މިލާނުން ފަސޭހަކަމާ އެކު އެމްޕޯލީ ބަލިކޮށްފި

މިލާންގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅު ކުރަނީ -- ފޮޓޯ/ ޔޫރޯ ސްޕޯޓް

އިޓާލިއަން ސެރީއާގައި އޭސީ މިލާނުން އެމްޕޯލީގެ މައްޗަށް ކުރި ހޯދައިފިއެވެ.

އެމްޕޯލީގެ ދަނޑުގައި ކުޅުނު މި މެޗު މިލާނުން ކާމިޔާބު ކޮށްފައިވަނީ 3-0 އިންނެވެ.

މެޗުގައި މިލާނުން ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗުގެ 11 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ރުބެން ލޮފްޓަސް ޗީކެވެ. މެޗުގައި މިލާންގެ ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 31 ވަނަ މިނެޓްގައި އޮލިވާ ޖިރޫ ކާމިޔާބު ކޮށްދިން ޕެނަލްޓީ އަކުންނެވެ. ފަހު ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ޗާކާ ޓްރައޯރޭއެވެ.

މި ކާމިޔާބީއާ އެކު މިލާން މިހާރު އުޅެނީ ކުޅުނު 19 މެޗުން ލިބިފައިވާ 39 ޕޮއިންޓާ އެކު ތާވަލުގެ ތިންވަނައިގައެވެ. ނަމަވެސް އެއްވަނައިގައި އޮތް އިންޓާ މިލާނާ ދެމެދު އަށް ޕޮއިންޓްގެ ތަފާތެއް އެބައޮތެވެ. އަދި މެޗުން ބަލިވި އެމްޕޯލީ އޮތީ ކުޅުނު 19 މެޗުން ލިބިފައިވާ 13 ޕޮއިންޓާ އެކު ތާވަލުގެ 19 ވަނައިގައެވެ.

މިމުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީއާއި ޓޮރީނޯ ބައްދަލުކުރި މެޗު 3 ލަނޑު ސުންލަނޑުން ކާމިޔާބު ކޮށްފައިވަނީ ޓޮރީނޯއެވެ. މި ސީޒަންގައި ނަޕޯލީއަށް މިދިޔަ ސީޒަންގައި ދެއްކި މޮޅު ކުޅުން ތަކުރާރު ކުރެވޭގޮތްވަނީ ނުވެފައެވެ. އަދި، މި ވަގުތު ނަޕޯލީ އުޅެނީ 28 ޕޮއިންޓާ އެކު ތާވަލްގެ ނުވަވަނައިގައެވެ.

comment ކޮމެންޓް