މިއަދު ރާއްޖެ އައި ޕެސެންޖާލައިނާއިން، 159 ފަތުރުވެރިންނަށް ކްލިއަރެންސް ދީފިއެވެ.
މިއަދު ހެނދުނު މާލެ ކައިރިއަށް ބަނދަރު ކުރި ޕެސެންޖާލައިނާ "އެމްއެސް ލުމިނާރާ" އައިސްފައިވަނީ ސީޝެލްސް އިންނެވެ.
ކަސްޓަމްސް އިން ބުނީ އެމްއެސް ލުމިނާރާ އަށް ކްލިއަރެންސް ދީފައިވާކަމަށާއި، އޭގެން ފަތުރުވެރިންގެ އިތުރުން 372 ކުރޫއިން ހިމެނޭކަމަށެވެ.

ޕެސެންޖާލައިނާ "އެމްއެސް ލުމިނާރާ" މިއަދު ވަނީ ކްލިއަރެންސް ފުރިހަމަކޮށްފައި: ފޮޓޯ/ ކަސްޓަމްސް
ޕެސެންޖާލައިނާއި، ކްރޫޒްލައިންތައް ރާއްޖެއަށް އަންނަ ސީޒަން، ފެށިފައިވާއިރު، އެންމެ ފުރަތަމަ ކުރޫޒްލައިނާ އައިސްފައިވަނީ މި މަހުގެ 3 ވަނަ ދުވަހުއެވެ. އެއީ 'އަޒަމަރާ ޕާސުއިޓް' އެވެ. އެ ކުރޫޒްލައިނާގައި ތިބީ 649 ފަސިންޖަރުންނާއި 396 ކްރޫއިންނެވެ.
ރާއްޖެއަށް ކްރޫޒްލައިނާތައް ގެންނަ ކުންފުނިތައް ތަމުސީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ)ގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ވަނީ، ކްރޫޒްލައިނާތަކުން އަންނަ ފަތުރުވެރިން މާލެއަށް ބާލާނެ ތަނެއް ނެތުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން، އެކަން ކުރުމަށް ހުއްދަ ދީފައި އޮންނަނީ އެއް ނަންބަރު ޖެޓީއާއި މަސްވެރިންގެ ޕާކު ސަރަހައްދަށްކަން އޭނާ ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް ތަންތަނުގައި މަރާމާތުގެ މަސައްކަތްތައް ކުރިއަށްދާތީ ފަތުރުވެރިން އަޔަސް، މާލެއަށް ބާލާނެ ތަނެއް ނެތް ކަން ކަންބޮޑުވުމާއެކު، އޭނާ ފާހަގަކުރެއްވިއެވެ.