ޓޫރިސްޓު އުޅަނދުތަކުގެ އާ ގަވާއިދުން ވެސް ކަންބޮޑުވުންތަކަށް ހައްލު ނުލިބޭ: މާޔާ

މީގެ ކުރިން ރާއްޖެ އައި ކްރޫޒް ލައިނާއެއް: ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ސަރުކާރުން އިއްޔެ ގެޒެޓުކުރި, ރާއްޖެ އަންނަ ޓޫރިސްޓު އުޅަނދުފަހަރުގެ އާ ގަވާއިދުން ވެސް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޔޮޓް އެޖެންޓްސް (މާޔާ)ގެ ކަނބޮޑުވުންތަކަށް ހައްލެއް ނުލިބޭ ކަމަށް މާޔާއިންް ބުނެފިއެވެ.

މިކަމާ ގުޅޭގޮތުން 'ސަން'އަށް މައުލޫމާތު ދެއްވަމުން މާޔާގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މާޔާއިން ކަންބޮޑުވާ ކަންތައްތަކެއް އާ ގަވާއިދުގައިވެސް ހިމެނޭ ކަމަށެވެ. އެހެން ނަމަވެސް ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި، މާޔާއާ އެކު މަސައްކަތްކޮށްގެން ގަވާއިދަށް ވަރަށް ބޮޑެތި އިސްލާހުތަކެއް ސަރުކާރުން ގެންނާނެކަމަށް މާޔާއަށް މައުލޫމާތު ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އަލަށް ނެރުނު ގަވާއިދުގައި ހަމައެކަނި ބަދަލު އައީ ކްރުޒްލައިނާތަކަށް ކަމަށެވެ. މިހާރު ކްރޫޒްލައިނާތަކަށް ވަންނަން ހަތް ދުވަސް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް މާޔާއިން ހުށަހެޅި ހުށަހެޅުމުގައި މި ހަތް ދުވަހަށް ވަންނަ އިރުވެސް މިހާރު ލިބެން އޮތް އާމްދަނީއަށް ވުރެ ބޮޑު އާމްދަނީއެއް ދައުލަތަށް ލިބޭނެ ގޮތް ހުށަހަޅައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިހާރު ގަވާއިދުގައި އޮތް ގޮތުން އެ އުޅަނދުތަކުން ދުވާލަކަށް ލިބޭނީ ގްރީން ޓެކުހާއި ކޮންމެ ދުވަހަކަށް ނަގާ 850 ރުފިޔާއެވެ. އެހެން ނަމަވެސް މާޔާއިން ހުށަހެޅީ ޕެސެންޖާ ލައިންގައި އަންނަ ކޮންމެ ފަސިންޖަރަކަށް ބޮލަކަށް 10 ޑޮލަރު ލިބޭ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތަށް ބަދަލު ގެނެސްފި ނަމަ، ގްރީން ޓެކުހާއެކު ހަމައެކަނި ޕެސެންޖާ ފީގެ ގޮތުގައި ވެސް 16 ޑޮލަރު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެވަރެޖުކޮށް 2000 ފަސިންޖަރުންނާއެކު އަންނަ ކްރޫޒްލައިނާއަކުންނަމަ ޖުމްލަ 32،000 ޑޮލަރު ދައުލަތަށް ލިބޭނެކަން ނަޝީދު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ވަރަށް އެދުނިން ދެން އަޅުގަނޑުމެން ހުށަހެޅިގޮތަށް އެބައި އިސްލާހުކޮށްދެއްވާތޯ. ދެން އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ގޮތުން މީ މިވަގުތަށް ގެނައި ކުޑަކުޑަ އިސްލާހެއް. ދެން ކުރިއަށް މިއޮތް މަސްދުވަސް ތެރޭގަ އަސްލު ރަނގަޅު ބޮޑު އެއް އިސްލާހު އަންނާނެ ކަމަށް އަޅުގަނޑުމެންނާއެކު ބޭއްވުނު ބައްދަލުވުންތަކުގަ ވާހަކަ ދެކެވުނީ،" ނަޝީދު ވިދާޅުވިއެވެ.

ދައުލަތުން ދެން ގެންނަ އިސްލާހުގައި މާޔާއިން ހުށަހެޅި ކަންކަމަށް ރިއާޔަތްކޮށް ގަވާއިދު ހަދާނެކަމަށް ވަރަށް ބޮޑަށް އުންމީދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޓޫރިސްޓު އުޅަނދުތަކުގެ ގަވާއިދަށް އިއްޔެ ގެނައި ބަދަލާއެކު، ރާއްޖެ އަންނަ އުޅަނދުފަހަރުގެ ތެރެއިން ހަތް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ރާއްޖެ އަންނަ އުޅަނދުފަހަރުތަކުން ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހުއްދަ ހޯދަން ޖެހޭނެއެވެ.

އަދި ޕެސެންޖާ ލައިނާތަކުގެ ފީ އެއްގެ ގޮތުގައި ރާއްޖޭގައި މަޑުކުރާ ކޮންމެ ދުވަހަކަށް 850 ޑޮލަރު ދައްކަން ޖެހޭނެއެވެ.

އެހެން ނަމަވެސް މިނިސްޓްރީން ނަގަން ޖެހޭ ހުއްދަ ނަގައިފައިވާނަމަ ކުރިން ޓޫރިސްޓު އުޅަނދުތަކުން ދައުލަތަށް ނަގާ 100 ޑޮލަރުގެ ފީ މިހާރު އެ އުޅަނދުތަކުން ދައްކާކަށް ނުޖެހޭނެއެވެ.

މީގެ އިތުރުން އެ ހުއްދަ ނަގައިފައިވާނަމަ ކުރީގެ ގަވާއިދުގައި ކޮންމެހެން ނަގަންޖެހޭ ޗާޓާ ލައިސެންސް ވެސް މިހާރު ނަގާކަށް ނުޖެހޭނެއެވެ.

މީގެ އިތުރުން ގަވާއިދާ ޚިލާފުވާ އެޖެންޓުންނަށް އަޅާ ފިޔަވަޅުތަކަށްވެސް އަލަށް ނެރުނު ގަވާއިދުގައި ވަނީ ކޮންމެވެސް ވަރަކަށް ބަދަލު ގެނެސްފައެވެ.

އެގޮތުން ދެ ފަހަރަށް ވުރެ އިތުރަށް ގާނޫނާ ޚިލާފު ވެއްޖެ ނަމަ، އަލަށް ނެރުނު ގަވާއިދުގައި 6000 ޑޮލަރުން ޖޫރިމަނާ ކުރުމަށްފަހު، އެ ފަރާތްތަކަށް ދޫކޮށްފައިވާ ލައިސެންސް ނުވަތަ ހުއްދަ ވެސް ބާތިލު ކުރާނެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނެރުނު ގަވާއިދުގައި، 6000 ޑޮލަރުން ޖޫރިމަނާ ކުރި ނަމަވެސް ދޫކޮށްފައިވާ ލައިސެންސް ނުވަތަ ހުއްދަ ބާތިލެއް ނުކުރެއެވެ.

ޓޫރިސްޓު އުޅަނދުތަކާ ގުޅޭ އާ ގަވާއިދެއް ގެޒެޓު ކުރުމާއެކު، ވޭތުވެދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ނެރުނު ގަވާއިދު ވަނީ އުވާލައިފައެވެ.

އެފަހަރު މާޔާއިން ބުނީ އެ ގަވައިދު އެކުލަވާލީ ދާއިރާގެ ތަޖުރިބާކާރުންނާ މަޝްވަރާނުކޮށް ކަމަށާއި އެ ބަދަލުތަކާއެކު މުޅި އިންޑަސްޓްރީ ހުއްޓުމަކަށް އައި ކަމަށެވެ.

comment ކޮމެންޓް