ރައްޔިތުން ރިސްކު ނުނަންގަވާ، ސަރުކާރު ކެންޑިޑޭޓު ހޮއްވަވާ: ރައީސް

ވިލިމާލޭގައި މިއަދު ބޭއްވި ޕީއެންސީ ކެމްޕެއިން ހަރަކާތުގެ ތެރެއިން ރައީސް މުއިއްޒު އަދި ޕީއެންސީ މޭޔަރު ކެންޑިޑޭޓު އާޒިމާ --- ފޮޓޯ: މޫސާ ނަދީމް

ވިލިމާލޭގެ ތަރައްގީ ހުއްޓިދާނެ ފަދަ ރިސްކެއް އެ އަވަށުގެ ރައްޔިތުން ނުނަންގަވައި، މާލޭ ސިޓީގެ މޭޔަރަކަށް ސަރުކާރުގެ ކެންޑިޑޭޓު ހޮއްވެވުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ، އެ މަނިކުފާނުގެ ޕާޓީ، ޕީއެންސީގެ ޓިކެޓްގައި މާލޭ ސިޓީ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން، ވިލިމާލެއަށް ވަޑަައިގެން، އެ އަވަށުގެ ރައްޔިތުންނާ މުޚާތަބްކުރައްވާ ދެއްކެވި ވާހަފުޅުގައެވެ.

މާލެ ސިޓީގެ މޭޔަރަކަށް ހޮވަންވާނީ ސަރުކާރަށް އެއްބާރުލުންދީ، ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރާނެ، ސަރުކާރާ އެއްކޮޅު ކެންޑިޑޭޓެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ވިލިމާލޭގައި މިއަދު ބޭއްވި ޕީއެންސީ ކެމްޕެއިން ހަރަކާތުގެ ތެރެއިން ރައީސް މުއިއްޒު ވިލިމާލެ ރައްޔތުންނާއި މުހާތަބުކުރައްވަނީ --- ފޮޓޯ: މޫސާ ނަދީމް/ ސަން

"ތި ބޭފުޅުން ރިސްކު ނުނަންގަވާތި. އަޅުގަނޑުމެންގެ ކެންޑިޑޭޓް ހޮއްވެވީމަ ވަރަށް ފަސޭހަކަމާއެކު ރައްޔިތުން އެދޭގޮތަށް ކަންކަން ތަރުތީބުވެ، މި ރަށުގައި މިތާގައި ކުރަން ޖެހޭ ހުރިހާ ކަމެއް ހަމަޖެހިގެންދާނެ." ރައީސް ވިދާޅުވިއެވެ.

އެގޮތުން، އެމަނިކުފާނު މޭޔަރުކަމުގައި ހުންނެވިއިރު ވިލިމާލޭގެ ތަރައްޤީއަށް ކުރަން ރޭވި ގިނަ މަސައްކަތް ކުރުމަށް އޭރުގެ ސަރުކާރުން ފިއްތުންތައް ކުރިމަތިކުރުވިކަމަށް ރައީސް ތުހުމަތުކުރެއްވިއެވެ.

ނަމަވެސް، އެމަނިކުފާނު ސަރުކާރާއި ހަވާލުމަށްފަހު އެ މަޝްރޫއުތައް ބާރު ދުވެލީގައި ކުރިއަށް ގެންދަމުންދާކަމުގެ ޔަޤީންކަން ދެއްވިއެވެ.

އޭގެ ތެރޭގައި، ވިލިމާލޭގެ އިމާރާތްތައް 10 ބުރިއަށް ނެގުމުގެ ހުއްދަ ދިނުމާއި، ވިިލިމާލެ ފަޅުން ތެޔޮ ބޯޓުތައް ނެގުމާއި، ވިލިމާލޭގައި ފައިބަރު މަސައްކަތް ކުރަމުންދާ މަސައްކަތްތެރިންނަށް ތިލަފުށިން ޖާގަދިނުމާއި، ވިލިމާލެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤިކުރުމާއި ސީ އެމްބިއުލާންސް ތައާރަފުކުރުން ހިމެނެއެވެ.

އަދި، އިދިކޮޅު ފަރާތްތަކުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށް ކަމަށާއި އެ ބޭފުޅުން ބޭނުނުންފުޅުވަނީ ތަރައްޤީ ފަހަތަށް ޖެއްސުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

ވިލިމާލޭގެ ފެހިކަން ގެއްލިޔަނުދީ، ވިލިމާލޭގައި މީހުން އާބާދުވީއްސުރެ ނުދެކޭފަދަ ތަރައްޤީ ގެނެސްދެއްވާނީ މި ސަރުކާރުން ކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ކުރުމަށް މިވަގުތަށް އެންމެ މުހިއްމީ ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކެންޑިޑޭޓް، ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ހޮއްވެވުން ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ކެމްޕެއިން ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފް އާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އަދި، މި ހަރަކާތުގައި ވިލިމާލޭގެ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުމަށް، ޑޯ ޓު ޑޯ ހަރަކާތެއްވެސް މިވަގުތު ކުރިއަށް އެބަދެއެވެ.

comment ކޮމެންޓް