ބަންގްލަދޭޝްގައި ވޯޓު ފޮށި ބަހައްޓާފައި ހުންނަ މަރުކަޒުތަކުގައި ރޯކުރަނީ

ބަންގްލަދޭޝްގެ ރޭލެއްގައި އިއްޔެ ރޯކޮށްލުން: އެ ހާދިސާގައި ހަތަރު މީހަކު މަރުވެފައިވާއިރު، ހުޅު ޖެހުމުގެ ތުހުމަތުގައި ހައްޔަރުކުރީ ސަރުކާރާ އިދިކޮޅު މައި ޕާޓީގެ މެންބަރުންތަކެއް --- ފޮޓޯ/ ރޮއިޓާސް

ބަންގްލަދޭޝްގައި މާދަމާ ބާއްވަން ހަމަޖެހިފައިވާ އާންމު އިންތިޚާބުގައި ވޯޓު ފޮށިތައް ބަހައްޓާފައި ހުރި މަރުކަޒުތަކެއްގައި މިއަދު ރޯކޮށްލައިފިއެވެ.

ބަންގްލަދޭޝްގެ ފުލުހުން ބުނި ގޮތުގައި ބަޔަކު ވަނީ މިއަދު އެގައުމުގެ ފަސް ޕްރައިމަރީ ސްކޫލެއްގައި ރޯކޮށްލައިފައެވެ. އޭގެ ތެރޭގައި ވޯޓު ފޮށި ބަހައްޓާފައި ހުރި ހަތަރު ތަނެއް ހިމެނޭއިރު، ހުޅު ޖަހާފައިވަނީ ކޮން ބަޔެއްކަން މިހާތަނަށް ދެނެގަނެވިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާތައް ހިނގާފައި ވަނީ، ވެރިރަށް ޑާކާގެ ކައިރީގައި އޮންނަ ގާޒީޕޫރުގެ ބައެއް ސަރަހައްދުތަކުގައި ބަޔަކު ރޯކުރި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށެވެ. އެ އަލިފާންގަނޑުތައް ރޯކުރީ އިންތިޚާބަށް ހުރަސް އެޅުމަށް މަސައްކަތް ކުރާ ބަޔަކު ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ.

އެ މައްސަލަތަކާ ގުޅިގެން އިލެކްޝަން ކޮމިޝަނުން ވަނީ ވޯޓުލާ މަރުކަޒުތަކުގައި ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމަށް އެދިފައެވެ.

ފާއިތުވި ދެ ދުވަސް ތެރޭ ވެސް، އިންތިޚާބަށް ތައްޔާރުކޮށްފައިވާ ތަންތަނުގައި ރޯކޮށްފައިވެއެވެ. އޭގެ ތެރޭގައި ޑާކާއާއި ޑާކާއިން ބޭރުގެ ޝަހަރުތަކުގައި ވެސް ހިމެނެއެވެ.

މީގެ އިތުރުން އިއްޔެ ރޭލެއްގައި ވެސް ރޯކޮށްފައިވާއިރު އެ ހާދިސާގައި ހަތަރު މީހަކު މަރުވިއެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން ވަނީ އިދިކޮޅު މައި ޕާޓީ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ ހަތް މެންބަރަކު ހައްޔަރުކޮށްފައެވެ.

ބަންގްލަދޭޝްއިން އާންމު އިންތިޚާބަށް ތައްޔާރުވުން: އެ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް ބޮޑަށް ބެލެވެނީ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ޕާޓީ -- ފޮޓޯ/ ރޮއިޓާސް

ފާއިތުވި ހަ ހަފުތާ ތެރޭގައި ބީއެންޕީގެ ގިނަ އަދަދެއްގެ ލީޑަރުންނާއި އެކްޓިވިސްޓުން ވަނީ ހައްޔަރުކޮށްފައެވެ.

ކޮރަޕްޝަނުގެ ދައުވާ ސާބިތުވެ ބަންދުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާގެ ބީއެންޕީން ވަނީ އެ އިންތިޚާބު ބޮއިކޮޓްކޮށްފައެވެ. އަދި އެ އިންތިޚާބުގެ އިންސާފުވެރިކަން ސަރުކާރަށް ކަށަވަރުކޮށްނުދެވޭ ކަމަށް ބުނެ، އެހެން މީހުން ވެސް ވޯޓުނުލުމަށް ގޮވާލައި، އެ ޕާޓީން ވަނީ 48 ގަޑިއިރުގެ ހަޅުތާލެއް މިއަދު ފަށައިފައެވެ.

މާދަމާގެ އިންތިޚާބުގައި 29 ޕާޓީއަކުން ވާދަކުރި ނަމަވެސް ބޮޑުވަޒީރު ޝައިޚް ހަސީނާއާ ގާތުން ވާދަކުރެވޭ ފަދަ ޕާޓީއެއް އޭގެ ތެރޭގައި ނެތެވެ. އެހެންވެ، 2009އިން ފެށިގެން ވެރިކަން ކުރައްވާ ހަސީނާއަށް އޮތީ މިހާރު ވެސް އިންތިޚާބުގެ ކާމިޔާބީ ގާތްގަނޑަކަށް ކަށަވަރުވެފައެވެ.

ހަސީނާ ވަނީ 1996އިން 2001އަށް ވެސް ބޮޑުވަޒީރުކަން ކުރައްވައިފައެވެ. އެ ދޭތެރެއިން އައި މުއްދަތުގައި ބޮޑުވަޒީރުކަން ކުރެއްވީ، 1991އިން 1996އަށް ވެސް ބޮޑުވަޒީރުކަން ކުރެއްވި ޚާލިދާ ޒިއާ އެވެ.

ޒިއާގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާތަކެއް ސާބިތުވެ 17 އަހަރަށް ޖަލަށް ލާން ހުކުމްކުރީ 2018ގައެވެ. ނަމަވެސް ސިއްހީ ސަބަބުތަކާ ހެދި އޭނާ ވަނީ 2020ގައި ގޭ ބަންދަށް ބަދަލުކޮށްފައެވެ.

އޭގެ ފަހުން އޭނާ ހުންނަވަނީ ސިޔާސީ މަސައްކަތްތަކުން ދުރުގައެވެ. އެއީ ސިޔާސީ މަސައްކަތުގައި އުޅުއްވައިފި ނަމަ ޒިޔާ އަނެއްކާވެސް ޖަލަށް ބަދަލުކުރުމަށް ގަވައިދު ތަންދޭތީއެވެ.

comment ކޮމެންޓް