ޖާގަ ހެދެންދެން، ޕާކިން ސްޓިކާ ޖެހުން މަޑުޖައްސައިލައިފި

ނޮވެމްބަރ 4، 2020: މަޖީދީމަގުގައި ހުންނަ އެއްގަމު އުޅަނދު ޕާކުކުރުމަށް ގާއިމުކޮށްފައިވާ ހީނާމާގެ ޕާކިން ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ސަރަހައްދުގައި ޕާކް ކުރާނެ އިތުރު ޖާގަތައް ގާއިމްކުރެވެންދެން ޕާކިން ސްޓިކާ ޖެހުން މި ވަގުތަށް މަޑުޖައްސައިލައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ޕާކިން ސްޓިކާ ޖެހުމާ ގުޅޭގޮތުން "ސަން"އިން ސުވާލުކުރުމުން ޕާކު ކުރާނެ ޖާގަތައް އިތުރުކުރެވެންދެން މި ވަގުތަށް ސްޓިކާ ޖެހުން ތަންފީޒުކުރުން މަޑުޖައްސައިލައިފައިވާ ކަމަށެވެ.

"ޕާކްކުރާނެ އެކަށީގެންވާ ޖާގެ ނެތް ޙާލަތުގައި ޕާކިން ސްޓިކާ ތަންފީޒުކުރުން ފުލުހުން ވަނީ މަޑުޖައްސައިލައިފައި،" ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެހެން ނަމަވެސް ފުލުހުން މީގެކުރިން ވަނީ ގްރީން ޒޯން ސަރަހައްދާއި ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދާއި، ބޮޑު ތަކުރުފާނު މަގުގައި ކަނޑައެޅިފައިވާ ޕާކިން ޒޯނުތައް ފިޔަވައި އެ ނޫން ސަރަހައްދު ތަކުގައި ޕާކު ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

އަދި، މާލޭގެ ބާރު ބޮޑު ސަރަހައްދުތަކުގައި ބަރު އުޅަނދު ޕާކު ނުކުރުމަށް ވެސް ފުލުހުން ވަނީ އަންގައިފައެވެ.

ޕާކިން ޖާގަ އިތުރުކުރުމަށް ޓަކައި އަނެއްކާ ވެސް މާލޭގައި ޕާކިން ބިލްޑިންތައް އަޅަން މިހާރުގެ ސަރުކާރުން ވަނީ ނިންމައިފައެވެ.

ވެހިކަލް ތޮއްޖެހުމުގެ މައްސަލަ މާލޭ ސަރަހައްދުގައި ބޮޑުވެ ޕާކިން ޖާގަ ނެތުން ވެސް ވެފައިވަނީ ބޮޑު މައްސަލައަކަށެވެ.

comment ކޮމެންޓް