މާލެއާއި ވިލިމާލެއާ ދެމެދު ސީއެމްބިއުލާންސްގެ ޚިދުމަތް ފަށައިފި

ސީ އެމްބިއުލާންސްގެ ހިދުމަތް ފަށަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- އިންފިނަޓް މޯމެންޓްސް/މުހައްމަދު މާނިއު

ދަރުމަވަންތަ ހޮސްޕިޓަލުން ވިލިމާލެއާއި މާލެއާ ދެމެދު ސީ-އެމްބިއުލާންސްގެ ޚިދުމަތް މިއަދު ފަށައިފިއެވެ.

އެ ޚިދުމަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީން ވަނީ ދަރުމަވަންތަ ހޮސްޕިޓަލާ ލޯންޗު ހަވާލުކޮށްފައެވެ. އަދި އެ ޚިދުމަތް ފެށުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އާއި އެ ހޮސްޕިޓަލުން ވަނީ ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލެވެ. ދަރުމަވަންދަ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީލެވެ.

އެ ރަސްމިއްޔާތުގައި އަބްދުއްރައްޒާގު ވިދާޅުވީ، ވިލިމާލޭގެ ރަތްޔިތުންނަށް ފަސޭހަކަމާއެކު އައިޖީއެމްއެޗްއަށް ވާސިލްވެވޭނެ ގޮތަށް ސިއެމްބިއުލާންސްގެ ޚިދުމަތް ފަށާފައިވަނީ ސަރުކާރުން އިސް ނަގައިގެން ކަމަށެވެ.

''ވިލިމާލޭ ހޮސްޕިޓަލުން އަޅުގަނޑުމެންނަށް އެންމެ އެކަށީގެންވާ ޚިދުމަތްތަކެއް ފޯރުކޮށްދެވެމުން ނުދާތީވެ އަދުގެ ސަރުކާރުން، ޚާއްޞަކޮށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ވިލިމާލޭގެ ސިއްހީ ޚިދުމަތްތުގެ ވަސީލަތްތައް ފުރިހަމަ ކުރުމަށް ޓަކައި ވައުދުވެވަޑައިގެންފައި،'' އެނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ސީ އެމްބިއުލާންސް ބާއްވަނީ ވިލިމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗްގެ ބެލުމުގެ ދަށުން ކަމަށާއި ލޯންޗް ބާއްވަން މާލެ ފަޅުން ޖާގައެއް ސިޓީ ކައުންސިލުން ހަމަޖައްސައިދީފައިވާ ކަމަށް އަބްދުއްރައްޒާގު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ޚަލީލް ވިދާޅުވީ ސީއެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަނީ ރާއްޖޭގައި މިހާރު ބޭނުންކުރާ ލޯންޗުފަހަރަށް ވުރެ ރަނގަޅު ލޯންޗު ކަމަށެވެ.

ސީއެމްބުލާންސްގެ ޚިދުމަތް ފެށުމުން ސިއްހީ ދާއިރާގެ ޚިދުމަތް ތަރައްގީކުރުމުގެ މަސައްކަތް ނިމުނީ ނޫންކަމަށާއި، މި ޚިދުމަތްވެސް އިތުރަށް ފުޅާކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، އިތުރު މެޑިކަލް އާލާތްތައް ހަރުކުރަން ޖެހިއްޖެ ނަމަ އެކަންވެސް ކުރާނެ ކަމަށް އޭނާ ވިދާވިއެވެ.

''މިއަދަށް ވުރެ މާދަމާ ތިޔަ ބޭފުޅުންނަށް ދެވޭ ޚިދުމަތްތައް ފުރިހަމަކުރުން، އެއީ އަޅުގަނޑުމެންގެ އަމާޒަކީ،'' ޚަލީލް ވިދާޅުވިއެވެ.

ސީއެމްބިއުލާންސްގެ ޚިދުމަތުގެ އިތުރުން، ވައިގެ މަގުން ބަލިމީހުން އުފުލުމަށް އެއާ އެމްބިއުލާންސްގެ ޚިދުމަތް ރާއްޖޭގައި ތައާރަފު ކުރާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެ މަނިކުފާނުގެ ރިޔާސީ ކެމްޕެއިންގެ ތެރޭގައި ވައުދުވެވަޑައިގެންފައެވެ.

comment ކޮމެންޓް