ޖޭއެސްސީގެ ރައީސް ހިސާން، މަޖިލީހަށް ވާދަނުކުރާން ނިންމައިފި

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން: އޭނާ ވަނީ މަޖިލީހަށް ވާދަނުކުރާން ނިންމާފައި -- ފޮޓޯ/ މަޖިލިސް

ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަން ވެސް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އަންނަ އަހަރު އޮންނަ 20 ވަނަ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރާން ނިންމައި، މިއަދު އެކަން އިއުލާނު ކުރައްވައިފިއެވެ.

ހިސާން ޖޭއެސްސީގެ ރިޔާސަތު ބަލަހައްޓަވަނީ އެ ކޮމިޝަނަށް މަޖިލީސް މެންބަރުންގެ ތެރެއިން ކަނޑައަޅައި މެންބަރުގެ ހައިސިއްޔަތުންނެވެ. އޭނާއަކީ އެ ކޮމިޝަނުގެ ރިޔާސަތު ބަލަހައްޓަވާ ފުރަތަމަ އަންހެން މެންބަރެވެ. އޭނާއަކީ ތަޖުރިބާކާރު ގާނޫނީ ވަކީލެކެވެ.

އޭނާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ތުޅާދޫ ދާއިރާ ތަމުސީލުކުރަން ދާއިރާގެ ރައްޔިތުން ދެއްވި ފުރުސަތަށް ޝުކުރު އަދާކުރައްވައިފައެވެ. އެކަމަކު، އަންނަ އަހަރުގެ މަޖިލީސް އިންތިޚާބުގައި ވާދަނުކުރާން ނިންމާފައިވާކަން ހިސާން ވަނީ އިއުލާނުކުރައްވައިފައެވެ.

"ކުރިއަށް އޮތް ތަނުގައި ވެސް އެމްޑީޕީއާ އެކު ހުންނާނެކަމުގެ ޔަގީންކަން އަރުވަމުން، 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު ކުރިމަތިނުލާން ނިންމާފައިވާކަމުގައި ދަންނަވަން،" ހިސާން ވިދާޅުވިއެވެ.

"އުންމީދަކީ މާތް اللهގެ ވާގިފުޅާއެކު އަބަދުވެސް ރައްޔިޔުންނަށް ހިދުމަތްކުރުމުގައި ދެމިހުރުން،"

ހިސާން އެންމެ ގިނަ ދުވަހު ޚިދުމަތްކުރީ ބަންޑާރަނައިބުގެ އޮފީހުގައެވެ. އޭގެ ފަހުން، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ވަނީ ރައީސް އޮފީހުގެ ލީގަލް ސެކެޓަރީކަން ކުރައްވައިފައެވެ. އޭގެ ފަހުން، އުފެދުނު ޕީޕީއެމްގެ ސަރުކާރުގައި ހައްޔަރުކުރި ގިނަ ސިޔާސީ ބޭބޭފުޅުންގެ ވަކީލެއްގެ ހައިސިއްޔަތުން ވެސް މުހިއްމު ގިނަ މައްސަލަތަކެއްގައި އޭނާ ވަނީ ވަކާލާތު ކުރައްވައިފައެވެ.

comment ކޮމެންޓް