އެފްއޭއެމްގެ އޮޑިޓަށް ފީފާގެ އޮޑިޓަރުން ރާއްޖޭގައި

އެފްއޭއެމްގެ ރައީސް ބައްސާމާއި ފީފާގެ ރައީސް އިންފަންޓީނޯ ބައްދަލުކުރެއްވުން -- ފޮޓޯ/ ޖިއާނީ އިންފަންޓީނޯ، އިންސްޓަގްރާމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އޮޑިޓްކުރުމަށް ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ އޮޑިޓަރުންތަކެއް ރާއްޖެ އަތުވެއްޖެއެވެ.

"ސަން"އަށް މައުލޫމާތުދިން އެފްއޭއެމްގެ އޮފިޝަލަކު ވިދާޅުވީ، ފީފާގެ އޮޑިޓަރުން އެފްއޭއެމްގެ އޮޑިޓަށް އައިސްފައިވަނީ ގަވާއިދުން އެ އިދާރާއިން ހަދާ އޮޑިޓްތަކަށް ކަމަށާއި އެފްއޭއެމްގެ އިތުރުން އެހެން ގައުމުތަކުގެ ފުޓުބޯޅަ އިދާރާތަކުގެ އޮޑިޓުތައް ވެސް ފީފާ އިން ގަވާއިދުން ހަދަމުންދާ ކަމަށެވެ.

ފީފާގެ އޮޑިޓަރުން އާންމުގޮތެއްގައި ފުޓުބޯޅަ އިދާރާތަކަށް ދިއުމުގެ ކުރިން، ކުރިއާލައި އެ އިދާރާތަކަށް އެންގުމެއް ނެތި އިދާރާގެ އޮފީހަށް ވަންނަނީ "ސަޕްރައިޒް ވިޒިޓް"އެއްގެ ގޮތުގައެވެ. އެގޮތުން އެންމެ ފަހުން އެފްއޭއެމްގެ އޮޑިޓަށް ފީފާގެ އޮޑިޓަރުން ރާއްޖެ އައިސްފައިވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް ރާއްޖެއިން ބޭރުގައި އުޅުއްވަނިކޮށެވެ.

ފީފާއިން އޮޑިޓު ހެދުމަށް ތާވަލުކޮށްފައި މިވަނީ ވެސް، އެފްއޭއެމަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން އެފްއޭއެމްގެ އިސްވެރިންގެ އަމިއްލަ އެކައުންޓުތަކަށް އެ އިދާރާގެ ފައިސާ ޖަމާކޮށްފައިވާ ކަމަށް ވެސް ވަނީ ތުހުމަތުތަކެއް ކުރެވިފައެވެ.

އެފްއޭއެމްގެ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ފުލުހުން ދަނީ ތަހުގީގެއް ހިންގަމުންނެވެ. އެ ތަހުގީގުގެ ތެރެއިން ފުލުހުން ވަނީ އެފްއޭއެމް ހައުސްއަށް ވަދެ، ހާޑް ޑިސްކްތައް ހިމެނޭގޮތަށް އެ އިދާރާގެ ބައެއް ލިޔެކިޔުންތައް ގެންގޮސްފައެވެ.

ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެފްއޭއެމްގެ ރައީސް ބައްސާމްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ އިރު، އެފްއޭއެމް ހިންގުމުގައި އިސްކޮށް ތިބި މީހުންގެ މައްޗަށް ކުރަނީ، އެ އެސޯސިއޭޝަނަށް ފީފާއިން ފޮނުވާ ފައިސާ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް އެކި ކަންކަމަށް ބޭނުންކުރުމުގެ ތުހުމަތެވެ.

ޕީޖީން ބުނެފައިވަނީ ފައިސާއާ ގުޅުން ހުރި މިފަދަ ތަހުގީގުތަކުގައި ބޭންކް ކާޑުތަކުން މީހުން ކުރާ މުއާމަލާތްތައް މެދުވެރިކޮށް، ތަހުގީގަށް މުހިންމު މައުލޫމާތު ލިބޭ ކަމަށެވެ.

އެގޮތުން ތުހުމަތުކުރެވޭ މީހުން ކުރާ ދަތުރުތަކުގައި ކާޑު ބޭނުންކޮށްފައިވުމުން، އެ މީހުން ދިޔަ ހޮޓެލްތަކާއި ޝޮޕިން މޯލްތައް އެނގެން އޮތް ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެފްއޭއެމްގެ މައްސަލައިގައި ދައުވާ ކުރުމުގެ ކުރިން އިތުރަށް ހޯދަން ޖެހޭ މައުލޫމާތު ހުރިކަން ޕީޖީން ފާހަގަކުރިއެވެ.

އެ މައްސަލައާ ގުޅިގެން ބައްސާމް ވިދާޅުވެފައިވަނީ އެފްއޭއެމްގެ އެއްވެސް ފައިސާއެއް އޭނާގެ އެކައުންޓަށް ވަދެފައި ނުވާނެ ކަމަށާއި ފީފާ އާއި އޭއެފްސީގެ އޮޑިޓްތަކުން ވެސް ކޮރަޕްޝަންގެ މައްސަލައެއް ފާހަގަކުރެވިފައި ނޯންނާނެ ކަމަށެވެ.

comment ކޮމެންޓް