ވީއައިއޭއަށް ބިން ހިއްކަން، ސީ ޕްލޭން ޚިދުމަތް އެހެން ރަށަކަށް ބަދަލުކޮށް ރެއިލުން ގުޅައިލަނީ

ސީޕްލޭން ޓާމިނަލް އެހެން ރަށަކަށް ބަދަލުކުރަން ނިންމުން --

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ތަރައްގީއަށް ބިން އިތުރުކުރުމަށް ޓަކައި ސީ ޕްލޭން ޓާމިނަލްގައި ދެމުން އަންނަ ސީޕްލޭންގެ ހުރިހާ ޚިދުމަތެއް ހޫލުމާލެ ކައިރި އޮތް އެހެން ރަށަކަށް ބަދަލުކޮށް ރެއިލްގެ ނިޒާމުން ގުޅައިލަން ނިންމައިފިއެވެ.

މި ކަން ހާމަކޮށްފައިވަނީ ވީއައިއޭގެ ތަރައްގީއަށް މިރޭ އިފްތިތާހުކުރި މަޝްރޫއުގެ ތެރެއިންނެވެ.

މިކަމާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސީ ޕްލޭން ޓާމިނަލާއި، ފުނަދުއާއި، މާލެއާއި ހުޅުލެއާ ގުޅުވާލައި، ބްރިޖެއް ތަރައްގީކުރާނެ ކަމަށެވެ. އަދި މޮނޮރެއިލް ޚިދުމަތާއެކު ޕަބްލިކް ޓްރާންސްޕޯޓު ސިސްޓަމެއް ގާއިމުކުރައްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަދި އެ ފުނަދޫއާ މާލެއާ، ފުނަދޫ އާ ހުޅުލެއާ ގުޅުވާލެވިފައިވާ ބްރިޖެއް ގާއިމު ކުރެވި، އަދި ހުޅުލެއިން ހުޅުމާލެއިން ސީޕްލޭން ޓާމިނަލަށް، ހުޅުލެއިން ސީޕްލޭން ޓާމިނަލަށް ވަށައިޖެހޭ ގޮތަށް ބްރިޖު އެޅި ޕަބްލިކް ޓްރާންސްޕޯޓު ނިޒާމެއް ޚާއްސަކޮށް ރޭލް ސިސްޓަމެއް ގާއިމުކުރެވި ފަސޭހަކަމާއެކީގައި ޕެސެންޖާސްއިންނާ ކަސްޓަމަރުން އަދި މުވައްޒަފުންނަށް ދަތުރު ކުރެވޭ ފަދަ ނިޒާމެއް ގާއިމުކުރުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސީ ޕްލޭން ޓާމިނަލް ޕްލޭންގައިވާ ގޮޮތަށް އެހެން ތަނަކަށް ބަދަލުކުރެވުމުން ވީއައިއޭ ތަރައްގީ ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މީގެ އިތުރަށް މި ޖަލްސާގައި ވަހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ސީ ޕްލޭން ޓާމިނަލް ބަދަލު ކުރުމުގެ މަސައްކަތާ ގުޅިފައިވާ އަނެއް ކަމަކީ ފުނަދޫގައި މިހާރު ހުރި އެސްޓީއޯގެ އޮއިލް ސްޓޯރޭޖް އެހެން ތަނަކަށް ބަދަލުކުރުން ކަމަށެވެ.

https://sun.mv/186956

"އެކަމަކީ ވެސް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ފެށި އޭގެ ބޮޑު މަސައްކަތެއް ނިންމައި، ގިނަ ވެގެން 18 މަސް ދުވަހުގެ ތެރޭގައި މި އަހަރުން ފެށިގެން މާނައަކީ މި އަންނަ އަހަރުގެ މެދަކާ ހަމައަށް، ނުވަތަ މިއަންނަ އަހަރު ނިމޭ އިރަށް، 18 މަހާއި 24 މަސް ނުވަތަ ދޮޅު އަހަރާއި ދެ އަހަރާ ދޭތެރޭގައި، އޮއިލް ސްޓޯރޭޖް އެހެން ތަނަކަށް ރީ ލޮކޭޓް ކުރުމުގެ މަސައްކަތް ނިންމޭނެ" ރައީސް ވިދާޅުވިއެވެ.

ތެޔޮ ފުނަދޫގައި ހުރި ތެޔޮ ޓޭންކުތައް އެހެން ތަނަކަށް ރިލޮކޭޓުކޮށް، އެ ރަށުގައި ވެސް ޒަމާނީ ފެންވަރުގެ ފައިނޭންޝަލް ސެންޓަރެއް ތަރައްގީކުރާނެއެވެ. އަދި ކޮންވެންޝަން ސެންޓަރުތަކާއި ހޮޓާތައް ތަރައްގީކުރާނެއެވެ.

ސީޕްލޭން ޓާމިނަލް ބަދަލުކުރަން ނިންމިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުންވަނީ، ވީއައިއޭގައި ސީޕްލޭންގެ ޚިދުމަތް ޒަމާނީކުރުމަށް މުޅިން އާ ޓާމިނަލެއް ވެސް ތަރައްގީކުރައްވައިފައެވެ. އެ ކަމަށް ބޮޑު ޚަރަދެއް ކޮށްފައިވެއެވެ.

ވީއައިއޭ ތަރައްގީކުރުމުގެ ބިޔަ މަޝްރޫއަކީ 20 އަހަރު ދުވަހަށް ބަހައިލައިގެން ހިންގާ މަޝްރޫއެކެެވެ.

comment ކޮމެންޓް