ޣައްޒާ ހަނގުރާމަ ހުއްޓަން ގޮވައިނުލާތީ އެމެރިކާގެ އެޑިޔުކޭޝަން ޑިޕާޓްމެންޓް އޮފިޝަލަކު މަގާމުން ވަކިވެއްޖެ

އެމެރިކާގެ ރައީސް ޖޯ ބައިޑެން. އެމެރިކާއަކީ މާލީ އަދި އަސްކަރީ ގޮތުންވެސް އިސްރާއީލަށް ވާގިވެރިވަމުން އަންނަ ގައުމެއް. ފޮޓޯ/ވޮޝިންޓަން ޕޯސްޓް

އިސްރާއީލު ފައުޖުތަކުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ އުދުވާނީ ޙަމަލާތަކުގައި ޝަހީދުކުރަމުން އަންނަ ކުށެއްނެތް އާންމުން އިތުރުވަމުން އަންނައިރު ވެސް ހަނގުރާމަ ހުއްޓައިލުމަށް އެމެރިކާއިން ގޮވައިނުލާތީ އެމެރިކާގެ އެޑިއުކޭޝަން ޑިޕާޓްމަންޓުގެ އިސް އޮފިޝަލަކު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އެޑިއުކޭޝަން ޑިޕާޓްމަންޓުގެ އޮފީސް އޮފް ޕްލޭނިން، އިވެލުއޭޝަން އެންޑް ޕޮލިސީ ޑިވެލޮޕްމަންޓްގެ ސްޕެޝަލް އެސިސްޓެންޓް ތާރިގް ހަބާޝް އެޑިއުކޭޝަން ސެކްރެޓަރީ މިގްއެލް ކާޑޯނާއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އެމެރިކާގެ މިހާރުގެ ވެރިކަމުގައި ކުށެއް ނެތް ފަލަސްތީނުގެ ފުރާނަތަކަށް ކުރާ އަނިޔާތައް ނުފެންނަ ކަމަށް ހަދައިގެން ތިބެނީ ކަމަށެވެ.

ނަމަވެސް އެކަމާ މެދު އެއްޗެއް ނުބުނެ އޭނާއަށް ނުހުރެވޭނެ ކަމަށެވެ. އަދި އެއީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތައިލުމުގެ ކެމްޕޭނެއް ކަމަށް ވެސް ތާރިގް ވިދާޅުވިއެވެ.

ފަލަސްތީނާއި އެމެރިކާއަށް ނިސްބަތްވާ ތާރިގަކީ އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ރިޔާސީ ދައުރުގެ ކުރީކޮޅު އައްޔަން ކުރި އެޑިއުކޭޝަން ޑިޕާޓްމަންޓުގެ އޮފިޝަލެކެވެ.

ޔަހޫދީންނަށް ތާއީދުކޮށް ފަލަސްތީނުގައި އިސްރާއިލުން ހިންގާ ޖަރީމާތައް ހުއްޓުވުމަށް މަސައްކަތްނުކުރާ ކަމަށްބުނެ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ކުރީގެ އޮފިޝަލެއް ކަމަށްވާ ޖޯޝް ޕޯލް ވެސް ވަނީ އޮކްޓޯބަރު މަހު މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

މިހާރުން މިހާރަށް ހަނގުރާމަ ހުއްޓައިލުމަށް އިސްރާއީލަށް ގޮވައިލުމަށް ސްޓޭޓް ޑިޕާޓްމަންޓުގެ ބައެއް ކަމަށްވާ ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއޭއައިޑީ)ގެ 1،000 އަށް ވުރެ ގިނަ އޮފިޝަލުން މިދިޔަ ނޮވެމްބަރު މަހު ވަނީ ބައިޑެންއަށް ސިޓީއެއް ވެސް ފޮނުވައިފައެވެ.

އެމެރިކާއަކީ މާލީ އަދި އަސްކަރީ ގޮތުންވެސް އިސްރާއީލަށް ވާގިވެރިވަމުން އަންނަ ގައުމެކެވެ.

ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލައި އދ.ގެ ސަލާމަތީ މަޖިލީހުން މިދިޔަ މަހު ހުށަހެޅި ދެ ގަރާރަށް ވެސް އެމެރިކާއިން ވަނީ ހުރަސްއަޅައިފައެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ފައުޖުތަކުން ޣައްޒާގެ އާންމުންނަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 22،313 ފަލަސްތީނު މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

comment ކޮމެންޓް