ރައްޔިތުން ބޭނުންވާގޮތަށް ވިލިމާލެ ތަރައްގީކުރާނީ އަޅުގަނޑު: އާޒިމް

ވިލިމާލެ ރައްޔިތުންނާ އާޒިމް ބައްދަލުކުރައްވަނީ---ފޮޓޯ/ އާޒިމްފޯ މޭޔާ

ވިލިމާލޭގެ ރައްޔިތުން ބޭނުންވާ ގޮތަށް ވިލިމާލެ ތަރައްގީކުރާނީ އޭނާ ކަމަށް މާލޭ މޭޔަރު ކަމަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ވިލިމާލޭގެ 100 ގެއަކަށް ވަޑައިގަތުމަށް އިއްޔެ ހިންގި ހަރަކާތަށް ފަހު އާޒިމް ވިދާޅުވީ އެ އަވަށަކީ ވަރަށް ބޮޑަށް އިހުމާލުވެ، އަޅާނުލާ ދޫކޮށްލާފައި އޮތް ތަނެއް ކަމަށެވެ.

ވިލިމާލެ ރައްޔިތުން އަދި ޒިޔާރަތްކުރާ ފަރާތްތަކަށް އެކަށީގެންވާ ވަސީލަތް ތަރައްގީކޮށް މީހުން ޝައުގުވެރިވާ ހިތްފަސޭހަ ތަނަކަށް ވިލިމާލެ ހެދުމަކީ އާޒިމްގެ ތަސައްވުރުކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެކަން ހާސިލްކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވާ އޭނާ ވަނީ ދެއްވާފައެވެ.

ވިލިމާލެ ރައްޔިތުންނާ އާޒިމް ބައްދަލުކުރައްވަނީ---ފޮޓޯ/ އާޒިމްފޯ މޭޔާ

ގްރޭޓާ މާލެ ސަރަހައްދުގައި ރަނގަޅު ކުރަންހުރި މުނިސިޕަލް ހިދުމަތްތައް ރަނގަޅުވީ ކަމަށް އޭނާ ގަބޫލުކުރައްވާނީ، ވިލިމާލެ ބާކީނުކޮށް އެތަނުގައިވެސް އެކަށީގެންވާ ރަނގަޅު ވަސީލަތްތައް ތަރައްގީކުރެވި ހިދުމަތް ފޯރުކޮށްދޭން ފެށުމުން ކަމަށް އާޒިމް ވިދާޅުވިއެވެ.

ވިލިމާލޭގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، ވިލިމާލޭގެ ރައްޔިތުންނަށް ދަތިވާހެން، ސިއްހީގޮތުންވެސް ގެއްލުންވާނެ ފަދަ ގޮތަކަށް ފައިބަރުގެ މަސައްކަތްކުރަމުން ދިޔުމެވެ. އާޒިމް ވަނީ މީހުން ދިރިއުޅޭ ތަންތަނާ ކައިރީގައި ކުރެވޭ ހެޒާޑަސް ވޭސްޓް ކެމިކަލްތަކާ ގުޅޭ މަސައްކަތްތައް ދެނެގަނެ ދުރު ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާނެކަމުގެ ޔަގީންކަން ވިލިމާލެ ރައްޔިތުންނަށް ދެއްވާފައެވެ.

ވިލިމާލެ ރައްޔިތުންނާ އާޒިމް ބައްދަލުކުރައްވަނީ---ފޮޓޯ/ އާޒިމްފޯ މޭޔާ

ގްރޭޓާ މާލެ ތަރައްގީކުރުމަށް ގެންގުޅުއްވާ ވިސްނުމުގެ ތެރެއިން ވިލިމާލޭގެ ބޮޑެތި މަގުތައްވެސް މަރާމާތުކުރައްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އޭނާ ގަބޫލުކުރައްވާ އުސޫލަކީ އާދޭސްނުކޮށް ރައްޔިތުންނަށް ހިދުމަތް ލިބެންޖެހޭނެ ކަން ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި 24 ގަޑިއިރު ސިޓީކައުންސިލުގެ ހިދުމަތްތައް ރައްޔިތުންނަށް ލިބޭނެ ނިޒާމެއް ގާއިމްކުރައްވާނެކަމަށް އޭނާގެ ކެމްޕޭނު މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ.

މާލެ ސިޓީ މޭޔަރުކަމަށް ކުރިން އިންތިހާބުވި ބޭފުޅުން ވިލިމާލޭގެ ތަރައްގީގައި އިހުމާލުވެފައިވީ ކަމަށް ވިދާޅުވެ، އާޒިމް ޔަގީންކަން ދެއްވަނީ، އޭނާގެ ފެހި ތަނަވަސް މާލެ ތަސައްވުރު ހަޤީޤަތަކަށް ވެގެން ދާއިރު ރައްޔިތުންނަށް އިހްސާސްކުރެވި، ފަސޭހަ ހިދުމަތް ލިބޭގޮތަށް ވިލިމާލޭ ޑިވެލޮޕްކުރެވޭނެ ކަމަށެވެ.

އަދިވެސް މީގެ އިތުރުން އާޒިމް ވަނީ އޭނާ އެ މަގާމަށް އިންތިހާބުވެއްޖެ ނަމަ ކުރާނެ އެތައް ކަމެއް ރައްޔިތުންނާ ހިއްސާ ކުރައްވަައިފައެވެ.

comment ކޮމެންޓް