ހައްލު ކުރަން އޮތް އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ މަރުހަލާ،" އާޒިމާ ވިދާޅުވިއެވެ.

އޭނާގެ މައްޗަށް މިދިޔަ އަންގާރަ ދުވަހު ކުރި ހުކުމުގައި ވަނީ، އާޒިމާ ޕްލެޓިނަމް ރެސިޑެންސްގެ އެޕާޓްމަންޓެއް އެމްއައިބީއަށް ރަހުނުކޮށްފައިވާ ކަމަށާއި އެއަށްފަހު 3.18 މިލިއަން ރުފިޔާގެ ލޯނެއް ދޫކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެއްބަސްވުމާ އެއްގޮތަށް އެ ފައިސާ އަދައިކުރަމުން ނުދާތީ، އެ ހުކުމް ކުރި ދުވަހުން ފެށިގެން ކުރިއަށް އޮތް ހަ މަސް ދުވަހަށް ބަހައި، 4.15 މިލިއަން ރުފިޔާ ދައްކައި ޚަލާސްކުރުމަށް ހުކުމުގައިވެއެވެ.

އާޒިމާ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އެ ލޯނު ނުދެއްކުނީ މިދިޔަ ސަރުކާރުން، އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއަކާ ގުޅިގެން އަދާ ކުރަމުންދިޔަ ގާނޫނީ ވަކީލުކަމުގެ މަސައްކަތަށް ހުރަސް އެޅުމުންނެވެ.

https://sun.mv/186864

މީގެ އިތުރުން ހުކުމްކުރީ އެ ލޯނު ދެއްކުމަށް އިސްވެ ތާވަލެއް އެކުލަވައިލާ، ލޯނު ރީ-ސްޓްރަކްޗާ ކުރުމަށް ބޭންކަށް ވެސް ހުށަހަޅާފައި ވަނިކޮށް ކަމަށް އާޒިމާ ވިދާޅުވިއެވެ.

comment ކޮމެންޓް