ވިލިމާލޭގެ ފައިބަރު މަސައްކަތް ކުރުމަށް، ހަ މަސް ތެރޭ ތިލަފުށިން ބިން ދޫކުރަނީ

ވިލިމާލޭގައި މިއަދު ބޭއްވި ޕީއެންސީ ކެމްޕެއިން ހަރަކާތުގެ ތެރެއިން ރައީސް ޑރ. މުއިއްޒު: ފޮޓޯ: މުސާ ނަދީމް/ ސަން

ވިލިމާލޭ ރައްޔިތުން ފައިބަރު މަސައްކަތް ކުރުމަށް، ހަ މަސްދުވަހުގެ ތެރޭގައި ތިލަފުށިންް ޖާގަ ދޫކުރަން ފަށާނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ، ޕީއެންސީގެ ޓިކެޓްގައި މާލޭ ސިޓީ މޭޔަރު ކަމަށް އަދި ކައުންސިލަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން، ވިލިމާލެއަށް ވަޑަައިގެން، އެ އަވަށުގެ ރައްޔިތުންނާ މުޚާތަބްކުރައްވާ ދެއްކެވި ވާހަފުޅުގައެވެ.

ފައިބަރު މަސައްކަތް ކުރާ، އެ މަސައްކަތުން ދިރިއުޅޭ އާއިލާތައް ވިލިމާލޭގައި ތިބިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެކަމަކީ އަވަށު އެތެރޭގެ ސަރަހައްދެއްގައި އެކަން ކުރުމުން ސިއްހަތަށް ނުރައްކާ ވެދާނެ ކަމެއް ކަމަށެވެ. އެހެން ކަމުން އެމަނިކުފާނު މޭޔަރަކަށް ހުންނެވިއިރު، ތިލަފުށިން އެކަމަށް ޖާގައެއް ކަނޑައެޅުމަށް މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވިއެވެ.

އެކަން ނުވީ، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އެކަމަށް އެއްބާރުލުން ނުދެއްވުމުން ކަމަށް ރައީސް ތުހުމަތުކުރެއްވިއެވެ.

އެއާއެކު، މިހާރު ވާނީ އެ މަސައްކަތް ކުރުމަށް ތިލަފުށިން ޖާގައެއް ކަނޑައަޅުއްވާފައިވާ ކަމަށް އިއުލާނު ކުރެއްވިއެވެ.

އަދި، އެ ޖާގަތައް ތަރުތީބު ކުރެވިގެން، ފައިބަރު މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ފުރުސަތު ލިބޭނެހެން، ރަނގަޅު އުސޫލަކާ އެކީ ފެށުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

އެންމެ ގިނަވެގެން ހަ މަސްދުވަހުގެ ތެރޭގައި ވިލިމާލޭގައި މިހާރު ކުރާ ފައިބަރު މަސައްކަތް ކުރުމަށް ތިލަފުށިން ޖާގަދީ، އެ މަސައްކަތް ތިލަފުއްޓަށް ބަދަލުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

comment ކޮމެންޓް